އަޅުގަނޑަކީ މާ ގިނައިން ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައިވާ މީހަކީމެއް ނޫނީމެވެ. އެހެން ނަމަވެސް ދަތުރު ބިރު ކެނޑޭ ވަރަށް ދަތުރު ކުރެވިއްޖެއެވެ. ފުރަތަމަ ދަތުރުވެސް އެއްވެސް ކަހަލަ ބިރެއް ނެތި ކޮށްލާ މީހުން އުޅެއެވެ. އަޅުގަނޑަށް ވާ ވަރަކީ މިހާރުވެސް ރާއްޖެއިން ބޭރަށް ކުރާ ދަތުރު ތަކުގައި ބިރުން ގޮސް މީހުން ހޭނ ކަހަލަ ކަންތައްތައް ވެސް ކުރެވެނީއެވެ. ބިރު ގަންނަނީ ކީއް ވެގެން ކަމެއް ނޭނގެއެވެ.
އެއް ފަހަރަކު އަޅުގަނޑު އިންޑިއާއަށް ކުރި ދަތުރެއްގައި ދިމާވީ ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. މިއީ ޓްރިވެންޑްރަމް އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ހުރި މީހާވެސް އަޅުގަނޑާ ސަމާސާ ކޮށްލީމާ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެން ދިޔަ ކަމެކެވެ.
އަޅުގަނޑު ޕާސްޕޯޓާއި، އިންޑިއާ އަށް އެތެރެވާ ބިދޭސީން ފުރާ ފޯމު ފުރާފައި ދިނީމާ އޭނާ އަހައިފިއެވެ.
"ކަލޭގެ ދަރިފުޅު ކޮބާ؟"
ދަރިފުޅު ވީ މާލޭގައޭ އަޅުގަނޑު ބުނެފީމެވެ.
"ގޮވައިގެން ނައީ ކީއްވެގެން؟" އޭނާ އަހައިލިއެވެ.
އަޅުގަނޑު ދަރިފުޅު ގޮވައިގެން އަންނާން ބޭނުން ނުވާތީ ނައީއޭ ބުނެފީމެވެ.
އޭނާ ކުޑަކޮށް ރުޅި އައިސްފައި އެއް ފަރާތުގައި އިހަށް މަޑު ކުރާށޭ އަޅުގަނޑު ގާތު ބުނެފިއެވެ. ނުރުހުން ވިޔަސް ކުރާނޭ ކަމެއް ނެތިގެން އަޅުގަނޑު ދުރުގައި މަޑު ކޮށްގެން ހުރީއެވެ. އަޅުގަނޑަށް އޭނާ ގޮވީ އައި އެންމެންގެ ކަންތައް ނިމުނީމައެވެ.
ކައުންޓަރުގެ ކައިރިއަށް އަޅުގަނޑު ދިޔައީމާ އޭނާ އަޅުގަނޑަށް ދައްކައިލީ އިންޑިއާއަށް އެތެރެވާ މީހުން ފުރާ ކާޑެކެވެ.
"މިއީ ކަލޭ އަހަރެންގެ އަތަށް ދިން ކާޑުތަ؟"
އަޅުގަނޑު އެ ކާޑަށް ބަލައިލާފައި އާނއެކޭ ބުނެފީމެވެ. އޭނާ އަނެއްކާވެސް އަހައިލީ ކަލޭގެ ބޭބީ ކޮބައިހެއްޔޭއެވެ. މި ފަހަރު އަޅުގަނޑު ކުޑަކޮށް ނުރުހުން ވެފައި ބުނެފީމެވެ. "ބަލަ އަހަރެން ދާހައި ތަނަކަށް ދަރިފުޅު ގޮވައިގެން ދިއުމަކީ މަޖުބޫރު ކަމަކީތަ؟"
އޭނާ ބުންޏެވެ. "މަޖުބޫރު ކަމެއް ނޫން. އެކަމަކު ދަރިފުޅުގެ ނަމުގައި ކާޑު ފުރާފައި އޮތިއްޔާ ދަރިފުޅު ހުންނަން ވާނެ."
މިހެން ބުނެފައި އަޅުގަނޑަށް އެއްޗެކޭ ނުބުނެވެނީސް އަހައިފިއެވެ. "ކަލޭގެ ދަރިފުޅަށް ވީ ފަނަރަ ދުވަސް ދޯ؟"
އަޅުގަނޑު ބުނެފީމެވެ. "ފަނަރަ ދުވަހެއް ނޫން. އަހަރެއް ފުރެނީ."
"ކަލޭގެ ކާޑު ކޮބާ؟"
މި ފަހަރު އަޅުގަނޑުގެ ގާތަށް ހަމަ ހެޔޮވަރަކަށް ރުޅި އަތުވެއްޖެއެވެ. "ކަލޭގެ އަތުގައި ތިޔަ އޮތީ އަހަރެންގެ ކާޑު."
"ކަލޭ ވިހެއީ މި އަހަރުތަ؟" އޭނާ ހީނގަތެވެ. (އެއީ 2001 ވަނަ އަހަރެވެ.)
އަޅުގަނޑު އޭނާގެ އަތުން އެ ކާޑު އަތުލައިގެން ބަލައިލީމެވެ. އުފަން ދުވަސް ޖަހަން އޮތް ތާނގައި އަޅުގަނޑު ވިހެއި ކަމަށް ޖެހިފައި އޮތީ 2001 ވަނަ އަހަރުއެވެ.