ހުވަފެން - 34

(9 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އޭޝްލީއަށް،

މިއީ އަހަރެން އޭޝްލީގެ މަތިން ހަނދާންކުރާކަމާއި، ހެޔޮއެދޭކަން އަންގައިދިނުމުގެ ގޮތުން ފޮނުވާ ކުރު ނޯޓެކެވެ. ފަރުވާގެ ކަންތައް ހިތްހަމަޖެހޭ ފަދަ ގޮތަކަށް ކުރިއަށްދާ ކަމަށް ހީކުރަމެވެ. އަހަރެން ވަރަށް ގިނަގިނައިން އޭޝްލީގެ މަތިން ހަނދާންކުރަމެވެ. އަހަރެން ދެކޭ ގޮތުގައި ހަނގުރާމަކޮށްފައިވަނީ އަހަރެމެން ދެ މީހުން އެކީގައެވެ. އެއީ އުނދަގޫ ހަނގުރާމައެކެވެ. އެކަމަކު އެންމެ ފަހުން ކާމިޔާބު ލިބުނީ އަހަރެމެން ދެ މީހުންނަށެވެ. އޭޝްލީއަށް ދޭންޖެހޭ އުފާވެރި ޚަބަރެއް ވެސް އެބައޮތެވެ. ބެޑްފޯޑްގަޔާއި، ކެބެކްގައި އޭޝްލީގެ މައްޗަށް އުފުލަން ކަނޑައަޅައިފައި ހުރި ޤަތުލުގެ މައްސަލަތައް ހުށަނާޅާ ގޮތަށް ނިންމާނޭ ވާހަކަ އެ ތަންތަނުން އަހަންނަށް އަންގައިފިއެވެ. އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުމިއްޔާ އަންގާށެވެ.

ހެޔޮ އެދުންތަކާއެކު،

ޑޭވިޑް"

ޑޮކްޓަރ ކެލަރ އޭގެ އަނެއް ދުވަހު އަނެއްކާވެސް އޭޝްލީ ހިޕްނޮޓައިޒްކޮށްގެން ޓޮނީއާ ވާހަކަދެއްކިއެވެ.

"މިއަދު ކޮންކަމެއް ޖެހުނީ-" ޓޮނީގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ.

"މިއަދު ކަލެއާ ކުޑަކޮށް ވާހަކަދައްކާލާ ހިތްވީ- އަހަރެން ބޭނުންވަނީ ކަލެއާ އެހީވާން-"

"އަހަންނަކަށް ކަލޭގެ އެހީއެއް ބޭނުމެއް ނުވޭ- އަހަރެން މި އުޅެނީ ނުލާހިކު ހަމަޖެހިގެން-"

"އެހެންތަ-؟ އެކަމަކު އަހަރެން ކަލޭގެ އެހީ ބޭނުން- އަހަރެން ސުވާލެއްކޮށްލަން ބޭނުން- ކަލެއަށް ފެންނަ ގޮތުގައި އޭޝްލީއަކީ ކޮންކަހަލަ ކުއްޖެއް-؟"

"ހޫނ- އަހަރެން ލައްވާ ވާހަކަދައްކުވަން ނޫޅޭ-"

"ކަލެއަކަށް އޭނާއެއް ކަމަކުނުދޭދޯ-؟"

"ހަމަ ކަނޑިއާ ކަނޑި-"

"ކަލެއަށް ކަމުނުދަނީ އޭނާގެ ކޮންކަމެއް-؟"

ޓޮނީ ވާހަކަދައްކަންފެށީ އިރުކޮޅަކު އަނގައިން ނުބުނެ ހުރެފައެވެ. "އޭނާ އުޅޭނީ އެހެން މީހުން މަޖާކުރަން އުޅުނީމާ އެކަމަށް ހުރަސްއަޅަން- އެއީ އޭނާގެ އާދަ- އަހަރެން އޭނާ ބުނާ ގޮތަށް ހަދާނަމަ އަހަރެމެންގެ ދިރިއުޅުން ވެގެން ދިޔައީހީ ވަރަށް ފޫހި ދިރިއުޅުމަކަށް- އަހަރެން ހަދާ ގޮތަކީ ދޭތެރެ ދޭތެރެއިން އޭނާ ބުނާ ގޮތާ ދެކޮޅަށް ކަންތައް ކުރަނީ- އޭނާއަކީ ޕާޓީތަކަށް ދާހިތްވާ ކުއްޖެއް ނޫން- ދަތުރުކުރާ ހިތްވާ ކުއްޖެއް ނޫން- އެއްވެސް ކަހަލަ މަޖަލެއް ކުރާކަށް ނޫޅޭނެ-"

"ކަލޭ ވަރަށް މަޖާކުރާ ހިތްވޭތަ-؟"

"އެހެންޏަ- މަޖާނުކުރަންޏާ މި ދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބާ-؟"

"ކަލޭ އުފަންވީ ލަންޑަނަށް- އެހެން ނޫންތަ-؟ އެ ތާނގެ ވާހަކަ ކިޔައިދީފާނަންތަ-؟"

"އެ ތަނާ ބެހޭ ގޮތުން އަހަރެން ބުނަން ބޭނުން ވާހައިވެސް ވާހަކައަކީ މިހާރު އެ ތާނގައި އުޅެވޭ ނަމަ ހާދަ ރަނގަޅޭ ހިތަށްއަރައޭ-"

ހިމޭންވެއްޖެއެވެ.

"ޓޮނީ...؟ ޓޮނީ...؟"

އޭނާ ހިނގައްޖެއެވެ.

ގިލްބަރޓް ކެލަރ ދެން ވާހަކަދެއްކީ އޭޝްލީއާއެވެ. "އޭޝްލީ- ދެން އަހަރެން ބޭނުންވަނީ އެލެޓާ ވާހަކަދައްކަން-" އޭނާ ހުރީ އޭޝްލީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ބަލާށެވެ. އޭނާ ތަންކޮޅެއް ކައިރިއަށް ޖެހިލައިފައި ގޮވައިލިއެވެ. "އެލެޓް-"

"އޯތް-"

"ޓޮނީއާ އަހަންނާ ދެ މީހުން ދެއްކި ވާހަކަ ކަލޭ އަޑުއެހިންތަ-؟"

"އާނ..."

"ކަލެއާ ޓޮނީއާ ރައްޓެހިތަ-؟"

"އެހެންޏަ-" ކަލެއަކަށް އެ ކަމެއް ނޭނގޭހެއްޔެވެ؟

"އެކަމަކު އޭޝްލީއަކަށް ކަލޭމެން ދެ މީހުން ކުރެ މީހެއް ނޭނގޭ-"

"އަހަންނަށް އެކަން އެނގޭ-"

"ކަލެއަށް އޭޝްލީ ރަނގަޅުތަ-؟"

"އަހަންނަކަށް މާކަ ނުބައެއް ނޫން-" ތިޔަ މޮޔަ ސުވާލުތައް އަހަންނާ ކުރަނީ ކީއްކުރަން ހެއްޔެވެ؟

"ކަލޭ އޭނާޔާ ވާހަކަ ނުދައްކަނީ ކީއްވެގެން-؟"

"ޓޮނީ ބުނީ އޭނާޔާ ވާހަކަ ނުދައްކާށޭ- އެހެން ވެގެން-"

"ކަލޭ ކުރަންޖެހޭ ހުރިހައި ކަމެއް ބުނެދެނީ ޓޮނީތަ-؟"

"ޓޮނީއަކީ އަހަރެންގެ ރައްޓެއްސެއް-" އެއީއަކީ ކަލެއަކާ ބެހޭ ކަމެއް ނޫނެވެ.

"ކަލޭގެ ރައްޓެއްސަކަށް ވާން އަހަރެން ވެސް ބޭނުން- އެލެޓް- ކަލޭގެ އަމިއްލަ ވާހަކަތައް އަހަންނަށް ކިޔައިދީބަލަ- ކަލޭ އުފަންވީ ކޮންތަނަކަށް-؟"

"އަހަރެން އުފަންވީ ރޯމަށް-"

"ރޯމް އެއީ ރަނގަޅު ތަނެއްތަ-؟"

ގިލްބަރޓް ކެލަރ ބަލަން ހުއްޓާ އޭޝްލީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. އޭޝްލީ ރޯންފަށައިފިއެވެ.

އެވީ ކިހިނެއްބާވައެވެ؟ ކެލަރގެ ހިތަށްއެރިއެވެ. "ހާސްނުވޭ- އެއީ އެއްވެސް ކަމެއް ނޫން- މިހާރު ތިޔަ އުޅެނީ ހޭލުމުގެ މަގުމަތީގައި- އޭޝްލީ..."

އޭނާ ލޯހުޅުވައިލައިފިއެވެ.

"އަހަރެން ދެންމެ ޓޮނީއާ އެލެޓާ ދެ މީހުންނާ ވާހަކަދައްކައިފިން- އެއީ ދެ ރަޙްމަތްތެރިން- އަހަރެން ބޭނުންވަނީ ތިން މީހުންނަކީ ވެސް ރައްޓެހިންނަށް ވާން-"

އޭޝްލީ މެންދުރު ކާން އިންދާ ފިރިހެން ނަރުހަކު އޭނާގެ ކޮޓަރިއަށް އައެވެ. އޭރު ބިންމަތީގައި ވަރަށް ރީތި ކުރެހުމެއް އޮތެވެ. އޭނާ އިރުކޮޅަކު އެ ކުރެހުމާ ދިމާއަށް ބަލަން ހުރެފައި އެ ހިފައިގެން ދިޔައީ ޑޮކްޓަރ ކެލަރގެ އޮފީހަށެވެ.

ޑޮކްޓަރ ލުވިސަންގެ އޮފީހުގައި އޮތް ބައްދަލުވުމެކެވެ.

"ގިލްބަރޓް- ކަންތައްތައް ދަނީ ކިހިނެއް-؟"

ޑޮކްޓަރ ކެލަރ ވާހަކަދެއްކީ ވަރަށް ވިސްނުންތެރިކަމާ އެކީގައެވެ. "އަހަރެން އޭނާގެ ހަށިގަނޑުގައި އުޅޭ އަނެއް ދެ މީހުންނާ ވާހަކަދައްކައިފިން- އެ ދެ މީހުންގެ ތެރެއިން ވެރިއަކަށް މި ވަނީ ޓޮނީ- އޭނާއަކީ އިނގިރޭސިއެއް- އެކަމަކު ޢާއިލާގެ އެއްވެސް ކަމަކާ އޭނާ ވާހަކައެއް ނުދެއްކި- އަނެއް މީހާ، އެލެޓް، ވިހެއީ ރޯމަށް- އޭނާވެސް ޢާއިލާގެ ވާހަކަދައްކާކަށް ބޭނުމެއްނުވޭ- އެހެންވީމާ އަހަރެން ސަމާލުކަން ދޭނީ އެ ކަމުގެ މައްޗަށް- ހުރިހައި މައްސަލައެއްގެ މުގުލަކަށް ވާނީ އެ ކަންތައް- ޓޮނީއަކީ ވަރަށް ހަރުކަށި މީހެއް- އެލެޓަކީ ތަންކޮޅެއް މަޑުމައިތިރި، އަވަހަށް ހަތިޔާރު ބަހައްޓާ ކުއްޖެއް- އޭނާއަކީ ކުރަހާ ހިތްވާ ކުއްޖެއް- އެކަމަކު އެ ކަމާ ކުރިމަތިލާކަށް ނުކެރޭ- ބަލަން ޖެހޭ ކަމަކީ އެއީ ކިހިނެއް ވެގެން ވާ ކަމެއްތޯ-؟"

"އެހެންވީމާ އޭޝްލީގެ މައްޗަށް ބާރު ހިންގަނީ ޓޮނީތާ-؟"

"ރަނގަޅު- ހުރިހައި ބާރެއް އޮންނަނީ ޓޮނީގެ އަތްމަތީގައި- އެ ދެ މީހުންކުރެ މީހަކު އުޅޭ ކަމެއް އޭޝްލީއަކަށް ނޭނގޭ- އެކަމަކު ޓޮނީއާ އެލެޓާ ދެ މީހުންނަކީ ދެ ރައްޓެހިން- އެއީ ވަރަށް ޝައުގުވެރިވާ ޒާތުގެ ކަމެއް- ޓޮނީއަކީ ވަރަށް ރީތިކޮށް ލަވަކިޔާ މީހެއް- ވަރަށް އަޑު ރީތި- އެލެޓަކީ ކުރެހުންތެރިއެއް-" ފިރިހެން ނަރުސް ގެނެސްދިން ކުރެހުން އޭނާ ދައްކާލިއެވެ. "ހީވާ ގޮތުގައި އެ ދެ މީހުންގެ މި ހުނަރަކީ މުޅި މައްސަލައިގެ ފުނަށް ވާސިލުވެވެން އޮތް ތަޅުދަނޑި-"

އޭޝްލީއަށް އޭނާގެ ބައްޕަގެ ސިޓީއެއް ކޮންމެ ހަފްތާއަކު އެއް ފަހަރު ލިބެއެވެ. އެ ސިޓީ ކިޔައިފައި އޭނާ ކޮޓަރީގެ އަނދިރި ކަނެއްގައި ހިމޭނުން އެތައް އިރަކު އިނދެއެވެ. އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ.

"އޭނާގެ ގެޔާ އޮތް ހަމައެކަނި ގުޅުމަކީ އެއީ-" ޑޮކްޓަރ ކެލަރ އޮޓޯ ލުވިސަންއާ މުޚާޠަބްކޮށް ބުނެލިއެވެ. "އެ ސިޓީތަކުގެ ސަބަބުން ބޭރަށް ނުކުމެ އަލުން އާދައިގެ ދިރިއުޅުމެއް ފެށުމުގެ އުންމީދު އޭނާގެ ހިތުގައި އާވޭ- މި ކަހަލަ ކޮންމެ ކަމަކީ މައްސަލަ ބަލަން ލިބޭ އެހީއެއް..."

    އެ މާހައުލަށް އޭޝްލީ ހޭނެންފަށައިފިއެވެ. އެ ތާނގައި ފަރުވާ ލިބިގަންނަން ތިބޭ މީހުން ގޯތިތެރޭގައި ބޭނުން ތާނކަށް ގޮސް އައިސްވެ ހަދައެވެ. އެކަމަކު ކޮންމެ ފެންޑާއެއްގައި، ކޮންމެ ހަތަރު އަނގޮޅިއެއްގައި މީހަކު ފާރައަށް ހުރެއެވެ. ބޭރަށް ނުކުންނަން ހުންނަ ދޮރު ހުންނަނީ ތަޅުލައިފައެވެ. ގޯތިތެރޭގައި މުނިފޫހިފިލުވަން ކުޅިވަރު ކުޅެން ނުވަތަ ޓީވީ ބަލަން ދާނޭ ވަކި ކޮޓަރިއެއް ހުރެއެވެ. އަދި ކަސްރަތުކުރާނޭ ވަކި ކޮޓަރިއެއް ވެސް ހުރެއެވެ. އެންމެން ކާންދަނީ އެއްކޮޓަރިއަކަށެވެ. އެ ތާނގައި އެކި ގައުމުތަކުން އައިސް ތިބި އެކި ކަހަލަ މީހުން ތިއްބެވެ. ޖަޕާނުމީހުންނާއި، ޗައިނާމީހުންނެވެ. ފަރަންސޭސިންނާއި، އެމެރިކާނުންނެވެ. ހޮސްޕިޓަލުގެ މާހައުލަކީ އާދައިގެ މާހައުލަކަށް ހެދޭތޯ ކަމާ ބެހޭ ފަރާތުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭޝްލީ އައިސް ކޮޓަރިއަށް ވަނުމާއެކު ދޮރުލައްޕައި، ބޭރުން ތަޅުލައެވެ.

"މިއީ ހޮސްޕިޓަލެއް ނޫން-" ޓޮނީ އެލެޓް ގާތު ޝަކުވާކުރިއެވެ. "މިއީ ޖަލެއް-"

"ޑޮކްޓަރ ކެލަރ ބުނާ ގޮތުން ވިއްޔާ އޭނާ އޭޝްލީއަށް ފަރުވާދީގެން ރަނގަޅުކުރާނެ- އެހެން ވެއްޖެއްޔާ އަހަރެމެންނަށް މި ތަނުން ސަލާމަތްވެވޭނެއެއްނުން-؟"

"އެލެޓް- މޮޔަ ނުގޮވާ- ކަލެއަކަށް ނުވިސްނޭތަ-؟ އޭޝްލީއަށް ފަސޭހަވާނީ އަހަރެމެން ދިޔައީމާ- އޭނާ ރަނގަޅުކުރަން އަހަރެމެން ދެ މީހުން މަރައިލަން ޖެހޭނެ- އަހަންނެއް އެހެން ވިޔަކަ ނުދޭނަން-"

"ކަލެއަށް ކުރެވޭނީ ކޮންކަމެއް-؟"

"އަހަރެން މި ތަނުން ފިލައިގެން ދާނޭ ގޮތެއް ހޯދާނަން-"

ސައުވީސްވަނަ ބާބު

އޭގެ އަނެއް ދުވަހު ހެނދުނެވެ. އޭޝްލީ ގޮވައިގެން ކޮޓަރިއަށް އައީ ފިރިހެން ނަރުހެކެވެ. އޭނާ އޭޝްލީއާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "މިއަދު ކަލޭ ފެންނަނީ މުޅިން އެހެން ކަހަލަ ގޮތަކަށް-"

"އެހެންތަ-؟"

"އާނ- ހީވަނީ މުޅިން އެހެން މީހެއްހެން-"

ޓޮނީ މަޑުމަޑުން ބުނެލިއެވެ. "އެއީ ކަލޭގެ ސަބަބުން ވެގެން އުޅޭ ގޮތެއް-"

"ކީކޭ-؟"

"އަހަރެން ތަފާތުވެގެން މި އުޅެނީ ކަލެއާ ހެދި-" ޓޮނީ އޭނާގެ އަތުގައި ފިރުމައިލައިފައި ސީދާ އޭނާގެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ. "ކަލޭ ކައިރީގައި ހުރީމާ އަހަންނަށް ބުނަންވެސް ނޭނގޭ ކަހަލަ އުފާވެރި އިޙްސާސްތަކެއް އެބަ ކުރެވޭ-"

"އެހެންތަ-؟"

"އާނ- ފިސާރި ތެދެއް- ކަލޭ ވަރަށް ރީތި- ވަރަށް އަސަރުގަދަ- ކަލެއަކަށް އެ ކަމެއް ނޭނގޭތަ-؟"

"ނޭނގޭ-"

"މިހާރު އެނގިއްޖެއެއްނުން-؟ އަހަރެން މި ދައްކަނީ ތެދުވާހަކަ- ކަލޭ އުޅެނީ މީހަކާ އިނދެގެންތަ-؟"

"މިހާރު އުޅެނީ އިނދެގެންނެއް ނޫން- ކުރިން އުޅުނީ އިނދެގެން-"

"ކަލެއާ ވަކިވީ ކަލޭގެ އަންހެނުންގެ މޮޔަކަމުން- މި ތާނގައި މަސައްކަތްކުރާތާ ކިހައި ދުވަހެއް ވެދާނެ-؟"

"ފަސް އަހަރު ވެދާނެ-"

"އެއީ ވަރަށް ދިގު މުއްދަތެއް- މި ތަނުން ވަކިވެގެން ދާހިތްވޭތަ-؟"

"ބައެއް ފަހަރަށް ތިޔަހެންވެސް ހިތަށްއަރާ-"

ޓޮނީ ތަންކޮޅެއް މަޑުމަޑުން ބުނެލިއެވެ. "ކަލޭ ދެނަހުރިންތަ-؟ އަހަންނަކީ ބަލިމީހަކީމެއް ނޫން- އަހަރެންގެ އެއްވެސް ބައްޔެއް ނެތް- މި ތަނަށް ގެނައިއިރު ކޮންމެވެސް ކަހަލަ އުނިކަމެއް ހުރި- އެކަމަކު މިހާރު އަހަރެން މުޅިން ރަނގަޅުވެއްޖެ- އަހަރެންވެސް ބޭނުންވަނީ މި ތަނުން ނުކުންނަން- ކަލޭގެ އެހީތެރިކަން ލިބިއްޖެއްޔާ އެ ކަން ވެދާނެ- ދެ މީހުން އެކީގައި މި ތަނުން ނުކުންނާނީ- އޭގެ ފަހުން ދެ މީހުން އުފަލާއި، މަޖަލުގައި ދުވަސްކޮޅެއް ހޭދަކުރާނީ-"

ބިލް އޭނާއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. "ތިޔަ ކަމާ ބުނާނޭ އެއްޗެއް އަހަންނަކަށް ނޭނގޭ-"

"ހާސްނުވޭ- އެއީ އެހައި އުނދަގޫ ކަމެއް ނޫން- ކަލޭ ކުރަންޖެހޭހައި ވެސް ކަމަކީ އެއްރެއަކު މީހުން ނިދައި ހިލަވަޅު އޮބުނީމާ އަހަރެން މިތަނުން ބޭރަށް ނެރޭނީ- އެ ހިސާބުން ދެ މީހުން އެކީގައި ފިލާނީ-" ޓޮނީ އޭނާއާ ދިމާއަށް ވަރަށް ލޯބިން ބަލައިލިއެވެ. "ކަލޭގެ މަސައްކަތުގެ އަގު އަހަރެން ކަލޭ ބޭނުން ގޮތަކަށް ދޭނަން-"

އޭނާ ބޯޖަހައިލިއެވެ. "އަހަރެން ތިޔަކަމާ ވިސްނައިލާނަން-"

"އާނ- ވިސްނައިލާ-" ޓޮނީ ވައިއަޑުން ބުނެލިއެވެ.

ޓޮނީ ކޮޓަރިއަށް ވަދެފައި އެލެޓާ މުޚާޠަބްކޮށް ބުނެލިއެވެ. "އަހަރެމެން މި އުޅެނީ މި ތަނުން ފިލަން-"

އޭގެ އަނެއް ދުވަހުގެ ހެނދުނު އޭޝްލީ ޑޮކްޓަރ ކެލަރގެ އޮފީހަށް ގެންދެވިއްޖެއެވެ.

"އޭޝްލީ- ކިހިނެއް-؟"

"ރަނގަޅު-"

"މިއަދު އަހަރެމެން މި އުޅެނީ އޭޝްލީއަށް ސޯޑިއަމް އެމީތަލް ދޭން- މީގެ ކުރިން ދުވަހަކުވެސް އޭގެ ތަޖުރިބާ ކުރިންތަ-؟"

"ނޫން-"

"ހާސްނުވާތި- އޭގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވާނެ-"

އޭޝްލީ ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު- އަޅުގަނޑު މިހިރީ ތައްޔާރަށް-"

އޭގެ ފަސް މިނިޓް ފަހުން ޑޮކްޓަރ ކެލަރ ޓޮނީއާ ވާހަކަދައްކަން ފަށައިފިއެވެ. "ޓޮނީ- ކިހިނެއް-؟"

"ހޫނ..."

"ކަލޭ ތިޔަ ހުންނަނީ ހިތްހަމަޖެހިފައިތަ-؟"

"ތިޔައީ ވަރަށް ހެއްވާ ސުވާލެއް- އެކަމަކު އަހަރެން ދޮގެއް ނުހަދާނަން- އަހަރެން މި ދަނީ މި ތަނަށް ހޭނެމުން- މިހާރު ހީވަނީ ހަމަ ގޭގައި އުޅެވެނީހެން-"

"އެހެން ވެއްޖެއްޔާ ފިލަން އުޅެނީ ކީއްވެގެން-؟"

ޓޮނީގެ އަޑަށް ހަރުކަށިކަން އަތުވެއްޖެއެވެ. "ކީކޭ-؟"

"ކަލޭ ފިލަންވެގެން އެހީއަށް އެދި ވާހަކަދެއްކި ކަމަށް ބިލް އަހަރެން ގާތު ބުނި-"

"ނަގޫ..." އޭނާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. ކުއްލިއަކަށް ތެދުވެ މޭޒުމަތީގައި އޮތް ބިއްލޫރި ބަރު ނަގައި ޑޮކްޓަރ ކެލަރއާ ދިމާއަށް އެއްލައިފިއެވެ.

ޑޮކްޓަރ ސަލާމަތްވީ ބޯތިރިކޮށްލެވުނީމައެވެ.

"އަހަރެން ކަލޭ މަރައިލާނަން- އަހަރެން ކަލޭ މަރައިލާނަން-"

ޑޮކްޓަރ ކެލަރ ޓޮނީގެ ގައިގައި ބައްދައިފިއެވެ. "ޓޮނީ..."

ކުއްލިއަކަށް އޭޝްލީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. ޓޮނީ ދިޔައީއެވެ.

"އޭޝްލީ-"

އޭޝްލީ މުޅިން ހަމައަކަށް އެޅި، ހޭއެރީމާ އޭނާ ލޯހުޅުވައިލިއެވެ. އަދި ވަށައިގެން ހޯދައި ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޙައިރާންކަމުގެ އަސަރެވެ. "ހުރިހައި ކަމެއް ދިޔައީ ރަނގަޅަށްތޯ-؟"

"ޓޮނީ އަހަންނާ ޙަމަލާދިނީ- އޭނާ ފިލަން އުޅޭކަން އަހަންނަށް އެނގުނީމާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި-"

"މަޢާފްކުރައްވާ- ކޮންމެވެސް ބޮޑުކަމެއް ހިނގިކަން އަޅުގަނޑަށް ވެސް އެނގުނު-"

"އަޅާނުލާ- އެއީ އެއްވެސް ކަމެއް ނޫން- ދެން އަހަރެން ބޭނުންވަނީ އޭޝްލީއާ ޓޮނީއާ އެލެޓާ ތިން މީހުން އެއްތަންކުރަން-"

"ނޫން-"

"ކިހިނެއްވީ-؟"

"އަޅުގަނޑު ބިރުގަނޭ- އެ... އެ މީހުންނާ ވާހަކަދައްކާކަށް އަޅުގަނޑު ބޭނުމެއް ނޫން- އެއީ ޙަޤީޤީ ބައެއް ނޫން- ޚިޔާލީ ބައެއް-"

"ކޮންމެވެސް އެއްދުވަހަކުން އެ މީހުންނާ ބައްދަލުކުރަންޖެހޭނެ- އެކަކު އަނެކަކާ ބައްދަލުވެ ތަޢާރަފްވާން ޖެހޭނެ- އެކަށް ފަސޭހަވާން އޮތް ގޮތަކީ އެއީ-"

އޭޝްލީ ތެދުވެއްޖެއެވެ. "އަޅުގަނޑު މިހާރު ބޭނުމީ ކޮޓަރިއަށް ދާން-"

އޭޝްލީ ކޮޓަރިއަށް ގެނެސް ލައިފައި އެޓެންޑެންޓް ހިނގައްޖެއެވެ. އެ ވަގުތު އޭނާއަށް ވަރަށް ބޮޑަށް އެކަނިވެރިކަމުގެ އިޙްސާސްކުރެވުނެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަރެން ދުވަހަކުވެސް ރަނގަޅެއް ނުވާނެއެވެ. އުމުރުގެ ދެން އޮތް ބައި ހޭދަކުރަންޖެހޭނީ މި ތާނގައެވެ. އޭނާއަކަށް ޙަޤީޤަތަކާ ކުރިމަތިލާކަށް ނުކެރުނެވެ. އެހެން ބަޔަކު އޭނާގެ ހަށިގަނޑުގައި އުޅޭ ކަމަށް ޤަބޫލުކުރާކަށް ނުކެރުނެވެ. އެ މީހުންގެ ސަބަބުން ވަނީ އެތައް ބަޔަކު މަރުވެފައެވެ. ޢާއިލާތައް ވަނީ ރޫޅިފައެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.