ވެންޓިލޭޓަރ މައްސަލައިގައި ދަޢުވާ ކުރެވެން ނެތްކަމަށް ޕޮރޮސެކިއުޓަރޖެނަރަލް ޙުޞައިން ޝަމީމް ނިންމެވި ނިންމެވުން އަލުން މުރާޖާކުރުމަށް ލަފާ އެރުވުމަށް މަޖިލީހުން ނިންމައިފިއެވެ.
މިމައްސަލަ މަޖިލިހުން ނިންމައިފައިވަނީ ވޯޓްގައި ބައިވެރި ވަޑައިގެންނެވި 50 މެމްބަރުންގެ ޢިއްތުފާޤުންވެވެ.
މިމައްސަލަ ޖުޑިޝަރީ ކޮމެޓީން ބަލުމަށް ފަހު އެކުލަވާލި ރިޕޯރޓްގައި ބަޔާން ކޮށްފައިވާ ރެކޮމެންޑޭޝަންތަކުގައި ވަނީ ވެންޓިލޭޓަރ މައްސަލައާ ގުޅުން ހުރި އިތުރު މަޢުލޫމާތު ތަޙްޤީޤީ އިދާރާތަކުން ހޯއްދެވުމަށާއި މައްސަލަ އަލުން މުރާޖާ ކުރުމަށް ޕީޖީއަށް ލަފާ އެރުވުމަށެވެ. އަދި އެމައްސަލަ މުރާޖާ ކުރުމާމެދު ޕީޖީ ނީންމަވާ ނިންމެވުމެއް ޖުޑިޝަރީ ކޮމެޓީއަށް އެންގެވުމަށެވެ.
ޖުޑިޝަރީ ކޮމެޓީން ވެންޓިލޭޓަރުތަކުގެ މައްސަލަ ބައްލަވައިފައި ވަނީ، ގަތުމުގައި ކޮރަޕްޝަން ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާކުރާނެ ހެއްކެއް އަދި ޤަރީނާއެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެ، އެ މައްސަލައިގައި ޚިލާފު އުފެދިފައިވާތީ، އެ މައްސަލަ އިތުރަށް ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވުމުންނެވެ.
ޖުޑިޝަރީ ކޮމެޓީގެ ރިޕޯރޓްގައި ފާހަގަ ކުރައްވައިފައިވަނީ ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރތައް ގަތުމުގެ މުޢާމަލާތުގެ ހުރިހާ މަރުހަލާތަކެއްގައި ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދައިފައިވާކަން ތަޙްޤިޤީ ރިޕޯރޓުންވެސް އެނގެން އޮތްކަމަށެވެ. އަދި ހެލްތް މިނިސްޓްރީން އެ ޢަމަލުތައް ހިންގައިފައި ވަނީ ދައުލަތުގެ ފައިސާއަށް ރައްކާ ތެރިވުމަށް އޮންނަ ގޮތްތަށް އިޚްތިޔާރުކުރެއްވުމަށްވުރެ ބޮޑަށް ރައްކާތެރި ނުވެވޭނެ ގޮތަށް އިޚްތުޔާރުކޮށްގެންކަން އެނގެން އޮތްކަމަށެވެ. މުޅި މާލިއްޔަތު ޤަވާޢިދުގެ މަޤްޞަދަކީ ދައިލަތުގެ ފައިސާއަށް ރައްކާތެރިވުންކަމަށްވާއިރު އެމަޤްޞަދު ގެއްލޭ ގޮތަށް އެޤަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެކަމަށެވެ. މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ފޮނުއްވި އިރު އެއީ އެއިސީސީ އާ ފުލުހުން ގުޅިގެން ތަޙްޤީޤްކޮށްފައިވާ މައްސަލައެއްކަމަށް ބަޔާން ކޮށްފައިވީނަމަވެސް ތަޙްޤީޤްގައި ފުލުހުންގެ ބައިވެރިވެފައިވާކަން ނުވަތަ ބައިވެރިވެފައިވާނަމަ ބައިވެރިވެފައިވާ މިންވަރުވެސް ފާހަގަވަން ނެތްކަމަށް ޖުޑިޝަރީ ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ. މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ އޮފީހުންނިންމެވި ނިންމެވުން ބިނާކުރެއްވި ސަބަބުތަކާއި އޭސީސީ ރިޕޯރޓްގެ މައްޗަށް ބިނާ ކުރެއްވި ސަބަބުތަކާމެދު ޚިލާފުތަކެއް ހުރި ނަމަވެސް ކަމާގުޅުންހުރި ތަޙްޤީޤީ އިދާރާތަކުގެ އިތުރު ބައިވެރިވުމާއެކު ޕީޖީގެ ނިންމެވުން މުރާޖާ ކުރައްވައި މިމައްސަލައިގައި ދަޢުވާކުރެއްވުމަށް ފުރުޞަތު އޮތްކަމަށް ކޮމެޓީން ވަނީ ނިންމަވައިފައެވެ.