ބަރެސްދޫ ތަރައްގީކުުރުމުގެ އާވިސްނުމުގައި ބައިނަލްއަގުވާމީ ކުޅިވަރު ކޭމްޕްތަކާ ދިމާއަށް ގެންގުޅުއްވާކަމަށް އެރަށް ތަރައްގީކުރަމުގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވިދާޅުވެއްޖެއެވެ.
އާފަތިހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙަައްމަދު ރާޢިދު ވިދާޅުވީ ބަރެސްދުއަކީ މިހާތަނަށް ޓޫރިޒަމް ދާއިރާއިން ހިންގޭނެ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. އެރަށަކީ 3000 އެނދު، ފަތުރުވެރިކަމަށް ނެރުމަށް ތަރައްގީކުރާ ރަށެކެވެ. އެމްޑީީ ރާޢިދު ވިދާޅުވީ ބަރެސްދޫ ތަރައްގީ ކުރުމަށް ކުންފުނިން މިހާރު ގެންގުޅުއްވާ ވިސްނުމަކީ ފިޔަވަހިތަކަކަށް ތަރައްގީ ކުރެއްވުމެވެ. އެގޮތުން ފުރަތަމަ ފިޔަވަހި މިދައުރު ނިމުމުގެ ކުރިން ޚިދުމަތަށް ނެރުމަކީ ރާޢިދުގެ އަމާޒެކެވެ.
ބަރެސްދޫ ތަރައްގީ ކުރުމަށް ރާވާފައި ވަނީ ޖޮއިންޓް ވެންޗަރ އުސޫލުން އިންޓަރގްރޭޓެޑް ޓޫރިޒަމަށެވެ. އެއީ އެރަށުގައި ޓޫރިޒަމާ ގުޅުންހުރި ވިޔަފާރި ތަފާތު އެކީ ޕާޓީތަކުން ނުވަތަ ކުންފުނިތަކުން ތަރައްގީކޮށް ކުރިއަށް ގެންދާ ގޮތަށެވެ.
ޕްލޭންގައި ވަނީ ޓޫރިސްޓް ސިޓީއެއްގެ ގޮތުގައި ބަރެސްދޫ ތަރައްގީ ކުރުން ކަމަށް ރާޢިދު ވިދާޅުވިއެވެ. އެ ރަށަށް ދާ ފަތުރުވެރިން ރަށުގައި ހުންނަ ތަފާތު ރެސްޓޯރަންޓް ތަކުންނާއި ތަފާތު ކުޅިވަރު ފެސިލިޓީތަކާއި އެ ނޫންވެސް ތަފާތު ޚިދުމަތްތައް ދޭ ތަންތަނުގެ ބޭނުން ކުރެވޭ ގޮތަށެވެ.
"ތަރައްޤީ ކުރެވޭއިރު ބަރެސްދޫ ވެގެން ދާނީ ތަފާތު ޚިދުމަތް، ފަތުރުވެރިންނަށް ލިބޭ ސިޓީއަކަށް. ތަފާތު ރެސްޓޯރެންޓްތަކުން ކައިލާ، ތަފާތު ގެސްޓް ހައުސް ތަކުގައި ތިބެލައި ތަފާތު ކުޅިވަރު ފެސިލިޓީތައް ބޭނުންކޮށްލައި، ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހު އެމީހުން އެތަނުގައި ގެންގުޅެވޭނެ ކަހަލަ ގޮތަކަށް." ބަރެސްދޫ ތަރައްގީ ކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން ރާޢިދު ވިދާޅުވިއެވެ.
ބަރެސްދޫ ތަރައްޤީކުރުމުގައި ގެންގުޅުއްވާ އެއްް ވިސްނުމަކީ ރާއްޖޭން ބޭރުގެ ތަފާތު ކުޅިވަރު ކުޅޭ ޓީމްތައް ކޭމްޕްކޮށް ޕްރެކްޓިސް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުންކަމަށް އެމްޑީ ރާޢިދު ފާހަގަކުރެއްވިއެވެ. އެކަމަށް ރަނގަޅު ފެންވަރުގެ ކުޅިވަރު ދަނޑާއި ތެރަޕީ ދެވޭ ފެންވަރުގެ ހެލްތް ފެސިލިޓީތައް ގާއިމުކުރަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިންވެސް އެބަހުރި ބޭރުގެ ޓީމުތައް ރާއްޖޭގައި ކޭމްޕް ކުރުމަށް ރިކުއެސްޓް ކޮށްފައި. އެހެންނަމަވެސް އެގޮތަށް އަންނަ ބަޔަކަށް ރިސޯޓް ތަކުގައި ތިބުމަށް އޮތް ހުރަހަކަށް ވަނީ އަގު ބޮޑުވުން. ނަމަވެސް އަޅުގަނޑުމެން އަގުހެޔޮކޮށް ރޫމްތައް ވިއްކުމުން އެމީހުން އަންނަން ބޭނުންވާނެ. އެމީހުން އައިސް ކުޅިވަރު ޕްރެކްޓިސް ކުރެވޭނެ ފެންވަރުގެ ރަނގަޅު ދަނޑެއް ތަރައްގީ ކުރުމުން އެމީހުން ބޭނުންވާނެ އައިސް ވެލި މޮޑެލައި، ތެރަޕީތައް ހޯދާލައި، މޫދަށް އެރި ހަދާލަން. ފުޓުބޯޅަ ވިއަސް ޓެނިސް ވިއަސް (މިތަނަށް) އައިސް ކޭޕްމްކޮށްގެން ޕްރެކްޓިސްތައް ކުރިއަށް ގެންދެވިދާނެ." ބަރެސްދޫ ތަރައްގީ ކުރުމަށް ގެންގުޅުއްވާ އާ ވިސްނުން ހާމަކުރައްވަމުން ރާޢިދު ވިދާޅުވިއެވެ.
ބަރެސްދޫ އަކީ ކުރީ ސަރުކާރުން އެމްއައިޓީޑީސީއަށް ދީފައިވާ ރަށެކެވެ. ނަމަވެސް އެރަށް ތަރައްގީ ކުރުމުގެ ނަމުގައި އެކި މީހުންގެ އަތުން ޑިޕޮޒިޓްގެ ގޮތުގައި ވަނީ ތިން މިލިއަން ޑޮލަރު ނަގައިފައެވެ. އޭގެތެރެއިން މިހާރު ނުދެވި ވަނީ 32 މީހަކަށް ދޭން ޖެހޭ 2.5 މިލިއަން ޑޮލަރުކަމަށް ރާޢިދު ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން ތިން މީހަކު ހުށަހަޅައިފައިވާ މައްސަލަ ކޯޓު މަރުހަލާގައި އޮތް ކަމަށް ވިދާޅުވިއެވެ.
ބަރެސްދޫގައި ބަނދަރެއް ހެދުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެއީ 80 ހެކްޓަރުގެ ބޮޑު ރަށެކެވެ.