ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އައިޖީއެމްއެޗުން ދޫކޮށްލާނީ ގާސިމަށް އިތުރު ފަރުވާ ދެވޭނެ ޙާލަތެއްގައި ކަމަށް ގާސިމްއަށް ފަރުވާދޭ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
ގާސިމް ބައްލަވާ ޑޮކްޓަރުންނާ ހަވާލާދެއްވައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ގާސިމްގެ ޙާލު މިހާރުވެސް ސީރިއަސް ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި މިހާރުވެސް އޮތީ ރިސްކެއްގައި ކަމަށެވެ. އައިޖީއެމްއެޗުގެ ހިތުގެ ޚާއްސަ ޑޮކްޓަރު އަލީ ޝަފީގު ލަފާ ދެއްވާފައި ވަނީ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ.
އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭ އާއި މެޑިކާއިން ގާސިމް ބެއްލެވި ޑޮކްޓަރުންވެސް ލަފާ ދެއްވާފައި ވަނީ ހިތުގެ ޚާއްސަ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. ނަމަވެސް ސަރުކާރުން ހުއްދަ ނުދޭތީ ގާސިމްއަށް އަދިވެސް ރާއްޖެއިން ފުރޭނީ ކޮންދުވަހަކު ކަމެއް ދަންނަވަން ނޭނގޭ ކަމަށް ސަމީރު ވިދާޅުވިއެވެ.
ކަރެކްޝަނުން ވަނީ ގާސިމްގެ ޖަލު ޙުކުމް ގެޔަށް ބަދަލު ކުރަން ނިންމާފައެވެ. ނަމަވެސް ސަމީރު ވިދާޅުވީ ގެޔަށް ދޫކޮށްލެވޭވަރު އަދިވެސް ނުވާކަމަށެވެ. ގާސިމް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދެވޭތޯ އާއިލާ އާއި ޖޭޕީގެ އިސްބޭފުޅުން ވަނީ ހޯމް މިނިސްޓްރީއަށްވެސް ވަޑައިގެންފައެވެ.