ރައީސު ބައިޑަންގެ އާނބަސް ނެތި ހުޅަނގު އައްސޭރިން ބައެެއް އިސްރާއީލުގެ ބަޔަކަށް ނަހަދާނެ: ނަތަންޔާހޫ

އެމެރިކާގެ ރައީސު ޖޯ ބައިޑަންގެ އާނބަސް ނުލިބެނީސް ހުޅަނގު އައްސޭރީގެ އެއްވެސް ބައެއް އިސްރާއީލުގެ ބައެއްގެ  ގޮތުގައި ނަހަދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އޭނާ މިމޭރުނުން ވާހަކަދައްކާފައި ވަނީ އިސްރާއީލުގެ ޗެނެލް-12 އިން ފޮނުވި ޕްރޮގްރާމެއްގައި، ފަލަސްޠީނުގެ ހުޅަނގު އައްސޭރި ރަސްމީކޮށް އިސްރާއީލުގެ ސިޔާދަތުގެ ދަށަށް ގެނައުމާ ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އެމެރިކާގެ ރައީސު (ބައިޑަން) ގެ އާނބަސް ނުލިބި އެކަން ނުހިނގާނެ." ނަތަންޔާހޫ ބުންޏެވެ. އޭނާ އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.

އިސްރާއީލުގައި އެންމެ ފަހުން ބޭއްވި އިންތިޚާބަށް ފަހު ނަތަންޔާހޫއާއި ބެނީ ގަންޓްޒް (މިހާރު ނަތަންޔާހޫގެ ދިފާއީ ވަޒީރު) އެކުލަވާލި ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން ބޮޑުވަޒީރުކަން ކުރާނީ ދެމީހުން ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ 18 މަސް ދުވަހު ބޮޑުވަޒީރެއްގެ ގޮތުގައި ހުންނާނީ ނަތަންޔާހޫއެވެ.

މި އެއްބަސްވުމުގައި ފަލަސްޠީނުގެ ބިންތަކާ ބެހޭ މާއްދާއެއްވެސް ވެއެވެ. އެއީ، ހިފާފައިވާ ޖޯޑަން ވެލީ (ޣައުރުލް އުރްދުން) އާއި ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީ އާބާދީތައް އިސްރާއީލުގެ ސިޔާދަތުގެ ދަށަށް ގެނައުމަށް ޖުލައި 2020 ގައި އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓަށް ބިލެއް ހުށަހެޅުމެވެ.

އެހެންނަމަވެސް، ސަރުކާރު ތެރޭގައި "ދެބަސްވުންތަކެއް" ހުރި ކަމަށާއި، އެކަންކުރާނެ ގޮތުގެ ތަފްސީލުތަކާމެދު ރައީސު ޓްރަމްޕްގެ ސަރުކާރާ ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށް ބުނެ، މި ބިލުގެ ކަންތައް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

އަންނަ އަންގާރަ ދުވަހު އިސްރާއީލުގައި ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިޚާބާ ބެހޭގޮތުން ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އޭނާއަށް ކްނެސެޓްގެ 61 ގޮނޑި (120 ގޮނޑި ހިމެނޭ ކްނެސެޓްގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ އަދަދު) ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

އިސްރާއީލުގެ ރަސްމީ ޓީވީ ކާންއާއި އަމިއްލަ ދެ ޗެނެލް ކަމުގައިވާ ޗެނެލް-12 އާއި ޗެނެލް-13 އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ނަތަންޔާހޫއަށް ލިބޭނީ 60 ގޮނޑިއެވެ. އެހެންވެއްޖެނަމަ، ނަތަންޔާހޫއަށްވެސް އަދި އޭނާގެ ވާދަވެރިޔާއަށްވެސް އަޣުލަބިއްޔަތެއް ނުލިބި އަނެއްކާވެސް އިންތިޚާބަކަށް ދާންޖެހޭނެއެވެ.

އަންގާރަ ދުވަހު ބާއްވާ އިންތިޚާބަކީ އިސްރާއީލުގައި ދެ އަހަރުދުވަހުގެ ތެރޭގައި ބާއްވާ ހަތަރުވަނަ އިންތިޚާބެވެ. ކޮންމެ ފަހަރަކު އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތެއް ނުލިބި އަނެއްކާވެސް އިންތިޚާބަކަށް ދަނީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.