2018 ވަނަ އަހަރަށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅައިފި

2018 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ފާއިތުވީ ހަތަރު އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓު ތަކަށްވުރެ ބޮޑު ބަޖެޓެކެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިއަދު ހުށަހެޅިގެން ދިޔަ ބަޖެޓަކީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހާސިލްކޮށް، ނަތީޖާ ނެރެދޭނެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ބަޖެޓެއް ކަމަށެވެ.

މިދިޔަ އަހަރުވެސް މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް 32 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  މިދިޔަ އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓަކީ 26.8  ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހުށަހެޅި ބަޖެޓުގައި ހަރަދުގެ ގޮތުގައި ބެލެވެނީ 24.9 ބިލިއަން ރުފިޔާ ކަމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހުށަހެޅި ބަޖެޓުގެ ރިކަރަންޓު ޚަރަދުގެ ގޮތުގައި ޖަހާފައި ވަނީ  16.1 ބިލިއަން ރުފިޔާއެވެ. މިބައިން އެންމެ ބޮޑަށް ޚަރަދު ކުރަން ޖަހާފައި އޮތީ  މުސަރަ އާއި ޕެންޝަނަށެވެ. ސަރުކާރުން ދޭ އެހީ ތަކާއި، ސަބްސިޑީޒްއަށް 12 އިންސައްތަ ހޭދަކުރުމަށް ޖަހާފައިވާއިރު 11.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

 

މިއަދު ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވިއިރުވެސް އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުންނެވެ. ނަމަވެސް މެމްބަރުންގެ އިޙްތިޖާޖުގެ ތެރެއިން ސަރުކާރުން ވަނީ ބަޖެޓް ހުށަހަޅާފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.