މުޞްޙަފް - 73

(24 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހުރިހައި ކަމެއް؟ ކޮން ކަމަކާ ބެހޭ ގޮތުން؟ އަހަންނާއި ހުމާޔޫންގެ ކާވެންޏާ ބެހޭ ގޮތުންތަ؟" ފަރިޝްތޭގެ އަޑަކު ލަދުވެތިކަމެއްވެސް އަދި ބޭޒާރުވެއްޖެކަމުގެ ބިރެއްވެސް ނެތެވެ. އެ ސުވާލު ކޮށްލީ ވަރަށް ފަސޭހަކަމާ އެކީގައެވެ.

"ހުރިހައި ކަމެއް." މެހެމަލް ތަކުރާރު ކޮށްލިއެވެ.

"ހުމާޔޫން އަހަންނާ އިންނާން އެހީ ކަރާޗީން އެނބުރި އައިސް. މެހެމަލާ އެކީގައި އުޅޭކަށް އޭނާ ބޭނުމެއް ނޫން. ވަރިކޮށްފައި ނޫނީ އޭނާއަކަށް އަހަންނާ އިނދެވޭކަށް ނެތް. އެހެންވީމާ އަހަރެމެން ނިންމީ މެހެމަލް ހޭއެރީމާ ވަރީގެ ކަންތައް ހަމަ ޖައްސައިފައި އިންނަން."

އޭނާގެ ވާހަކަ ދައްކާލެއް ފަސޭހަ ކަމުން ހީވަނީ މޫސުމުގެ ޚަބަރު ކިޔައިދެނީ ހެންނެވެ.

"އޭނާ ބޭނުންވީ ދަންނަބޭކަލުންގެ ފަތުވާއެއް ހޯދަން. އެކަމަކު އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނު. އަހަރެން ވިސްނީ ކުޑަ ދުވަސްކޮޅަކު އިންތިޒާރު ކުރަން. ދެން މެހެމަލް ހޭއެރީ. ހުމާޔޫން ވަރީގެ ލިޔުން ތައްޔާރު ކުރުވީ މެހެމަލް ހޭއެރީމާ. އަހަންނާ އިންނާން އެހުމުގެ މާކުރިން އޭނާ މެހެމަލް ވަރި ކުރަން ނިންމައިފި. އަހަންނާ އިނުމުގެ ޚިޔާލެއް ނެތަސް މެހެމަލާ އިނދެގެން އުޅުމުގެ ވިސްނުމެއް އޭނާގެއެއް ނެތް."

ފަރިޝްތޭ މޭޒަށް ލެނގިލައިގެން ހުރެ ހަމަޖެހުމާއެކު ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އޭނާގެ ހުށަހެޅުން އަހަރެން ގަބޫލުކުރީ މެހެމަލް ވަރި ކުރުމަށް ފަހު އޭނާވެސް ކޮންމެވެސް މީހަކާ އިންނާނެކަން އެނގޭތީ. އަދި އަހަރެންވެސް މީހަކާ އިންނާން ބޭނުން ވާތީ. އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގޭތީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަހަންނަށް ފެނުނީ. މެހެމަލާ ގުޅުން ބާއްވާކަށް ހުމާޔޫނަށް މަޖުބޫރެއް ނުކުރެވޭނެ. އޭނާ މީހަކު ދައްކާހައި ވާހަކައެއް ގަބޫލެއްވެސް ނުކުރާނެ. އެހެންވީމާ އޭނާގެ ހުށަހެޅުން ގަބޫލު ކުރުމުގެ ހައްގު އަހަންނަށް އޮތް ކަމަށް ގަބޫލު ކުރެވުނީ. އަހަރެން އެ ހައްގުގެ ބޭނުން ކުރީ."

އޭނާގެ ކިބައިގައި ދަލީލު އެބަހުއްޓެވެ. ބާރުގަދަ ޝަރުޢީ ވާހަކަތައް އެބަހުއްޓެވެ. މެހެމަލް ހިމޭނުން އަޑުއަހާން އިނީއެވެ. އޭނާ އިރުކޮޅަކަށް ވާހަކަ ދެއްކުން ހުއްޓައިލީމާ މެހެމަލް ވާހަކަ ދެއްކިއެވެ.

"އަހަންނާއި ފަވާދްބޭބެއާ ދެމީހުންގެ ފޮޓޯއާ ބެހޭގޮތުން ހުމާޔޫން ސުވާލު ކުރީމާ ދައްތަ ބުނީ ކީކޭ؟" މިއީ އޭނާ އަނދިރީގައި ދޫކޮށްލި ތީރެކެވެ. އަމާޒަށް ވާސިލުވާނޭ ކަމުގެ މާބޮޑު ޔަގީން ކަމަކާ ނުލައެވެ.

"އަހަރެން ބުނީ ތެދަށް." އަދިވެސް ފަރިޝްތޭ ހުރީ ހަމަޖެހިލައިގެންނެވެ. "ހުމާޔޫނަށް ފޮޓޯއާއި އެއްބަސްވުން ދެއްކީ މުޢީޒު. އެ އެއްބަސްވުމަކީ އަހަރެމެން ދެމީހުންނާއި ފަވާދާ ދެމެދު ވެވުނު އެއްބަސްވުން. އަހަރެން ހީކޮށްގެން ހުރީ މެހެމަލް އޮތީ ހުމާޔޫނަށް ހުރިހައި ވާހަކައެއް ކިޔައިދީފައި ކަމަށް. އަހަރެން ނުބުނެ ހުރީ އޭނާގެ ރުޅިގަނޑު ދެކެ ގަންނަ ބިރަކާހެދި. އެކަމަކު މެހެމަލްވެސް ހުރީ ނުބުނެ. އެހެންވީމާ އޭނާގެ ރުޅިއަކީ ހައްގު ރުޅިއެއް. އޭނާ އަހަންނަށް ގޮވައި ގެނެސްގެން ވަރަށް ހަޅޭއް ލެވި. އަހަރެން އަނގަޔަކުން ނުބުނަން. އޭނާ އަހަރެން ގާތު އެހީ އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްހޭ ނުވަތަ ނޫންހޭ. އަހަރެން ބުނީ ތެދަށް. އެޔާއެކު ރުޅި ގަދަވެގެން އަހަންނާ ދިމާއަށް އެތިވަރު ގޮވަމުން ދިޔައީ. އޭނާ އެންމެ ބޮޑަށް ރުޅި އައީ އަހަރެމެން ދެމީހުން އޭނާއަށް އިތުބާރު ނުކުރީމާ. ދެން އޭނާ ދެއްކީ އެ ފޮޓޯތައް. އަހަރެން ގާތު އެހީ އެއީ ތެދެއްހޭ ނުވަތަ ނޫންހޭ. އެވާހަކަވެސް އަހަރެން ބުނީ ތެދަށް."

"ދައްތަ ބުނީ ކީކޭ؟" މެހެމަލް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"އަހަރެން ބުނީ އަހަންނަކަށް ނޭނގެއޭ. ހަމަ ހަގީގަތުގައިވެސް އޭގެ ތެދުދޮގެއް އަހަންނަކަށް ނޭނގޭ."

މެހެމަލް ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދައްތަގެ ތެދަކީ އެއީ ހެއްޔެވެ؟

"ދެން ހުމާޔޫން އެހީ މުޢީޒު ދެއްކި ވާހަކައަކީ ތެދު ވާހަކައެއްހޭ. މުޢީޒު ބުނީ މެހެމަލާއި ފަވާދާ އުޅުނީ ރައްޓެހިވެގެންނޭ. އެރޭ ފަވާދް އުޅުނީ މެހެމަލް ކުރެން އިންނަން އަހާށޭ. އަނގޮޓިއެއްވެސް ދިނޭ. ބަހަނާއެއް ދައްކައިގެން ހުމާޔޫންގެ ގެއަށް މެހެމަލް ފޮނުވީ އެރޭ ކަމަށްވެސް މުޢީޒު ބުނި. ހުމާޔޫންގެ އަތުގައި އޮތް ޓޭޕުގައިވެސް އެބުނާ އަނގޮޓިއެއްގެ ވާހަކަ އޮތް. އެ ދުވަހު އޭނާ ވާހަކަ ތެދެއް ކަމަކަށް ނުބަލާ. އެކަމަކު މުޢީޒު އެ ވާހަކަތައް ކިޔައިދިނީމާ އޭނާ އަހަރެން ގާތު އެހީ އެއީ ތެދެއްހޭ. ދެންވެސް އަހަރެން ބުނީ ތެދަށް."

މިފަހަރު މެހެމަލް އަނގަޔަކުން ނުބުނެއެވެ. ދައްތަގެ ތެދަކީ ކޮބައިތޯއެއް ނާހައެވެ. ބުނަން އުޅެނީ ކީކޭކަން އޭނާއަށް އެނގެއެވެ.

"އަހަރެން ބުނީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަހަންނަކަށް ލިބިފައެއް ނެތޭ. މެހެމަލްވެސް އަހަރެން ގާތު ދުވަހަކުވެސް އެވާހަކައެއް ނުދައްކާ. އެރޭ ފަވާދް މެހެމަލް ގޮވައިގެން ދިޔައީ ރޭގަނޑު ކާށާއި އިންނާން އަހާށޭ ކިޔާފައި ކަމަށް އަހަރެން ބުނިން. އެއީ މެހެމަލް އަހަރެން ގާތު ބުނެފައި އޮތް ގޮތް. އަހަރެން ބުނީހަމަ އެގޮތަށް."

މެހެމަލް ހިމޭނުން އިނދެގެން ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީން ދެރަވުމުގެ އަލާމާތެއް ނުވަތަ ކަންބޮޑުވުމުގެ އަސަރެއް ނުފެނެއެވެ. އޭނާއަކަށް މެހެމަލްގެ ކުޑަކުޑަ ސިއްރެއްވެސް ހިފަހައްޓައިގެން ހުރެވޭ ވަރެއް ނުވިއެވެ.

އެއީ ކޮން ކަހަލަ ތެދެއް ހެއްޔެވެ؟ އޭނާގެ އަމާނާތުގެ ކަރުގައި ހިފުމަކީ ތެދަކަށް ވޭ ހެއްޔެވެ؟ މެހެމަލަކީ އޭނާގެ ކޮއްކޮއެވެ. އޭނާއަށް އޭނާގެ ކޮއްކޮގެ ސިއްރެއް ނުހިފެހެއްޓޭނޭ ހެއްޔެވެ؟ ކޮއްކޮ ބޭޒާރު ކުރަނީ ދައްތަ ހެއްޔެވެ؟ މި ގެންދަނީ އިންނާން އަހާށޭ ފަވާދް އެންމެ ފަހަރަކުވެސް ނުބުނެއެވެ. އެއީ މެހެމަލް ލަފާކުރި ގޮތެވެ. އޭނާއަށް އެޅުނީ އެންމެ ޅައެއްޗެކެވެ. އޭނާ ހީކޮށްގެން ހުރީ އޭނާގެ އެ ކުށުގެ މައްޗަށް ވަގުތުގެ ހިރަފުސް އަރައި ފޮރުވިގެން ހިނގައިދާނޭ ކަމުގައެވެ. އެކަމަކު ޅައުމުރުގައި އަންހެން ކުއްޖަކަށް ކުރެވޭ ކުށަކީ އެހައި ފަސޭހައިން ފޮރުވޭ ކަހަލަ ކަމަކަށް ނުވަނީތާއެވެ.

"އެ ޓޭޕުގައި އަނގޮޓިއެއްގެ ވާހަކަ ދައްކާ. ހުމާޔޫން އެތައް ފަހަރަކު އެ ޓޭޕު ޖަހައިގެން އަޑުއެހި. އޭނާ އަހަރެން ދެކެ ރުޅިއައީ އަހަރެން އޭނާއަށް އެވާހަކަތައް ކިޔައި ނުދީ ސިއްރު ކުރީއޭ ކިޔާފައި. ދެން އޭނާ އަމިއްލައަށް އެދިގެން ކަރާޗީއަށް ބަދަލުވީ."

މިހާރު ފަރިޝްތޭ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ.

"އާރްޒޫއާ އޭނާޔާ ދިމާވީ ކަރާޗީން. އާރްޒޫގެ ބައްޕަ ނިޔާވީމާ އާޣާޖާނާއި ޣަފްރާން ބޭބެއާ ދެމީހުން ވެގެން އެމީހުންގެ ހިއްސާވެސް ދަމައިގަތީ. އެހެންވީމާ އާރްޒޫ މަސައްކަތް ކުރީ އެއް ތީރުން ދެ ދޫނި ޝިކާރަ ކުރަން. ފަވާދްގެ އަތުން އެއްބަސްވުން އަތުލައި ފޮޓޯއާއި އެއްބަސްވުން މުޢީޒުގެ އަތަށްދީ ހުމާޔޫނާ ހަމައަށް ފޮނުވީ އާރްޒޫ. ފަވާދް ހުރީ އާރްޒޫއާ އިންނާން ބޭނުން ވެފައި. އެކަމަކު އާރްޒޫ ހުރީ ހުމާޔޫނާ ހެދި ހޭބަލިވެފައި. އެހެންވީމާ އާރްޒޫ ބަލައިގެން ހުރީ ހުމާޔޫން ގާނޫނީ ދާއިރާގެ ތެރެއިން މަސައްކަތް ކޮށްގެން މެހެމަލްގެ ހިއްސާ އަތުލާނެ ކަމަށް. އަދި އޭނާގެ ހިއްސާ ހޯދަން އެހީތެރިވެސް ވާނެ ކަމަށް. އެ ރޭވުން ކާމިޔާބު ވެއްޖެއްޔާ މެހެމަލްގެ ހިއްސާވެސް ދަމައިގަންނާން އާރްޒޫ ގެންދިޔައީ ރާވަމުން. އެއީ ހުމާޔޫނާ އިނދެގެން އޭނާ ކުޅެން ގަސްތުކޮށްފައި އޮތް ކުޅިގަނޑެއް. މެހެމަލް ދެކޮޅަށް ނުތެދުވާނޭކަމުގެ ޔަގީންކަން އޭނާއަށް އޮތް."

އަނެއްކާވެސް ވަރަށް ބާރަށް ގުގުރާލައިފިއެވެ. ދުރުން ވިދައިލީތަންވެސް ފެނުނެވެ. އިރުއޮއްސޭން ގާތް ވަނީއެވެ.

މެހެމަލް އަދިވެސް ހިމޭނުން އަޑު އަހާން އިނީއެވެ.

"އެކަމަކު ހުމާޔޫން ފަވާދް ދެކެ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ. ފަވާދް އާރްޒޫއާ އިންނާން ބޭނުންކަން އެނގޭތީ ހުމާޔޫން ހެދި ގޮތަކީ އާރްޒޫ އޭނާޔާ ގާތް ވެގެން އުޅުމުގެ ފުރުސަތު ދިނީ. އާރްޒޫ ދޫކޮށްލާށޭ ކިޔައިގެން ފަވާދް އެތައް ފަހަރަކު އާދޭސްކުރި. އެކަމަކު ހުމާޔޫން ބޭނުންވީ ރަނގަޅަށް ބަދަލުހިފަން. ހުމާޔޫން ބުނީ ފަވާދް އެހެރީ އޭނާގެ ލޯބި ޖަހައިގެންފައޭ އެހެންވީމާ އޭނާވެސް ފަވާދްގެ ލޯބި ޖަހައިގަންނާނީއޭ. އާރްޒޫއާ އިންނާކަށް ހުމާޔޫން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ. ގަސްތެއްވެސް ނުކުރޭ. އޭނާ ގެންދިޔައީ އާރްޒޫ ވާވައްދަމުން. އަހަރެން ގެނެސް ގެއަށް ލާފައި ދެންމެ އޭނާ އެ ދިޔައީ އާރްޒޫ ގާތަށް. އާރްޒޫ އޭނާޔާ ގާތް ވެގަނެގެން އުޅެނީ މަކަރުވެރިކަމުން އަމިއްލަ އެދުމެއްގެ ބޭނުމުގައިކަން ހުމާޔޫނަށް އެނގޭ. އެހެންވީމާ އޭނާވެސް މަކަރު ހެދީ. ހަގީގަތް އެނގުނީމާ އާރްޒޫ ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގޭ. އެކަމަކު މިރޭ ހުމާޔޫން ގެއަށް އަންނާނީ އާރްޒޫއަށް ހުރިހައި ވާހަކައެއް ކިޔައިދީފައި."

ދޫންޏެއް ވަރަށް ބާރަށް އައިސް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހިފައި ބިންމައްޗަށް ވެއްޓިއްޖެއެވެ. މިހާރުވެސް އިރުއިރުކޮޅާ ގުގުރައިލާ އަޑު އެބަ އިވެއެވެ.

"މެހެމަލާ މެދު އަހަރެން ކަންތައް ކުރީ ނުބައިކޮށޭ ފަހަރެއްގައި ހިތަށް އަރައިފާނެ. ނުވަތަ އަހަރެން އެހެން ހަދައިގެން ނުވާނެއޭ މެހެމަލް ބުނެފާނެ. އެކަމަކު ވިސްނައިލަބަލަ. އަހަރެން ހަދާނީ ކިހިނެއް؟ އަހަރެން ހުމާޔޫން ދެކެ ކުރިންވެސް ވަރަށް ބޮޑަށް ލޯބިވިން. އަދި މިހާރުވެސް ލޯބިވޭ. މެހެމަލާއި ހުމާޔޫނާ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން އެނގުނީމާ އަހަރެން ދުރަށް ޖެހިލީ. އެކަމަކު މެހެމަލާ އެކީގައި އުޅޭކަށް އޭނާ ބޭނުމެއް ނުވޭ. އަހަރެންވެސް މީހަކާ އިންނާން ބޭނުން. ނިކަން ބުނެބަލަ. އަހަރެން ކަންތައްކުރި ގޮތް ނުބައިތަ؟ ކާވެންޏަށް ހުށަހެޅުމެއް އައީމާ ގަބޫލުކުރުމުގެ ހައްގު އަހަރެންގެ ދީނުން އޮތީ ދެއްވައިފައި. އަހަރެން ކުރި ކަމަކީ އެއީ. މުފްތީއެއް ކުރެން އަހައިލަބަލަ. އަނބިމީހާއަށް ފިރިމީހާގެ ކަންތައްތައް ފުރިހަމަކޮށް ނުދެވޭނަމަ އެހެން މީހަކާ އިނުމުގެ އިޚްތިޔާރު ފިރިހެންމީހާއަށް އޮވޭ. އެއީ ހައްގަކަށް އުނިކަމެއް ގެނައުމެއް ނޫން. އެއީ ރަހިމުގެ ގުޅުން ކަނޑައިލުމެއްވެސް ނޫން. ނިސާ ސޫރަތުގެ އާޔަތް ހަނދާން އެބަހުރިތަ. އެ އާޔަތުގައި އޮންނަނީ ހައްގެއް އަދާނުކުރެވޭނަމަ ތިމާގެ ހައްގު ދޫކޮށްލާށޭ... ވަކިވެގަންނާށޭ... ﷲ ދެމީހުންގެ ދެމެދުގައި ހަމަޖެހުން ގާއިމު ކުރައްވާނީ އޭރުންނޭ..."

އޭނާގެ ބޭނުމެއް ފުދިދާނޭ ކަހަލަ އާޔަތްތައް މިއަދުވެސް އޭނާގެ ހަނދާނަކުން ފޮހެވިގެންނެއް ނުދެއެވެ.

"މެހެމަލްގެ ޝައްކާއި އިއުތިރާޒުތައް ރަނގަޅަށް އޮޅުންފިލައިފި ކަމަށް ހީކުރަން. އަހަރެން ހަތް އަހަރު ދުވަސް ވާންދެން މެހެމަލަށް ޚިދުމަތް ކުރިން. އެއީ އަހަރެންގެ ވާޖިބެއްވެސް ނޫން. އަހަރެން އެހެން ކަންތައް ކުރީ އަހަރެން މެހެމަލް ދެކެ ލޯބިނުވެއޭ ހީކޮށްފާނެތީ. މިއަދުވެސް އަހަރެން މެހެމަލް ދެކެ ވަރަށް ބޮޑަށް ލޯބިވޭ. މެހެމަލް ހަނދާން އެބަހުރިތަ؟ އަހަންނަށް ބޭނުން ޖެހޭ ވަގުތު އައީމާ އަމިއްލަ ހައްގު ދޫކޮށްލާނަމޭ މެހެމަލް އެއް ދުވަހަކު ބުނީމެއްނު؟ މެހެމަލްގެ ބޮލުގައި ފަވާދް ބަޑި ޖައްސައިގެން ހުރި ދުވަހު މެހެމަލް ސަލާމަތް ކުރުމަށްޓަކައި އަހަރެން، އަހަރެންގެ ހައްގުތައް ދޫކޮށްލިން. އަހަރެން މި ވާހަކަ ބޭއްވީ މިއަދު ދައްކާން ވެގެން."

ފަރިޝްތޭ ވާހަކަ ހުއްޓާލައިފިއެވެ. މިހާރު އެހެރީ މެހެމަލްގެ ވާހަކައިގެ އިންތިޒާރުގައެވެ.

މެހެމަލް އިރުކޮޅަކު ހިމޭނުން ފަރިޝްތޭއާ ދިމާއަށް ބަލަހައްޓައިގެން އިނުމަށް ފަހު މަޑުމަޑުން އަހައިލިއެވެ.

"ދައްތަ ދައްކާން ހުރި ވާހަކަތައް ދައްކައި ނިމުނީތަ؟"

"އާނ."

"ދެން އަހަރެންގެ ވާހަކަ އަޑު އަހާނަންތަ؟"

"އާނ."

"އެހެން ވެއްޖެއްޔާ އަޑުއަހާ. أعوذ با اللّـه من الشّيطان الرّجيم" އޭނާ ފުރަތަމަ އަޢޫޒު ކިޔައިލިއެވެ. ފަރިޝްތޭ ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. މެހެމަލް ހުއްޓައެއް ނުލައެވެ. ވަރަށް ފަރުވާތެރިކަމާއެކު ފަރިޝްތޭއަށް އަޑު އިވޭވަރަށް ކިޔަވާން ފަށައިފިއެވެ. އޭނާވެސް އަދި ފަރިޝްތޭވެސް ޢަރަބި ދަނެއެވެ. އޭނާ ކިޔަވަމުން ގެންދިޔައީ އަލްއަޢްރާފް ސޫރަތުގެ 174 ވަނަ އާޔަތުން ފެށިގެންނެވެ.

"ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެއުރެން (ޙައްޤުގެގެ މަގަށް) އެނބުރި އައުމަށްޓަކައެވެ."

ފަރިޝްތޭގެ މޫނުމަތީން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ. މެހެމަލް އެސްފިޔަވެސް ޖަހައިނުލައި ފަރިޝްތޭގެ ލޮލަށް ބަލަހައްޓައިގެން އިނދެ ކިޔަވަމުން ގެންދިޔައެވެ.

"ތިމަންރަސްކަލާނގެ އާޔަތްތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ ޚަބަރު ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން ޝައިޠާނާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ."

ފަރިޝްތޭގެ ރީތި ދެލޮލުން ބާވަތެއްގެ ހާސްކަމެއް ފައުޅުވިއެވެ. "މެހެމަލް. މަޑުކޮށް..."

މެހެމަލް އަޑެއް ނާހައެވެ. ހަމަ އެގޮތަށް ކިޔަވަމުން ގެންދިޔައީއެވެ.

"ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ." މެހެމަލްގެ އަޑު ދިޔައީ ގަދަވަމުންނެވެ. "ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ އާޔަތްތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. (އެބަހީ ދުނިޔޭގެ އުފާތަކާއި ދިމާއަށް އެނބުރިގަތެވެ.)"

"މެހެމަލް. ހުއްޓާލާ." ފަރިޝްތޭ ބުނެލިއެވެ. އެކަމަކު މެހެމަލް ހުއްޓައެއް ނުލިއެވެ.

"އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް ތަބަޢަވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް ޙަމަލާ ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ."

"ހުއްޓާލާ... ﷲއަށްޓަކައި ހުއްޓާލާ." ފަރިޝްތޭ އޭނާގެ އަނގަމަތީގައި އަތް އަޅާން އުޅުނެވެ.

މެހެމަލް ވަރަށް ބާރަށް އޭނާގެ އަތް ފޮޅުވައިލިއެވެ.

"ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިގެންވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ގެއްލެނިވެގެންވާ މީހުންނެވެ."

ފަރިޝްތޭ ބިންމަތީގައި ކުޑަކަކޫ ޖަހައިފިއެވެ. މެހެމަލްގެ ފައިބުޑުގައެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤުގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤުމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤުއަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ... ޣާފިލުވެގެންވާ ބަޔެކެވެ... ޣާފިލުވެގެންވާ ބަޔެކެވެ."

އޭނާ އެއް ލަފުޒު އެތައް ފަހަރަކު ތަކުރާރު ކުރިއެވެ.

ފަރިޝްތޭގެ މޫނު ހުދު ވެއްޖެއެވެ. ނޭވާލާން އުނދަގޫވާހެންވެސް ހީވާން ފަށައިފިއެވެ. ތުންފަތް ތުރުތުރުއަޅަނީއެވެ. މެހެމަލް އެސްފިޔަ ޖަހައިލީމާ ކަރުނަ ތިތްކެއް ވެއްޓުނެވެ.

"ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެއުރެން (ޙައްޤުގެގެ މަގަށް) އެނބުރި އައުމަށްޓަކައެވެ."

މެހެމަލް އޭނާގެ ފުރޮޅުލީ ގޮނޑި ކުޑަދޮރާ ދިމާއަށް އަނބުރައިލިއެވެ. އަދި އެ ދިމާއަށް ދުއްވައިލިއެވެ.

ފަރިޝްތޭ މިހާރު އެހެރީ އޭނާގެ ފުރަގަހުގައެވެ. މެހެމަލް އެނބުރި ބަލައެއް ނުލައެވެ. އެނބުރި ބަލައިލާކަށް މިހާރަކު އޭނާ ބޭނުމެއް ނުވެއެވެ.

"ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެއުރެން (ޙައްޤުގެގެ މަގަށް) އެނބުރި އައުމަށްޓަކައެވެ." އޭނާ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނދެ ކިޔައިލިއެވެ.

ފަރިޝްތޭއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ކޮޅަށް ތެދުވެ އަނގަމަތީގައި އަތް އަޅައިގެން ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

މެހެމަލް ތެމިފައިވާ ލޮލަކުން ގުގުރާތަން ބަލަން އިނީއެވެ.

* * *

ހުމާޔޫންގެ ކާރު އެތެރެއަށް ވަންއިރުވެސް އޭނާ އިނީ ކުޑަދޮރުގެ ކައިރީގައެވެ. މިހާރު ރޭވެ އަނދިރިވެއްޖެއެވެ. އަދިވެސް އޭނާ އިނީ ހަމަ އެތާގައެވެ. މިއީ މިގޭގައި އޭނާ ހޭދަކުރާނޭ އެންމެ ފަހުގެ ރެއެެވެ. އޭނާ ބޭނުންވަނީ މިރޭ ހިތްހަމަޖެހިގެން ވޭތުކޮށްލާށެވެ. އޭނާ ބިލްގީސަށް ގޮވައި ގެނެސްފިއެވެ. އެއީ އެނދުގައި އޮށޯންނާން ވެގެންނެވެ. ރަނގަޅަށް ހަމަޖެހިލައިގެން އޮށޯވެވުނީމާ އޭނާ ލޯ މަރައިލިއެވެ. މާގިނަ އިރެއް ނުވެ އޭނާއަށް ނިދިއްޖެއެވެ.

އޭނާގެ ސިކުނޑިއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ކަނު އަނދިރިކަމެވެ. އެ އަނދިރިކަމުގެ ތެރެއިން އޭނާއަށް އަޑެއް އިވުނެވެ. މަޑުމަޑު އަޑެކެވެ. އެދިމާއަށް ދަމައިފައި ގެންދާ ކަހަލަ އަޑެކެވެ.

މެހެމަލްގެ ލޯ ހުޅުވިއްޖެއެވެ. ކޮޓަރީގެ ނިދާބޮކި ހުރީ ދިއްލައިފައެވެ. ކުޑަދޮރުގެ ފޮތިގަނޑު ހުރީ ބޭރު ފެންނަ ގޮތަށް ކަހައިލައިފައެވެ. ރޭގަނޑު އޭނާ ހުރީ ވައި ވައްދާންވެގެން ކުޑަދޮރު ކުޑަކޮށް ހުޅުވައިފައެވެ. އެ އަޑެއް އިވެނީ ބޭރުންނެވެ.

އޭނާ އެނދުގެ ކައިރީގައި ހުރި ބޮކި ދިއްލައިލިއެވެ. ގަޑިއަށް ބަލައިލީއިރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. އޭނާއަށް އިވެނީ ހިތާމަވެރި އަޑެކެވެ. އޭނާ ކަނުލައި އަޑު އަހައިލިއެވެ. އިވެނީ އޭނާ ދަންނަ ލަފުޒުތަކެކެވެ.

"الَّلــــهُمَّ جَعَل فِى قَلـْبِى نُوْرًا" (ހައްދަވައި ބޮޑުކުރެއްވި ކަލާނކޮ. މިއަޅާގެ ހިތުގައި ނޫރެއް ލައްވައިފާނދޭވެ.)

މެހެމަލް އެނދުގެ ކައިރީގައި ހުރި ރަނގަބީލަށް ފިތައިލިއެވެ.

"وَ فِى بَصَرِى نُوْرًا" (އަދި މި އަޅާގެ ފެނުމުގައި ނޫރެއް ލައްވައިފާނދޭވެ.)

ބިލްގީސް ހަލުވިކަމާއެކު އައިސް ކޮޓަރިތެރެއަށް ވަދެއްޖެއެވެ. މެހެމަލް ގެއަށް ގެނައި ފަހުން އޭނާ ރޭގަނޑު ނިދަނީ ބަދިގޭގައެވެ. "އާދެ... މެޑަމް..."

"އަހަރެން ގޮނޑިއަށް ލައިދީ." މެހެމަލް ފުރޮޅުލީ ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. ބިލްގީސް ބޯ ޖަހއިލުމަށް ފަހު ކުރިއަށް ޖެހިލިއެވެ. އެ ވަގުތު އަނެއްކާވެސް އެ އަޑު އިވުނެވެ.

"وَ فِى سَمْعِى نُوْرًا" (އަދި މި އަޅާގެ އިވުމުގައި ނޫރެއް ލައްވައިފާނދޭވެ.)

ބިލްގީސްވެސް ސިހިފައި ކުޑަދޮރާ ދިމާއަށް ބަލައިލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާގެ މަސައްކަތަށް ރުޖޫޢަ ވެއްޖެއެވެ.

"وَ عَنْ يَّمِينِى نُوْرًا وَ عَنْ يَّسَارِى نُوْرًا" (އަދި މިއަޅާގެ ކަނާތްފަރާތުގައްޔާއި ވައަތްފަރާތުގައި ނޫރެއް ލައްވައިފާނދޭވެ.)

ބިލްގީސް ވަރަށް ފަރުވާތެރިކަމާއެކު އޭނާ ގޮނޑިއަށް ލައި ދީފިއެވެ.

"ދެން ދޭ." އޭނާ ބުނެލިއެވެ. ބިލްގީސް ބޯ ޖަހައިލުމަށް ފަހު ނުކުމެގެން ހިނގައްޖެއެވެ.

"وَ فَوْقِى نُوْرًا وَ عَنْ تَحْتِى نُوْرًا" (އަދި މިއަޅާގެ މަތީގައްޔާއި ތިރީގައި ނޫރެއް ލައްވައިފާނދޭވެ.)

އެ އަޑުގައި ހުރީ އާދަޔާ ޚިލާފު ހިތާމަވެރި އަސަރެކެވެ. މެހެމަލް ކޮޓަރީގެ ދޮރާ ދިމާއަށް ގޮނޑި ދުއްވައިލިއެވެ.

"وَ عَنْ اِمَامِى نُوْرًا وَ خَلْقِى نُوْرًا" (އަދި މިއަޅާގެ ކުރިމަތީގައްޔާއި ފުރަގަހުގައި ނޫރެއް ލައްވައިފާނދޭވެ.)

އެ އަޑުގައި ރުއިން އެކުލެވިއްޖެއެވެ. އޭނާ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.

"وَ جْعَلْنِى نُوْرًا" (އަދި މިއަޅާއަށްޓަކައި ނޫރެއް ލައްވައިފާނދޭވެ.)

ހަނދުވަރުގެ އަލި އެޅިފައިވާ ފެންޑާ އޮތީ ހިމޭން ވެފައެވެ. އެ އަޑު އިވެނީ ބަގީޗާ ތެރެއިންނެވެ.

"وَ فِى لِسَانِى نُوْرًا وَ فِى عَصَبِى نُوْرًا" (އަދި މިއަޅާގެ ދުލުގައްޔާއި ނާރުތަކުގައި ނޫރެއް ލައްވައިފާނދޭވެ.)

ގިސްލުމަކަށް ފަހު އަނެއްކާވެސް އެ އަޑު އިވޭން ފަށައިފިއެވެ.

މެހެމަލް ގޮނޑި ދުއްވާފައި ގޮސް އެ ގޮނޑި ނެރެން ހަދައިފައި ހުރި ދިމާއިން ބަގީޗާ ތެރެއަށް ނުކުމެއްޖެއެވެ. އެއީވެސް ފަރިޝްތޭ ހެއްދި ތަނެކެވެ.

"وَ لَحْمِى نُوْرًا وَ دَمِى نُوْرًا" (އަދި މިއަޅާގެ މަހުގައްޔާއި ލޭގައި ނޫރެއް ލައްވައިފާނދޭވެ.)

ބަގީޗާގެ ތެރެއަށް ނުކުމެ ބަލައިލީއިރު ގޭގެ އެއް ފަރާތު ކަނުގައި ފާރަށް ލެނގިލައިގެން އަންހެން ކުއްޖަކު އިނެވެ. ފުއްކިބަ ހުރީ ފާރުގައި ޖެހިފައެވެ. އިނީ ލޯ މަރައިލައިގެންނެވެ. ލޮލުން ކަރުނަ ފައިބަނީއެވެ.

"وَ شَعْرِى نُوْرًا وَ بَشَرِى نُوْرًا" (އަދި މިއަޅާގެ އިސްތަށީގައްޔާއި ހަމުގައި ނޫރެއް ލައްވައިފާނދޭވެ.)

މެހެމަލް ވިނަގަނޑުމަތީން ގޮނޑި ދުއްވާން ފަށައިފިއެވެ. ކުރިއަށް ދަނީ ވަރަށް ބާރުންނެވެ.

"وَ جْعَلْ فِى نَفْسِى نُوْرًا" (އަދި މިއަޅާގެ ނަފުސުގައި ނޫރެއް ލައްވައިފާނދޭވެ.)

އޭނާ ލޮލުން ކާރުނަ ބާލަމުން ދުނިޔޭގެ އެއްވެސް ޚަބަރެއް ނުވާ ކަހަލަ ގޮތަކަށް އިނދެގެން ދުޢާ ކުރަމުން ގެންދިޔައެވެ.

"وَ اَعْظِمْ لِى نُوْرًا" (އަދި މިއަޅާއަށްޓަކައި ނޫރު އިތުރު ކުރައްވައިފާނދޭވެ.)

ހަނދުވަރުގެ އަލީގައި އޭނާގެ ލޮލުން ފައިބާ ކަރުނަ ހުރީ ވިދައިލަވިދައިލައެވެ.

"ދައްތާ." އޭނާ މަޑުމަޑުން ގޮވައިލިއެވެ.

ފަރިޝްތޭ ލޯ ހުޅުވައިލިއެވެ. އަދި މެހެމަލާ ދިމާއަށް ބަލައިލިއެވެ. އޭނާ އެހެރީ ވަރަށް ގިނައިރު ވާންދެން ރޮއިފައިކަން އެނގޭހައި ވެއެވެ. ލޯ ހުރީ ރަތްވެފައެވެ.

"ރޮނީ ކީއްވެގެން؟" މެހެމަލަށްވެސް ރޮވިއްޖެއެވެ. މިއީ އޭނާއަށް ޤުރްއާނުގެ އަޑު އިއްވި އަންހެން ކުއްޖާއެވެ. އޭނާއަށް ޤުރްއާން ކިޔަވައިދިން ކުއްޖާއެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ކުއްޖާއެވެ. ހަތް އަހަރު ވާންދެން އޭނާއަށް ބެލެހެއްޓި ކުއްޖާއެވެ. އޭނާގެ ލޯބިވާ ދައްތައެވެ. މިއަދު އޭނާ އެހެރީ އެ ދައްތަ ރޮއްވައިފައެވެ.

"އަހަންނަށް ރޯން ޖެހޭނެއެއްނު؟" ފަރިޝްތޭ އުޑުމައްޗަށް ބަލައިލިއެވެ. "މެހެމަލް. އަހަރެން މިހިރީ ވަރަށް ވިޔާނުދާ ކަމެއް ކޮށްފައި. އަހަރެންގެ ކޮއްކޮއަށް އަނިޔާވެރިވެފައި."

މެހެމަލް ގަސްތުކުރީ އަނގައިން ނުބުނެ އަޑުއަހާން އިންނާށެވެ. ފަރިޝްތޭ ނުދައްކާ ވާހަކަތަކެއް އަދިވެސް ހުރީ ކަހަލައެވެ.

"އެކި ކަހަލަ ދަލީލުތައް އެއްކުރާން އަހަރެން ހަތް އަހަރު ދުވަސް ހޭދަކުރިން. މެހެމަލް އެންމެ ހަތް އާޔަތުން އެ ހުރިހައި ދަލީލެއް ފުނޑުފުނޑުކޮށްލައިފި. އަހަރެން އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް ވިސްނައި ދިނިން. އަހަރެން މި ކުރަނީ ރަނގަޅު ކަމެއް ކަމަށް ޔަގީންކޮށް ދިނިން. އެކަމަކު މިއަދު އަހަރެންގެ ހުރިހައި ޔަގީންކަމެއް ވަޔަށް ބުރައިގެން ހިނގައްޖެ. މެހެމަލް. އަހަރެންގެ އަމިއްލަ އެދުން މާ ބޮޑުވީ. ދޫކޮށްލީމާވެސް ދޫ ނެރެގެން އޮންނަ ކުއްތާއަކަށްވީ."

އޭނާގެ ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ.

"މެހެމަލް. އަހަރެންގެ އިނގިލީގައި އޮތް އަނގޮޓި ދުށިންތަ؟ އެއީ ކާކު ދިން އެއްޗެއްތޯ ދުވަހަކުވެސް ނާހަމެއްނު؟ އެނގޭތަ... އެއީ ހުމާޔޫންގެ މަންމަ... އަހަރެންގެ ބޮޑުދައިތަ ދިން އަނގޮޓިއެއް. ބޮޑުދައިތަގެ ޅީދަރިއަށް ދޭން ރައްކާކޮށްގެން ގެންގުޅުނު އަނގޮޓިއެއް. މަރުބަލީގައި އޮވެގެން އަހަރެންގެ އިނގިލީގައި އަނގޮޓި އެޅުވީ. އެއީ ކީއްވެގެން ކުރި ކަމެއްކަން އަހަރެންގެ މަންމައަށް އެނގޭ. އެކަމަކު އެ ދުވަހަކު އަނގަޔަކުން ނުބުނޭ. މަންމަ ބޭނުންވީ ވަގުތު ޖެހުނީމާ ހުމާޔޫނާ ވާހަކަ ދައްކަން. އެހެން ނަމަވެސް އެ ވަގުތު ނުޖެހެނީސް މަންމަ ނިޔާވެއްޖެ. މަންމަ ނިޔާވީމާ އަހަރެން ދިޔައީ މިސްކިތަށް. ހުމާޔޫން އަނގޮޓީގެ ވާހަކަ ދައްކާނޭ ކަމަށް އަހަރެން އެތައް އަހަރަކު އިންތިޒާރު ކުރިން. އެކަމަކު އޭނާ އަހައެއްނުލި. އަހަރެން ކެތްކުރީ. އެކަމަކު އިންތިޒާރުވެސް ކުރިން. ކުޑައިރުއްސުރެ އަހަރެންގެ ނަމާއި ގުޅުވައިގެން ކިޔާ އަޑު އެހީ ހުމާޔޫންގެ ނަން. އެހެންވީމާ އަހަރެންގެ ހިތުގައި އޮންނަނީ އޭނާއަކީ އަހަރެންގެ ހައްގެއް ކަމަށް. ދުވަސްތައް އެހެން މިހެން ފާއިތު ވަމުން ގޮސް އަހަރެން މީހަކާ އިންނާކަށް ނުވޭހޭ މިހާރު މީހަކާ އިންނާންވީއޭ ހުމާޔޫން ބުނެފި."

ފަރިޝްތޭ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެރޭ އަހަރެން މިސްކިތުގެ ޓެރަސް މައްޗަށް އަރައި ދުޢާ ކުރާން ފެށީ. ކަމެއް ކުރާނޭ ގޮތް ނޭނގި އޮޅުންއަރާގޮތް ވެއްޖެއްޔާ އަހަރެން މި ދުޢާ ކުރަން. މެހެމަލަށް އެނގޭތަ. ރަސޫލުﷲ ޢަލައިހި ވަސައްލަމް މި ދުޢާގެ އެއްބައި ކުރައްވަނީ ސަޖިދައިގައި އޮންނަވައިގެން. މިއީ ޤުރްއާން ދަސްކުރުމުގައިވެސް މަދަދުވެރިވާ ދުޢާއެއް. މެހެމަލް ޓެރަސް މައްޗަށް ފުންމައިލީ އެރޭ އަހަރެން ދުޢާ ކުރަން ހުއްޓާ. އެހައިތަނުން މެހެމަލް އަހަރެންގެ ދިރިއުޅުމުގެ ބަޔަކަށް ވެގެން ދިޔައީ."

އޭނާ ކުޑައިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އަނެއްކާވެސް ވާހަކަ ދައްކާން ފެށިއެވެ.

"އަހަރެން މެހެމަލަށްޓަކައި ކުރި ހުރިހައި ކަމަކީ ހަމައެކަނި ﷲ އަށްޓަކައި ކުރި ކަމެއް. އަހަރެން ކުރި ހުރިހައި ކަމެއް ހަނދާނެއްވެސް ނެތް. ދެން އަހަންނަށް ފެނުނީ ހުމާޔޫން މެހެމަލާ ދިމާއަށް ހިނިތުންވާތަން. އަދި މެހެމަލްގެ ލޮލުން ވިދުވަރެއްވެސް އަހަންނަށް ފާހަގަ ކުރެވުނު. އެ ދުވަހު އަހަރެން ގަސްތު ކުރީ މެހެމަލް ގާތު މި ވާހަކަ ދައްކަން. މެހެމަލް ހަނދާން ހުންނާނެ. ހުމާޔޫނަށް ގޮވައިލާން މެހެމަލް އައި ދުވަހު އަހަރެން އުޅުނީ ވާހަކަ ދައްކަން. އެކަމަކު މެހެމަލް އަޑު ނާހައި ދިޔައީ. ފަހަތަށް ޖެހިލަން އެ ދުވަހު އަހަރެން ކަނޑައަޅައިފިން. ޤުރްބާނީއެއް ވާން ނިންމައިފިން. އެ ދުވަސްވަރު އަހަރެން ދިރިހުރުމާއި މަރާއި ނަމާދަކީ ހަމައެކަނި ﷲއަށްޓަކައި ވަގުފުކޮށްގެން ހުރި އެއްޗެއް. އަހަރެން ހުރިހައި ކަމެއް ކުރަމުން ގެންދިޔައީ އިޚްލާޞްތެރިކަމާއެކު. މެހެމަލްގެ ކާވެނި ކުރުވީވެސް އަހަރެން. އެ ދުވަހުވެސް އަހަރެން ހުރީ ހިތްހަމަޖެހިފައި. އެކަމަކު..."

"މެހެމަލްގެ އެކްސިޑެންޓުވީމާ އަހަރެން އެނބުރި ރަށަށް އައީ. އެ ދުވަހު އަހަރެންގެ ހިތަށް އެރީ މެހެމަލް ސަލާމަތެއް ނުވާނެއޭ. ދުނިޔެއަކު ނުހުންނާނެއޭ. އެކަހަލަ ގޮތެއް މެދުވެރި ވެއްޖެއްޔާ ހުމާޔޫން އަހަންނަށް ލިބޭނެއޭ. އެ ޚިޔާލު އެގޮތަށް ކުރިއަށް ގެންދާން އަހަރެން ވަރަށް ބިރުގަތް. އެހެންވީމާ ފުރައިގެން އެނބުރި ދިޔައީ. އެކަމަކު ހުމާޔޫން ގުޅާފައި މެހެމަލްގެ ހާލަކަށް ބަދަލެއް ނާދެއޭ ބުނާ ކޮންމެ ފަހަރަކު މިއީ ތަގުދީރުގައި އޮތް ގޮތޭ އަހަރެންގެ ހިތަށް އަރާ. ތަގުދީރުގައި އޮތީ މެހެމަލް އަހަރެމެން ދޫކޮށްލައިފައި ދިއުމޭ ހިތަށް އަރާ. އެހެން ވެއްޖެއްޔާ ހުމާޔޫން އަހަރެންގެ ގާތަށް އަންނާނެ. އަހަންނަށް ހީވީ އަހަރެންގެ ޤުރްބާނީގެ އަގު ﷲ ދެއްވީއޭ. އަހަންނަށް އަހަރެންގެ ހެޔޮކަމުގެ އިނާމު ލިބެނީއޭ. އަހަރެންގެ ޤުރްބާނީއަކީ ﷲ އަށްޓަކައި ވީ ޤުރްބާނީއެއްކަން އަހަރެން ހަނދާން ނެތިއްޖެ. އެއީ ﷲ ގެ ރުއްސެވުމަށް އެދި ކުރި ކަންތައްތަކެއްކަން ހަނދާނުން ފިލައިފި. އެއީ ދުނިޔެއަށްޓަކައި ނުވަތަ ހުމާޔޫނަށްޓަކައި ކުރި ކަންތައްތަކެއް ނޫންކަން ހަނދާން ނެތިއްޖެ. މެހެމަލްގެ ހާލާމެދު މާޔޫސް ވީވަރުން އަހަރެންގެ ހަނދާނުން ހުރިހައި ކަމެއް ފިލައިފި. ކޮންމެ ނަމާދަކަށް ފަހު އަދި ކޮންމެ ކިޔެވުމަކަށްފަހު ހުމާޔޫނަށް އެދި ދުޢާ ކުރަން ފަށައިފިން. އަހަރެން މަޑުމަޑުން ބިމާ ދިމާއަށް ލެނބޭން ފަށައިފި. އެޔާކު އަހަރެންގެ ފަހަތުން ޝައިޠާނާ ހިނގައިގެންފި."

ފަރިޝްތޭ އަދިވެސް ބަލަހައްޓައިގެން އިނީ އުޑާ ދިމާއަށެވެ. އޭނާ މެހެމަލާ ދިމާއަށް ބަލާން ބޭނުން ނުވަނީ ކަހަލައެވެ.

"ދެވަނަ ފަހަރު އަހަރެން އެނބުރި ރަށަށް އައީ ބިމާ ދިމާއަށް ގުދުވެގެން. އަހަރެން މެހެމަލަށް ޚިދުމަތް ކުރަމުން ދިޔައީ ހުމާޔޫންގެ ހިތް އަހަންނާ ދިމާއަށް ލެނބޭނޭ ކަމުގެ އުއްމީދުގައި. އަހަރެންގެ ޚިދުމަތުގައި އޮތީ އަމިއްލަ އެދުން. އެވަގުތު އަހަރެން ބިރެއްވެސް ނުގަނޭ. މަޙްޝަރް ދުވަހު އަހަރެންގެ ޢަމަލުނާމާއިން އަހަރެންގެ ހެޔޮކަންތައް ފުހެލެވޭތަން އަހަންނަށް ފެންނާނެއޭ ހިތަށް އަރައި ބިރު ގަންނަގޮތެއް ނުވި. އަހަރެންގެ އަމިއްލަ އެދުމުގެ ސަބަބުން އަހަރެންގެ ހެޔޮ އަމަލުތައް ގަބޫލު ނުކުރެއްވޭނެއެކޭ އޭރަކު ހިތަކަށް ނޭރި. ބިރެއް ނުގަތް. އަހަރެން ގެންދިޔައީ އަމިއްލަ އެދުމުގެ ފަހަތުން ދުވަމުން. އެކަމަކު އަހަރެން ޤުރްއާން ދުލެއް ނުކުރަން. އޭރުވެސް ކޮންމެ ދުވަހަކު ކިޔަވަން. އެހެންނަމަވެސް އަހަރެންގެ ދިރިހުރުމާއި މަރުވުމާއި ނަމާދު ހުމާޔޫނަށްޓަކައި ވަގުފު ކުރެވިއްޖެ."

ވަރަށް ބާރަށް ގުގުރާލައިފައި ވާރޭ ވެހިގެންފިއެވެ. އެކަމަކު އެ ދެބެއިންނަކަށް އެކަން އެނގޭ ހެންނެއްވެސް ހިޔެއް ނުވެއެވެ.

"ދެން... އެއް ދުވަހަކު މުޢީޒު އަތުވެއްޖެ. އޭނާ އައީ އާރްޒޫ ފޮނުވައިގެން. ހުމާޔޫނާ ގުޅޭތޯ އާރްޒޫ އެތައް ފަހަރަކު މަސައްކަތް ކުރި. ހުމާޔޫން އަޅައިނުލީމާ އެންމެ ފަހުން މުޢީޒު ފޮނުވީ. އޭނާ އައީ އެއްކަލަ ލިޔުމާއި ފޮޓޯތައް ހިފައިގެން. ހުމާޔޫން ސުވާލު ކުރީމާ އެ އެއްބަސްވުމުގެ ވާހަކަ އަހަރެން ތެދަށް ކިޔައިދިނިން. އެކަމަކު ފޮޓޯތައް އަހަންނަށް ދެއްކީމާ އަހަރެން އަނގަޔަކުން ނުބުނަން. އަހަންނަށް އެނގޭ އެއީ ވަގު ފޮޓޯތަކެއްކަން. ބަޔަކު ހަދާފައި ހުރި އެއްޗެއްކަން އެނގޭ. އެކަމަކުވެސް އޭގައި ދައްކައިދޭން އުޅެފައިވާ ކަންތައްތަކަކީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމެއް އަހަންނަކަށް ނޭނގޭ. އެކަމުގެ އެއްވެސް ހެއްކެއް އަހަރެންގެ އަތަކު ނެތް. އެވަގުތު އަހަރެންގެ އެތެރެހަށިން ތަކުރާރުކޮށް އެއް އާޔަތެއްގެ އަޑު އިވެމުން ދިޔަ."

"އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ހެއްޔެވެ؟" (ނޫރު ސޫރަތުގެ 12 ވަނަ އާޔަތުގެ ފަހުބައި)

"އެ އާޔަތް ބާވައިލެއްވުނީ އަހަރެމެން އެންމެހައި މުއުމިނުންނަށް ޙުރުމަތްތެރިވެގެންވާ ބޭކަނބަލަކަށް ކުރިމަތިވެ ވަޑައިގަތް ހާދިސާއަކާ ގުޅިގެން. އާއްމު މުއުމިނުންނަކަށް އެ ހާދިސާގެ ހަގީގަތެއް ނޭނގޭ. އެކަމަކުވެސް ﷲ ވަޙީ ކުރެއްވީ އެކަމަނާއަކީ ކިހައިވަރެއްގެ ތެދުވެރި ބޭކަނބަލެއްކަން ދެނެތިބެ އެއީ ދޮގެކޭ ކަލޭމެން ނުބުނީ ކީއްވެގެންހޭ."

"އަހަރެން ހުމާޔޫންގެ ކުރިމަތީގައި އިސްޖަހައިލައިގެން ހުރީ. އޭނާގެ އަޑު ދިޔައީ ގަދަވަމުން. އަހަރެންގެ އެތެރެހަށިން އެއްކަލަ އަޑު ތަކުރާރުކޮށް އިވެމުން ދިޔަ. هذا افك مبين މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އިސް އުފުލައި ހުމާޔޫނާ ދިމާއަށް ބަލައިލިން. އެއީ އަހަރެން ނިހާޔަތަށް ލޯބިވީ ހުމާޔޫން. ދެން އަހަންނަށް އެކަމާ ބެހޭ އެއްވެސް ކަމެއް ނޭނގެއޭ ބުނެފިން."

"ދެންވީ ކިހިނެއްކަން މެހެމަލަށް އެނގޭތަ؟ އަހަރެންގެ އެތެރެހަށީގެ އަޑު ކުއްލިއަކަށް ކެނޑިއްޖެ. ހިމޭން ވެއްޖެ. ދެން ހުމާޔޫން އެއްކަލަ ޓޭޕު ގެނެސް އަހަންނަށް އަޑު އިއްވައިފި. އޭގައި އަނގޮޓިއެއްގެ ވާހަކަ ދައްކާ އަޑު އިވޭ. އޭގެ ފަހުން ހުމާޔޫން އެހީ މުޢީޒު އެ ދައްކާ ވާހަކައަކީ ތެދު ވާހަކައެއްހޭ. ފަވާދް މެހެމަލް ގޮވައިގެން ދިޔައީ މެހެމަލާ އިންނާން އަހަންހޭ. އެވަގުތު އަނެއްކާވެސް އެއްކަލަ އަޑު އެތެރެހަށިން އިވޭން ފަށައިފި."

"އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ހެއްޔެވެ؟"

"އެކަމަކު މި ފަހަރު އިވުނީ ވަރަށް މަޑުން. ބަލިކަށި ގޮތަކަށް. އެ ވަގުތު އަމާނާތުގެ ހުރިހައި ފިލާވަޅެއް އަހަރެންގެ ހަނދާނުން ފޮހެވިއްޖެ. މެހެމަލް އަހަންނަށް ކިޔައިދީފައި ހުރި ވާހަކަތައް އަހަރެން ހުމާޔޫނަށް ކިޔައިދީފިން. ދެން އޭނާ ހަޅޭއްލަވަން ފެށްޓީ. ބުނީ ކޮއްކޮ ސަލާމަތް ކުރަން ވެގެން އޭނާގެ ބޮލަށް އަހަރެން މެހެމަލް ޖެހީއޭ. ފުރަތަމަ މެހެމަލް އޭނާގެ ގެއަށް އައީވެސް ޝައްކުވާ ކަހަލަ ގޮތަކަށް. އެކަމަކުވެސް އޭނާ އެކަން ހަނދާން ނައްތައިލީ. އެކަމަކު ފަވާދާއި މެހެމަލާ ދެމީހުން ރައްޓެހިވެގެން އުޅުނު ވާހަކަ ވެގެން ދިޔައީ އޭނާއަށް ކެތް ނުކުރެވޭ ވަރުގެ ވާހަކައަކަށް. އަހަރެންގެ އެންމެ ބަހަކުން އޭނާ ހުރިހައި ކަމެއް ގަބޫލުކޮށްފި. އެރޭ އަހަންނާ ދިމާއަށް އެއްޗެހި ކީ ގޮތަކަށް ދުވަހަކުވެސް ނުކިޔާ. އެރޭ ހަތަރުދަމު އަހަރެން ރުއީ. ބޮޑަށް ދެރަވީ ޚިޔާނާތްތެރި ވެވުނީމާ ކަމެއް ހުމާޔޫންގެ ރަވައްޔާގެ ސަބަބުން ކަމެއް ބުނާކަށް ނޭނގޭ. އަހަރެން ދެން ގަސްތުކުރީ އެނބުރި ދާން. އެކަމަކު އަނެއް ދުވަހު ހެނދުނު ހުމާޔޫން އަހަރެންގެ ކިބައި މައާފަށް އެދިފި. އަހަރެން އޭނާގެ އަޑު އަހަން އިނީ. އެއީ އަހަރެންގެ އެތެރެހަށިން އެއްކަލަ އަޑު އިވުނު އެންމެ ފަހު ފަހަރު."

"އެކަމަކު އަހަރެން އަނގައިން ނުބުނެ ހުރީ. އަހަރެން އަމިއްލަ އެދުމުގެ ފަހަތުން ބާރުލާފައި ހިނގާން ފަށައިފިން. އެ ދަތުރުގައި ހިނގަމުން ގޮސް އަހަންނަށް މަގު އޮޅިއްޖެ. ދެން ހުމާޔޫން ކަރާޗީއަށް ހިނގައްޖެ. މެހެމަލްގެ ހާލު ބަލައިލާން ހަސްފަތާލަށް ނުގޮސް އަހަރެން ދުވަސްކޮޅަކު ހުރިން. އެ ދުވަސްކޮޅު މިސްކިތަކަށްވެސް ނުދެވޭ. މެހެމަލް. އެ ދުވަހު އަހަރެން ޚިޔާނާތްތެރިވީ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ތިން އަހަރު ނުވަތަ ތިން އަހަރާބައި ވެއްޖެ. އަހަރެން ޤުރްއާނެއް ނުކިޔަވަން. އެކަމަކު ބަރާބަރަށް ނަމާދު ކުރަން. މިހާރުވެސް ކުރަން. ސަޖިދައިގައި އޮވެގެން އެދެނީ ހުމާޔޫނަށް. އެކަމަކު ޤުރްއާން ކިޔަވައިލާނޭ ވަގުތެއް ނުލިބޭ."

ވާރޭ އިހަށްވުރެ ބޯ ކޮށްލައިފިއެވެ. ފަރިޝަތޭ ތެމި ފޯވެއްޖެއެވެ. އޭނާ އަދިވެސް ހުރީ އުޑާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ހުމާޔޫން ކަރާޗީން އެނބުރި އައި އިރު ހުރީ މުޅީން ބަދަލު ވެފައި. އެއް ދުވަހަކު ކުއްލިއަކަށް އަހަންނާ އިންނާން އަހައިފި. ހަމަ ކުއްލިއަކަށް. އަހަންނަށް ހީވީ އަހަރެންގެ ޤުރްބާނީގެ އަގު ލިބުނީއޭ. އޭގެ ފަހުން އެނބުރި ބަލައިލާނޭ ފުރުސަތެއް ނުލިބޭ. އޭނާ ހުރީ މެހެމަލް ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައި. މެހެމަލަށް ބޭސް ކުރުން ހުއްޓައިނުލާން އޭނާއަށް މަޖުބޫރު ކުރުވީ އަހަރެން."

ދޭތެރެދޭތެރެއިން ވިދައިލީމާ މުޅި ތަނަށް އަލިވެގެން ދެއެވެ.

"މެހެމަލްގެ ހާލު އޮޅުންފިލުވާން ފަވާދް އެތައް ފަހަރަކު ފޯނުކުރި. އަހަރެން ފަވާދް ގާތަކު އެއްވެސް ވާހަކައެއް ނުދައްކަން. އޭނާގެ ވާހަކަ އަޑު އަހައިފައި އަނގައިން ނުބުނެ ފޯނު ބާއްވަނީ. އޭނާ ހުރީ ވަރަށް ބޮޑަށް ބަދަލު ވެފައި. މި ހުރިހައި ކަމެއް އޭނާއަށް އެނގިއްޖެއްޔާ އޭނާ އަމިއްލައަށް އައިސް ހުމާޔޫނަށް ހުރިހައި ވާހަކައެއް ކިޔައިދޭނެކަން އަހަންނަށް ޔަގީން. ހުމާޔޫން އޭނާގެ ވާހަކަ ގަބޫލު ކުރުމަކީ ނާދިރު ކަމަކަށް ވާނެ. އެކަމަކުވެސް ގަބޫލުކޮށްފާނެއޭ ހިތައި ބިރުން އަހަރެން ފަވާދަކަށް އެއްވެސް ކަމެއް ނާންގަން."

"ދައްތާ. އަހަރެން ހުމާޔޫން ބޭނުމެއް ނޫން." މެހެމަލް ރޮއިގެންފައި ބުންޏެވެ. "އަހަރެން ބޭނުމީ އަހަރެންގެ ދައްތަ."

"އަހަރެންވެސް ހުމާޔޫން ބޭނުމެއް ނޫން. އަހަރެން ބޭނުމީ އަހަރެންގެ ކޮއްކޮ." އޭނާ ލޮލުން ކަރުނަ ބާލަމުން ފުރަތަމަ ފަހަރަށް މެހެމަލާ ދިމާއަށް ބަލައިލިއެވެ. މެހެމަލް އޭނާގެ އުނގުމަތީގައި އޮތް ފަރިޝްތޭގެ އަތުގައި ހިފައިލިއެވެ. މިއަދަކު އޭނާގެ އިނގިލީގައި އަނގޮޓިއެއް ނެތެވެ.

ބޯކޮށް ވާރޭ ވެހޭން ފަށައިފިއެވެ.

"އަހަރެން ފަވާދަށް ފޯނުކޮށްފިން. އޭނާ އިރުކޮޅަކުން އަންނާނެ. އެއީ ވަރަށް ވިސްނުންތެރި މީހެއް. އޭނާ އަންނާނީ ހުމާޔޫނަށް ދެކޮޅު ނުހެދޭވަރުގެ ހެއްކާއެކު. އޭނާ އައިސް ހުމާޔޫނަށް ހުރިހައި ވާހަކައެއް ތެދު ބަހުން ކިޔައިދޭނެ. މާދަމާގެ މެންދުރުފަހާ ދެމެދު އަދި ވަރަށް ގިނަ ވަގުތު އެބައޮތް. މެހެމަލްގެ ޢިއްދައިގެ މުއްދަތު އަދި ހަމައެއް ނުވޭ. ހަގީގަތް އެނގުނީމާ މެހެމަލާ ދިމާއަށް ނައިހެއް ހުމާޔޫނަކަށް ނުހުރެވޭނެ. އެކަން އަހަންނަށް ޔަގީން. އޭނާ އަންނާނެ. މެހެމަލާ އަލުން ގުޅޭނެ... ހިނގާ އެތެރެއަށް ވަންނަމާ."

ފަރިޝްތޭ ތެދުވެ މެހެމަލްގެ ގޮނޑި ގެޔާ ދިމާއަށް ދުއްވައިލިއެވެ.

"އެކަމަކު އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދޭތި. އަހަރެން ޚިޔާނާތްތެރިވީ ވާހަކަ ހުމާޔޫނަށް ނާންގާތި. އޭނާގެ ކުރިމަތީގައި އަގު ވެއްޓޭކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ހެދީ ދޮގަކަށް ނުވިޔަސް މެހެމަލްގެ ސިއްރު ބޭޒާރު ކުރުމަކީ އަހަރެން ކޮށްގެން ވާނޭ ކަމެއް ނޫން. އަހަރެން ބުނާނަން... އަހަންނަށް އޮޅުމެއެް އެރީއޭ. ފަވާދްގެ ކުރިމަތީގައި އަހަރެން މެހެމަލަށް ތާއީދު ކުރާނަން. އެކަމަކު މެހެމަލް... އަހަރެންގެ އަގު ހިފަހައްޓައިދޭތި. އޭނާ ގަބޫލުކުރާ ގޮތުގައި ފަރިޝްތޭ ދޮގެއް ނުހަދާނެ. ޚިޔާނާތްތެރިއެއް ނުވާނެ. އޭނާގެ ކުރިމަތީގައި އަހަރެންގެ ތަސައްވުރު އޮންނަ ގޮތަކީ އެއީ. އޭނާ މެހެމަލް ވަރި ކުރީ އަހަންނަށް އިތުބާރު ކޮށްގެން. އެ ފޮޓޯތަކަށް އިތުބާރު ކޮށްގެންނެއް ނޫން. އެހެންވީމާ މެހެމަލް އަހަރެންގެ އަގު ހިފަހައްޓައިދޭތި."

ގޮނޑި ދުއްވަމުން ފްރިޝްތޭ ވާހަކަ ދައްކަމުން ގެންދިޔައެވެ. މެހެމަލް އިސްޖަހައިލައިގެން އިނީއެވެ. ފަރިޝްތޭ އަނެއްކާ މިއަދުވެސް ބިމާ ދިމާއަށް ގުދުވަނީކަން ޚުދު އޭނާއަކަށް ނޭނގެއެވެ. އެކަމަކު އެކަން އަންގާކަށް މެހެމަލް ބޭނުމެއް ނުވިއެވެ.

"މެހެމަލް. ހުމާޔޫން އަނބުރައި ގެންދޭ. އެއީ މެހެމަލްގެ މީހެއް. މެހެމަލްގެ ހައްގެއް. ހުމާޔޫން އަބަދުވެސް ހުންނާން ވާނީ މެހެމަލާ އެކީގައި." މެހެމަލް ކޮޓަރިއަށް ލައިފައި ފަރިޝްތޭ ނުކުމެގެން ހިނގައްޖެއެވެ.

* * *

ކޮޓަރި ތެރެއަށް އޮތީ ފަނޑު އަލިކަމެއް ވެރިވެފައެވެ. ކުޑަދޮރުގެ ފޮތިގަނޑު ހުރީ ކުރިން ހުރި ގޮތަށް ބޭރު ފެންނަ ގޮތަށް ކަހައިލައިފައެވެ. އެނދު ކައިރީގައި ހުރި ބޮކި ހުރީ ދިއްލައިފައެވެ. އޭނާ އެ ބޮކި ނިއްވައިލިއެވެ. ކޮޓަރިތެރެ މުޅީން އަނދިރި ވެއްޖެއެވެ. ބޭރުން ވާރޭ ވެހޭތަން ފެނެއެވެ.

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.