އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ހަމަލާ ދިނުމަށް ޕާކިސްތާނު ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް އެއްގޮަތަކަށްވެސް ނުދެއްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
"އެއްގޮތަކަށްވެސް ނުދެވޭނެ. އަސްކަރީ މަރުކަޒު ހެދުމުގެ އަދި ޕާކިސްތާނު ތެރޭން އަފްޣާނިސްތާނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދިނުމުގެ ހުއްދަ (އެމެރިކާއަށް) ދޭނެ އެއްވެސް ގޮތެއް ނެތް. އެއްގޮތަކަށްވެސް އެކަން ނުވާނެ." އާދީއްތަ ދުވަހު އެމެރިކާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ބޮޑުވަޒީރު ވިދާޅުވިއެވެ.
"ސަރަހައްދީ ރޮނގު ހުރަސްކޮށް އަލްގާއިދާ، ދާއިޝް (އައިސިސް) ނުވަތަ ޠާލިބާންއާ ދެކޮޅަށް ޓެރަރިޒަމާ ދެކޮޅު ހަރާކާތްތަައް ހިންގުމުގެ ހުއްދަ ސީއައިއޭއަށް ދެއްވަފާނަންތޯ" ރިޕޯޓަރު ސުވާލު ދެންނެވުުމުން އިމްރާން ޚާން ވިދާޅުވީ އެއްގޮތަކަށްވެސް ނުދެއްވާނެ ކަމަށެވެ. ބޮޑުވަޒީރު ކުއްލި ސީދާ ޖަވާބާމެދު ހައިރާން ވެގެން ރިޕޯޓަރު "ހަމަ ސީރިއަސްކޮށްތޯ؟" ވެސް ސުވާލު ދެންނެވިއެެވެ.
ފާއިތުވި މޭ މަހު ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ސެނެޓުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވެފައި ވަނީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޕާކިސްތާުނުގެ ބައިވެރިއެއް ކަމަށް ބެލެވޭ އެމެރިކާއާއެކު އެެ ބާވަތުގެ އެއްވެސް އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާކަމުގައެވެ.
"މި މަޖިލީހާއި ޕާކިސްތާނުގެ ރައްޔިތުން އަހަރެންގެ މި ވާހަކައަށް ހެކިވޭ. ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމެއްގައި ޕާކިސްތާނުގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހުންނާނެ. މާޒީ ހަނދާން ނައްތާލާ. ޑްރޯން ބޭނުންކޮށްގެން އެކި ހަރަކާތްތައް ހިންގުމުގެ ހުއްދައެއްވެސް ނުދޭނަން. އަދި އެމީހުންގެ ޑްރޯންތަކުގެ ހަރަކާތައް މޮނިޓަރކުރާކަށްވެސް އަހަރުމެން ބޭނުމެއް ނޫން. މިއީ ސަރުކާރުގެ ވަރަށް ސާފު ސިޔާސަތެއް." ސެނެޓުގައި ވާހަކަފުޅުދައްކަވަމުން ޤުރައިޝީ ވިދާޅުވިއެވެ.
މިވާހަކަަތައް އައިސްފައި މިވަނީ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އަފްްޣާނިސްތާނުގައި ޓެރަރިޒަމާ ދެކޮޅު ހަރަކާތްތައް ހިންގުމަށް ޕާކިސްތާނުގެ ސަރަހައްދު ބޭނުންކުރުމާމެދު އެމެރިކާއާއި ޕާކިސްތާނު މަޝްވަރާކުރަމުން ދާކަމުގެ އަޑުތައް އަަރާފައި ވަނިކޮށެވެ.
މި އަޑުތަކާ މެދު ޚާރިޖީ ވަޒީރު ޤުރައިޝީ ވިދާޅުވެފައި ވަަނީ އެއީ އެއްވެސް އަަސާސެއް ނެތް ވާހަކަތަކެއް ކަމުގައެވެ.