ނުބައި ގޮތަށް ވިސްނުން
އަންހެނަކު އޭނާގެ ފިރިމީހާއަށް ވަރަށް ބޮޑަށް ޝައްކު ކުރެއެވެ. އެއް ދުވަހަކު ފިރިމީހާ އޮފީހުން ނިމިގެން ގެއަށް އައުން މާ ބޮޑަށް ލަސްވީމާ މަންމަ ގާތު ޝަކުވާ ކުރަން ފަށައިފިއެވެ.
"މަންމާ. އޭނާ މިހާރު އުޅެނީ އޮފީހުން ކޮންމެވެސް ކުއްޖަކާ ރައްޓެހި ވެގެންކަން އަހަންނަށް ޔަގީން. ނޫނެކޭ މަންމަ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަން."
މަންމަ ބުންޏެވެ. "ދަރިފުޅާ. ތިޔައީ ވަރަށް ދެރަ ކަމެއް. ދަރިފުޅު އަބަދުވެސް ވިސްނަނީ ކަމެއް އޮންނަ އެންމެ ނުބައި ގޮތަށް. އެއް ފަހަރު ނިކަން ރަނގަޅަށް ވިސްނާލަބަލަ. އޭނާ އަންނަނިކޮށް ބޮޑު އެކްސިޑެންޓެއް ވީ ކަމަށްވެސް ވެދާނެނު؟"
ދުވާ ފާރު
އެއް ދުވަހަކު ވަރަށް ފަގީރު އަވަށެއްގެ މީހަކު އޭނާގެ އަނބިމީހާއާއި ކުޑަ ފިރިހެން ދަރިފުޅު ގޮވައިގެން ބޮޑު ސަހަރަކަށް އަތުވެއްޖެއެވެ. މި ދެމަފިރިންނަކީ އުމުރުން ދުވަސްވެފައި ތިބި ދެ މީހުންނެވެ.
ތިން މީހުން އެތައް ބުރިއަކަށް އުސްކޮށް ހަދާފައި ހުރި ފިހާރައަކަށް ވަންނާން ގޮސްފައި އަނބިމީހާ ބުންޏެވެ. "އަހަރެން ވަރުބަލި ވެއްޖެ. އަހަރެން ކަހަލަ މުސްކުޅިއަކު ގޮވައިގެން ހިނގާފައި މިހައި ދުރަށް އައީމާ ވާނެ ގޮތް މި އޮތީ ވެފައި. ދެބަފައިން ވަދެފައި އާދޭ. އަހަރެން މިތާނގައި އިންނާނަން."
ދެބަފައިން އޭނާ ބޭރުގައި ހުރި ގޮނޑިއެއްގައި ބައިންދާފައި ފިހާރައަށް ވަދެއްޖެއެވެ. އެ ވަގުތު ފެނުނީ ވަރަށް ހައިރާން ވާ ކަހަލަ މަންޒަރެކެވެ. ފިހާރައިގެ އެއް ފަރާތު ފާރުން ތަންކޮޅެއް މައްޗަށް އަރަމުން ދިޔަ ތަނެވެ. ދަރިފުޅު އަހަެިފިއެވެ. "ބައްޕާ އެއީ ކޯނޗެއް؟"
ބައްޕަ ބުންޏެވެ. "ބައްޕައަކަށްވެސް ނޭނގޭ."
ދެން ފެނުނީ ފާރު އަނެއްކާވެސް ތިރިއަށް އައި ތަނެވެ. އަދި ކުއްލިއަކަށް ހުޅުވިއްޖެއެވެ. ހުޅުވުނީމާ ފެނުނީ ކުޑަކުޑަ ގޮޅިއެކެވެ. އެ ވަގުތު ފާރު ކައިރީގައި ހުރި ވަރަށް މުސްކުޅި އަންހެނަކު އޭގެ ތެރެއަށް ވަދެއްޖެއެވެ. ވަނުމާއެކު ފާރު ލެއްޕިއްޖެއެވެ. އަނެއްކާވެސް މައްޗަށް އަރައިގެން ހިނގައްޖެއެވެ. ދެބަފައިން ހައިރާންވެފައި ބަލަހައްޓައިގެން ތިއްބައި ފާރު އަނެއްކާވެސް ތިރިއަށް އައިސް ހުޅުވިއްޖެއެވެ. އެއްކަލަ ގޮޅިން އެ ނުކުތީ ވަރަށް ޒުވާން ރީތި އަންހެން ކުއްޖެކެވެ.
ބައްޕަ ދަރިފުޅު ގާތު ބުންޏެވެ. "ދަރިފުޅާ. އަވަހަށް ދުވެފައި ގޮސް މަންމަ ގޮވައިގެން އާދޭ!"
ޚަބަރު
އަނބިމީހާ ނޫހުގައި އޮތް ޚަބަރެއް ކިޔައިލިއެވެ. ޚަބަރުގައި އޮތީ މޮޓަރު ސައިކަލެއްގެ ބަދަލުގައި މީހަކު އޭނާގެ އަނބިމީހާ އެހެން މީހަކަށް ދިން ވާހަކައެވެ. އަނބިމީހާ އެ ޚަބަރު ބާރަށް ކިޔައި ދީފައި ފިރިމީހާއާ ސުވާލު ކޮށްލިއެވެ. "ކަލޭވެސް މިހެން ހަދައިފާނަންތަ؟"
ފިރިމީހާ ބުންޏެވެ. "އަހަރެން މިއީ މޮޔައެއްތަ؟ އަހަރެން ނަމަ ކާރަކަށްވުރެ ކުޑަ އެއްޗަކަށް އެއްބަހެއް ނުވާނަން."