އެއްކެންޑިޑޭޓަކު ނެރުމުގެ ވާހަކަ ދައްކަން އަދި އަވަސް- މައުމޫން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓް ނެރުމަށާއި އަދި އެބޭފުޅަކު ވާންޖެހޭނީ އިންތިގާލީ ރައީސަކަށް ކަމުގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވާފައި ވިޔަސް ކުރިޔަށް އޮތް އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެ ވާހަކަ އިދިކޮޅު ފަރާތްތަކުން އަދި ނުދައްކާ ކަމަށާއި އެ ވާހަކައަކީ "ތަންކޮޅެއް އަވަސް ވާހަކައެއް" ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ޖުމްހޫރީ ޕާޓީންވެސް ބުނެފައި ވަނިކޮށް ރައީސް މައުމޫން ވިދާޅުވީ އެއްކެންޑިޑޭޓް ނެރުމުގެ ވާހަކަ އަދި "އެއްގޮތަކަށްވެސް ނުދައްކަން" ކަމަށެވެ. އެހެންވެ އެކަމާމެދު މިވަގުތު މާދިގު ވާހަކަފުޅުތަކެއް މައުމޫން ނުދެއްކެވިއެވެ.

"އަދި ތިއީ ތަންކޮޅެއް އަވަސް ވާހަކައެއް، އެހެންވީމަ އެ ވާހަކަ އެއްގޮތަކަށްވެސް އަޅުގަނޑުމެން ނުދައްކަން" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތައް ގުޅިގެން ކާމިޔާބު ކަމާއެކު ކުރިޔަށްދާ ކަމަށާއި މަޝްވަރާ ކުރަންޖެހޭ ކަންކަމާ މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ކުރަން ހުރި އެހެން މަސައްކަތްތަކުގެ ވާހަކަ މި ދައްކަނީ،" މައުމޫން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓް ނެރުން ނޫން ގޮތަކަށް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުން ބަލި ކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވުމާއެކު އެމްޑީޕީންވެސް ވަނީ އެކަމާމެދު މަޝްވަރާއަށްދާން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެފަދަ މަޝްވަރާއެއް ފަށާފައި ނެތް ކަމަށްވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.