ނަޝީދާއެކު އެއްސައްލާއަކު އިންނަން ރައީސް މައުމޫން ލަދުގަންނަންޖެހޭނެ- ނިހާން

ކުރީގެ ރައީސް މުޙަންމަދު ނަޝީދާއެކު ސިޔާސީ ގޮތުން އެއްކޮށް މަސައްކަތް ކުރައްވައި، "އެއްސައްލާއަކު" އިންނަވަން ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ލަދުފުޅު ގަންނަންޖެހޭނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

"އަސްތާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ނިހާން ވިދާޅުވީ ރައީސް ނަޝީދާއެކު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރައްވައި އެއްމޭޒެއްގައި މަޝްވަރާ ކުރައްވަން ރައީސް މައުމޫން ލަދުފުޅު ގަންނަވަންޖެހޭ ސަބަބަކީ ރައީސް ނަޝީދަކީ ރައީސް މައުމޫނާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން އުޅުއްވި ބޭފުޅަކަށް ވުމެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގެ އުދުވާނީ ހާދިސާއަށް އަމާޒު ކޮށްފައިވާ މިރޭގެ ޖަލްސާގައި ނިހާން ވިދާޅުވީ އެޙަމަލާ އައިއިރު ވެރިކަމުގައި ހުންނެވި ބޭފުޅަކީ ރައީސް މައުމޫން ކަމަށްވެފައި މީގެކުރިން ރައީސް މައުމޫންގެ ދައުރުގައި އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރެއްވި ނަމަވެސް މިފަހަރު "ނަސްރުގެ ދުވަސް" ރައީސް މައުމޫންވެސް ފާހަގަ ކުރެއްވީ ދެތިން އަކުރުގެ ޓްވީޓަކުން ކަމަށެވެ.

ނިހާން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާއަކީ ރާއްޖޭގައި ހިނގާފައިނުވާ ހާދިސާއަކަށް ހަދަންވެސް ބަޔަކު ވިސްނައި ދެމުން އަންނަ ކަމަށާއި ޚާއްސަކޮށް ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ނަސްރުގެ ދުވަސް ފާހަގަ ކުރީވެސް "ވަރަށް ފެންކޮށް" ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި މިރޭގެ ޖަލްސާގައި ނިހާން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސް ކަމުގެ ދެވަނަ ދައުރުގެ ހުވާ ކުރައްވަން ރައީސް ޔާމީންއަށް އިންތިޚާބު ކާމިޔާބުކޮށްދޭނެ ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.