ބޯޑަރު ހުޅުވާލުމާއެކު ބިދޭސީ މަސައްކަތްތެރިންނަށް ފަސޭހައިން ފުރޭނެ އިންތިޒާމު ހަމަޖައްސައިދެނީ

ބޯޑަރު ހުޅުވާލުމާއެކު ބިދޭސީ މަސައްކަތްތެރިންނަށް ފާސޭހައިން ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ނިންމަވައިފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި މި އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ނިންމެވީ ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީއެވެ. މިފަދަ ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެއީ  މިމަހު 24 އިން ފެށިގެން މިއަހަރުގެ ނިޔަލަށެވެ. މިގޮތަށް ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ދެވޭނީ، ޚާއްޞަ މަޢުލޫމާތު ފޯމެއް ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއަރޕޯރޓް އިމިގްރޭޝަން ހުށަހެޅުމުންނެވެ. އެ ފޯމު އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.  

ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކުރައް ވައިފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭބިދޭސީންގެ ތެރެއިން މިއަހަރު ތެރޭގައި ރުހުމާއެކު 20 ހާސް ބިދޭސީން ފޮނުވާލުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ޤަވާއިދާ ޚިލާފަށް ނުވަތަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އެނބުރި ޤައުމަށް ދާން ބޭނުން ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްވަމުން އިކޮނިމިކް މިނިސްޓަރ ފައްޔާޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. މިއަހަރު 4457 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފައިވާއިރު އޭގެތެރެއިން 3800 މީހުންނަކީ ޤަވާއިދާ ޚިލާފަށް އުޅުނު މީހުންކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އިމިގްރޭޝަންގެ މަޢުލުމާތުތަކާ ޙަވާލާދީ މިނިސްޓަރ ފައްޔާޒުވިދާޅުވީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭބިދޭސީންގެ ޢާދަދަކީ 62 ހާސް ކަމަށެވެ. ނަމަވެސް އެޢަދަދު 80 ހާހާއި އެއްލައްކަޔާ ދެމެދުގައި އުޅޭނެކަމަށް މިނިސްޓަރ ފައްޔާޒު އަންދާޒާ ކުރައްވައެވެ. އެމްއެންޑީއެފްގެ ޗީފް ހާމަކުރެވި މަޢޫލޫމާތު ތަކުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބުދޭސީންގެ ޢަދަދަކީ 66 ހާހެއެވެ. ހަމައެއާއެކު 250،000  ބިދޭސީން ރާއްޖޭގައި އުޅޭކަމަށް ވެސް ވަނި ހާމަކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.