ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއް ވެއްދުމުން އެ މައްސަލަ ބެލުމަށް ފަހު އުމަރުގެ އެފަދަ މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އުމަރު ނަސީރާ ދެކޮޅަށް ވެއްދި މައްސަލައަކީ އޭނާގެ ވޭލް ސަބްމެރީން ކުންފުންޏާ ދެކޮޅަށް ވެއްދި މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތުން އޭސީސީއަށް ހުށަހަޅާފައި ވަނީ އެކުންފުންޏަށް ފިޝަރީޒް މިނިސްޓަރީން ގަވައިދާ ޚިލާފަށް ފަޅެއް ދޫކޮށްފައި އޮންނަ ކަމަށް ބުނެއެވެ. ނަމަވެސް އެ މައްސަލަ އޭސީސީން ބަލައި ނިންމުމަށް ފަހު ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައި ނެތް ކަމަށެވެ. ނަމަވެސް މާލެ އަތޮޅުން ފަޅެއް ހޯދަން އެކުންފުނިން ހުށަހެޅި ކަމަށް ބުނެފައިވެއެވެ. އެކަމަކު ފަޅު ދޫކޮށްފައި ނުވެއެވެ.
އޭސީސީން ބުނީ ވޭލް ސަބްމެރީން ކުންފުންޏަށް ފަޅު ދޫނުކޮށް އޮތީ މާސްޓާ ޕްލޭން ހުށަހެޅިއިރު ފަޅު ދޫކުރަން އޮންނަ މަގްސޮދާ ޚިލާފު ކަންތައްތަކެއް ހުރުމުން ކަމަށެވެ. ކޮރަޕްޝަނުގެ އެއްވެސް ކަމެއް އެ މުއާމަލާތުގައި ނެތް ކަމަށް އޭސީސީން ވަނީ ނިންމާފައެވެ.
ވޭލް ސަބްމެރިން ކުންފުންޏާ ދެކޮޅަށް މައްސަލަ ވެއްދިއިރުވެސް އުމަރު ނަސީރު ވިދާޅުވެފައި ވަނީ ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ފަޅެއް ހޯދަން އެދުނު ނަމަވެސް އެދުނީ ގަވައިދުން ދެއްވަން ކަމަށާއި ނަމަވެސް ފަޅު ލިބިފައިވެސް ނެތް ކަމަށެވެ.