ކޯވިޑާ ގުޅިގެން ކުޑަކުދިންގެ އަދުލުގެ ގާނުނަށް މައިގަނޑު ތިން އިސްލާހެއް ގެނައުމަށް ހުށަހަޅައިފިއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު 20 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެެއްވި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑާ ގުޅިގެން އެ ބިލުގައި ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ ބައެއް ކަންކަން ތަންފީޒުކުރުމުގައި ގޮންޖެހުންތައް ކުރިމަތި ވެފައިވާކަމަށް ބިލު ހުށަހެޅުއްވި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވިއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ ރުޖޫއީ އިންސާފުގެ އަސާސްތަކާ އެއް ގޮތަށް، ކުއްޖާގެ މަސްލަހަތު އެންމެ އިސްކޮށްގެން ކުޑަކުދިން، އަނބުރާ މުޖުތަމައަށް ރުޖޫއަކޮށްދިނުމަށްޓަކައި އެ މަގުސަދު ގައި އެކުލަވާލި ގާނޫނެއްކަން މެމްބަރު ޖީހާން ފާހަގަކުރެއްވިއެވެ.
މެމްބަރު ޖީހާން ވިދާޅުވީ ގާނޫނު ތަންފީޒު ކުރަން ފެށުނު އިރު ގައުމުގެ ހާލަތު ވަނީ ކޯވިޑާ ގުޅިގެން ވަރަށް ބޮޑަށް ބަދަލު ވެފައި ކަމަށެވެ. ސަރަހައްދީ ކުޑަކުދިންގެ ހާއްސަ ކޯޓުތަކެއް ގާއިމުކުރުމަށް ގާނޫނުގައި ކަނޑައަޅައިފައި ވީނަމަވެސް މާލީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އެމުއްދަތުތަކާ އެއް ގޮތަށް އެކަންކަން ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ސަރަހައްދީ ކޯޓުތައް ގާއިމުކުރުމަށް ހުރި ދަތިތަކަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަކީ މަޖިލީހުން ކޮންމެހެން ކޮށްދެންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގެން ބިލަށް އިސްލާހުތަކެއް ހުށަހެޅުއްވީ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ހުށަހަޅައިފައިވަނީ މިހާރުވެސް އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުން އަތޮޅު ތެރެއިން ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތައް ބެލުމަށެވެ. ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަނީ ހަމަކަނި ޖުވެނައިލް ކޯޓަށްކަމަށް ކަނޑައަޅައި މެޖިސްޓްރޭޓް ކޯޓުތަކުގައި ކުޑަކުދިންގެ ޝަރީއަތްތައް ވީޑިއޯ އަދި އޯޑިއޯގެ ޒަރީއާއިން ކުރިއަށް ގެންދިއުމަށް އިސްލާހު ހުށަހެޅުންހިމެނެއެވެ. އަދި ވަކި އުސޫލަކުން އެކޯޓުގެ ޓީމުތައް އަތޮޅުތަކަށް ގޮސް ސަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތްވެސް ބިލަށް ހުށަހެޅި އިސްލާހުގައި ވެއެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަ ކުރިއަށް ގެންދާއިރު ކުށްކުރާ ބޮޑެތި މީހުންނާ ކުދިންނާ ދިމާ ނުވާގޮތަށް އިންތިޒާމުކުރުމަށް ވެސް ބިލަށް ހުށަހެޅި އިސްލާހުން މަގު ފަހިކޮށްދެއެވެ.
ކުޑަކުދިން އިސްލާހުކުރުމަށް ހާއްސަ މަރުކަޒުތަކާއި ޖަލުތަކާއި އަދި ރިމާންޑް ސެންޓަރުތަކެއް ގާއިމުކުރުމަށް ގާނޫނުގައި ކަނޑަ އަޅައިފައި ވީނަމަވެސް އެކަންކަން ކުރެވިފައި ނުވާތީ އާއި އަދި އެކަންކަން ކުރުމަށް ކޯވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ކުށްކުރާ ކުޑަކުއްޖަކު އެއްވެސް ކަހަލަ ބަންދެއް ނުވަތަ ހައްޔަރެއްގައި ހުންނަންޖެހޭ ހާލަތުގައިި ގޭގައި ނުވަތަ ކުއްޖާގެ އާއިލާ އެކު ގޭބަންދުގައި ހުރެވޭގޮތަށް ހުކުމް ކުރުމަށް މަގު ފަހިވާގޮތަށް އިސްލާހު ހުށަހަޅައިފައިވާނެކަމަށް ވެސް މެމްބަރު ޖީހާން ވިދާޅުވިއެވެ.
ތިން ވަނަ އަށް ގެންނަ އިސްލާހަކީ ކުޑަކުދިންނަށް ހިންގޭ ސަރީއަތްތަކުގައި އަދަބުތައް ކަނޑައަޅާނީ ކިހިނެއްތޯ ކަނޑައަޅައި ދިނުމާއި އެކަމަށް ގަވާއިދުތައް ހެދުމަށް މަގުފަހިކުރުމަށް ހުށަހެޅިފައިވާ އިސްލާހެއްކަމަށް މެމްބަރު ޖީހާން ވިދާޅުވިއެވެ. އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކަކީ ކުރީގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކެއް ކަމަށާއި އެ ގާނޫނު އުވި ދިއުމުން އެގަވާއިދުތަކުގެ ގާނޫނީ ބާރުވެސް ވަނީ ކެނޑިގެން ގޮސްފައި ކަމަށް މެމްބަރު ޖީހާން ފާހަގަ ކުރެއްވިއެވެ.
މައިގަނޑު މި ތިން އިސްލާހު ގެނައުމަށް 21 މާއްދާއަކަށް އިސްލާހު ހުށަހަޅައިފައިވާކަމަށް މެމްބަރު ޖީހާން ފާހަގަ ކުރެއްވިއެވެ.