ޓޫރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހާއެކު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެމްއައިޓީޑީސީ) ކުރިއަށް ދިއުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ގާނޫނެއް އެކުލަވައިލި ފަހުން އެންމެ ބޮޑަށް ފަތުރުވެރިކަން ހުޅުވިގެން ދާނީ މިފަހަރު ގެނެވުނު އިސްލާހުތަކުންކަން އެމްއައިޓިޑީސީގެ އެމްޑީ ރާއިދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބަުން ވަރަށް ގިނަ އައު ކަންތައް ތައް ތައާރަފުވެގެން ދާނެކަން ފާހަގަ ކުރެއްވިއެވެ. އެން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެމްއައިޓީޑީސީ އުފެއްދި މައިގަނޑު މަގުސަދު ކަމަށްވާ، އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމަށް މި އިސްލާހުގައި މަގުފަހިކޮށް ދިނުމެވެ. އެއީ އެއް ރަށެއްގައި ޓޫރިޒަމާ ގުޅުންހުރި ތަފާތު ކަންކަން ތަފާތު އެކިއެކި ފަރާތްތަކުން ތަރައްގީކޮށް އެރަށެއް ނުވަތަ ޒޯނެއް އޮޕަރޭޓްކުރުމެވެ. މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް "ވަން އައިލެންޑް ވަން ރެޒޯޓް" ކޮންސެޕްޓާއި މުޅިން ތަފާތު ތަޖުރިބާއެކެވެ. މީގެއިތުރުން ޕްރައިވެޓް އައިލެންޑް ކުއްޔަށް ދިނުމާއި ރިސޯޓްތަކުން ދިގު މުއްދަތަށް ވިލާތައް ކުއްޔަށް ދިނުމަށް ކުރިން އޮތް ފުރުސަތަށް ގާނޫނީ ބާރުދިނުން ފާހަގަ ކުރެއްވިއެވެ. ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެކުލަވާ ލެއްވިއިރު އެމްއައިޓީޑީސީއަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކާއި، އަދި އެކަންކަން ހައްލު ކުރެވިދާނެ ގޮތްތަކުގެ ޚިޔާލާއި މަޝްވަރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވަރަށް ބޮޑަށް ހޯއްދެވިކަންވެސް އެމްޑީ ރާއިދު ފާހަގަ ކުރެއްވިއެވެ. ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްްޔެ ވަނީ ތަސްދީގު ކުރައްވައިފައެވެ.
އެމްއައިޓީޑީސީ ކުރިއަށް ދިއުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލެވުނު ނަމަވެސް އެންމެ ބޮޑު މަސައްކަތްތައް އަދި ކުރިއަށް އޮތީ ކަމަށް އެމްއައިޓީޑީސީގެ އެމްޑީ ފާހަގަ ކުރެއްވިއެވެ. އެއީ އެކުންފުނީގެ މެންޑޭޓްގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯއްދެވުން ކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ، ކިރިޔާ މުވައްޒަފުންނަށް މުސާރަ ދެވޭ ވަރުގެ ކުޑަ ބަޖެޓެއް އޮތް ކުންފުންޏެއް. އަދި މިހާތަނަށް އާމްދަނީ އެއް ލިބޭނެ މަގެއް ނެތްް. އާމްދަނީ ލިބޭނެ ގޮތެއްވެސް ހޯދެން އޮތީ ފަންޑު ލިބިގެން މަސައްކަތެއް ފެށިގެން. ހަގީގަތުގައި އެއީ އެންމެ ބޮޑު ކަމަކީ. އެކަމަކު އިރާދަކުރެއްވިއްޔާ އެކަންވެސް ކާމިޔާބު ކުރެވޭނެ." އެމްޑީ ވިދާޅުވިއެވެ.
ކުންފުނި ކިތަންމެ ކުޑަވެފައި ވަސީލަތްތައް މަދުނަމަވެސް، ކުންފުނީގެ މެންޑޭޓްގައި ހިމެނޭ ކަންކަން ކުރަމުންގެންދަވާ ކަމަށް ރާއިދު ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު އެމްއައިޓީޑީސީން އިސްނަގައިގެން ބޭއްވި އުލިގަމު މަހާސިންތާ ފާހަގަ ކުރެއްވިއެވެ. އެ މަހާސިންތާގެ ސަބަބުން، އުލިގަމަށް ބަނދަރުކުރާ ޔޮޓުތަކުން ނަގާ ފީތައް އެތައް ގުނައަކުން ކުޑަވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އެކަށީގެންވާ ޚިދުމަތެއް ނުދީ އުލިގަމަށް ބަނދަރު ކުރާ ބޭރުގެ ޔޮޓުތަކުން އައީ ވަރަށް ބޮޑު ފީއެއް ނަގަމުންނެވެ. އެމައްސަލައަށް ހައްލު ހޯއްދަވައި ދެވުމުން މިހާރު އުލި ގަމަށް ޔޮޓުތައް ބަނދަރުކުރުން ވަނީ އިތުރު ވެފައިކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އުލިގަމާ ބެހޭ މައުލޫމާތުތައް ހިމެނޭ ވެބްސައިޓެއް ވެސް އުލިގަމު ރައްޔިތުންނަށްޓަކައި އެމްއައިޓީޑީސީން ވަނީ ތައްޔާރު ކޮށްދީފައެވެ.
" އުލިގަމު ނޫނަސް އެހެން ރަށަކުން ވިއަސް އެފަދަ އެހީތެރިކަމަށް އެދުމުން އަޅުގަނޑުމެ ންގެ ވަސީލަތްތައް ހުރި މިންވަރުން އެހީތެރިކަން ފޯރުކޮށް ދޭނަން. އެމްއައިޓީޑީސީއަކީ ކުދި އަދި މެދު ފަންތީގެ ފަތުރުވެރިކަމަށް އޮތް ކުންފުންޏެއް. މިފަދަ ކަންކަމުގައި ރަށްރަށަށް އެބަޖެހޭ އެހީތެރިކަން ފޯރުކޮށްދޭން. އެއީވެސް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އޮތް ވަރަށް މުހިއްމު މަސައްކަތްތަކެއް." އެމްޑީ ރާއިދު ވިދާޅުވިއެވެ.
ކުންފުނީގެ މެންޑޭޓްގައި ހިމެނޭ ގޮތަށް އެމްއައިޓީޑީސީން މިއަހަރުތެރޭގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތުދީ މީހުން ތަމްރީނުވެސް ކޮށްފައެވެ. ހއ. ހޯރަފުށްޓަށް އަމާޒުކޮށްގެން ހިންގި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި އެރަށުގެ 60 މީހުން ބައިވެރިކަމަށް ރާއިދު ވިދާޅުވިއެވެ. ހޯރަފުށީގައި ހިިންގި ޕްރޮގުރާމުގައި އަލަށް ފަތުރުވެރިކަމުގެ ދާއިރާ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ވަރަށް ގިނަ މައުލޫމާތު ފޯރުކޮށް ދެއްވިއެވެ. އޭގެ ތެރޭގައި ގެސްޓްހައުސް އޮޕަރޭޝަން، މާކެޓިންގ އަދި ހިސާބުތައް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ދެއްވި އެވެ.
"ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ގެސްޓް ހައުސް އިމާރަތްކުރަންޖެހޭނީ ވަރަށް އަގު ބޮޑު ތަނެއްގެ ގޮތުގައިކަމަށް. އެންމެ އަގު ބޮޑު ބިލިގާ ހަރުކޮށް، ކޮންމެ ކޮޓަރިއެއްގައި ފްލެޓް ސްކްރީން ޓީވީ ހުންނަން ޖެހޭނެކަމަށް. އަޅުގަނޑުމެންގެ ތަމްރީނުތަކުގައި އެމީހުންނަށް ވިސްނައިދިނިން ލޯކަލް ޓޫރިޒަމްއަކީ އެރަށެއްގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން މުޅި މުޖުތަމައު ގުޅިގެން ކުރެވެން އޮތް ކަމެއްކަން. އަޅުގަނޑުމެން ބޭނުން ވަނީ ރަށްރަށަށް ގޮސް އެރަށުގެ ހުރި ވަސީލަތްތައް ދެނެގަނެގެން ކުރިއަށް ދެވޭނެ ގޮތް މީހުންނަށް ކިޔައިދޭން." އެމްޑީ ރާއިދު ވިދާޅުވިއެވެ.
މިފަދަ އިތުރު ތަމްރީނުތައް ހިންގުމަށް މިހާރު ހުރަސް އެޅިފައިވަނީ ކޯވިޑް 19 ގެ ސަބަބުން ކަން ފާހަގަކުރައްވާ، މިހާރުވެސް ބައެއް ރަށްރަށުން އެފަދަ ރިކުއެސްޓްތައް ލިބިފައިވާކަން ހާމަ ކުރެއްވިއެވެ. އެމްއައިޓީޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ލޯކަލް ޓޫރިޒަމްއަށް ގޮންޖެހުންތައް ހުރި ރަށްރަށުގައި ހުރި މިފަދަ ގޮންޖެހުންތައް ދެނެގަނެ، އަދި އެފަރާތްތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. މިގޮތުން އަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ރަށްރަށުގެ ޒުވާނުންނަށް، ދާއިރާގައި ވިޔަފާރި ބައްޓަންކުރެވޭނެ ގޮތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުންކަން ފާހަގަ ކުރެއްވިއެވެ.