ދަނޑުވެރިކަމަށް ތިން އަހަރު ދުވަހަށް ބިން ދޫކުރެވޭ ގޮތަށް ޤަވާޢިދު އިޞްލާޙު ކޮށްފި

ދަނޑުވެރިކަމުގެ މަސައްކަތަށް ތިން އަހަރު ދުވަހަށް ބިން ދޫކުރެވޭ ގޮތަށް، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދަށް އިޞްލާޙު ގެނެސްފިއެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދަށް ގެނައި އިޞްލާޙު ސަރުކާރު ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވައިފައެވެ. ޤަވާޢިދުގެ އަށްވަނަ މާއްދާގެ (ހ) ގެ ފަސް ވަނަ ނަމްބަރަށް ގެނައި އިޞްލާޙުގައި ވަނީ ދަނޑުވެރިކަމުގެ މަސައްކަތަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން ހިމަނުއްވައިފައެވެ.

ތިން އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔަކާ ނުލައ ދަނޑުބިން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. އެގޮތުން 44 ހަތަރު ރަށަކުން ހިލޭ ދަނޑުބިން ދޫކުރަން ވަނީ ހަމަޖައްސަވައިފިއެވެ. މިއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ބިން ދޫކުރެއްވުމަށް ނިންމައިފައި ވަނީ ބިން އޮތް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.

ކާނާގެ ޔަގީންކަން އިތުރުކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށުން 25 އިންސައްތައާ ގާތަށް ކާބޯތަކެތި ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. ކާނާގެ ޔަޤީން ކަށަވަރު ކުރުމުގެ އިތުރުން ދިވެހީންގެ ފުދުންތެރިކަން އިތުރު ކުރުމަކީވެސް މި ދަނޑު ބިންތައް ދޫކުރުމުގެ މަޤްޞަދެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.