ނުޙައްޤު މުއްސަނދިކަން ކުށަކަށް ހެދުމަށް ޤާނޫނުލް އުޤޫބާތަށް ހުށަހެޅި އިޞްލާޙު މަޖިލީހުން ބައިލައިގެންފިއެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 53 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ފާސްވުމުން، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ކަނޑައެޅުއްވިއެވެ.
ޤާނޫނުލް ޢުޤޫބާތަށް ހުށަހަޅައިފައިވާ އިޞްލާޙުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާ ބެހޭ ގޮތުން ބަޔާންކޮށްފައި ވަނީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަކީ ކުށެއް ކަމަށެވެ. އަދި ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެއްކަމަށެވެ.
ބިލުގައިވާގޮތުން އެފަދަ ދިރިއުޅުމުގެ ފެންވަރެއް ޤާއިމްކުރީ އަދި މުދާ މިލްކުކުރީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ކޮށްދޭންޖެހޭނީ އެމީހެކެވެ. އެކަން ސާބީތުކޮށް ނުދެވިއްޖެނަމަ، އެއީ ކުށެއް ކަމަށްވެސް ބިލްގައި ވަނީ ކަނޑައަޅައިފަ އެވެ.
ނުޙައްޤު މުއްސަނދިކަމުގެ ކުށެއްގެ އަދަބުގެ ކުޑަ ބޮޑުމިން ވެސް ވަނީ މަޤާމާގުޅޭ ގޮތަށްކަނޑައަޅައިފަ އެވެ. ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ، ވަޒީރެއް، މަޖިލިސް މެމްބަރެއް ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކުނަމަ އެއީ އެކުށް ވެގެންދަނީ ޖިނާޢަތުގެ ދެވަނަ ދަރަޖައިގެ ކުށަކަށެވެ. އެނޫން ޙަލާތްތަކުގައި އެކުށަކީ ޖިނާޢަތުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
ނުޙައްޤު މުއްސަނދިކަން ކުށަކަށް ހެދުމުގެ އިތުރުން ބިލުގައި ހިމެނޭ އިޞްލާހުތަކުގެ ތެރޭގައި ރިޝްވަތުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ވެސް ހިމެނެއެވެ.