ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ އެމް.އާރް.އެމްގެ މެންބަރު މަސައްކަތުން އެކަހެރި ކޮށްދިނުމުން އެމް.އާރް.އެމް އިން ރައީސުލްޖުމުހޫރިއްޔާ އަރިހުން އެދިއްޖެއެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވެނީ އެމް.އާރް.އެމްގެ ސްލޮޓެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުގައި ހުރި އަޙްމަދު ފަޒީލަށެވެ. އެ ޕާޓީގެ ރަސްމީ ޓުވިޓަރ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލަ ބަލައި ނިމެންދެން އަހްމަދް ފަޒީލް މަސައްކަތުން އެކަހެރިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ އަރިހު އެދިފައެވެ.
މި ޕާޓީގެ ސްލޮޓެއްގައި @MoFMRAmvގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުރި އަޙުމަދު ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކެއް ކުރެވިފައިވާތީ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދެއްވުމަށް މިޕާޓީން މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.
— Maldives Reform Movement (MRM) ?? (@MRM_Office) July 19, 2020
އަހްމަދް ފަޒީލަށް ޖިންސީފުރައްސާރަ އާއި އަނިޔާގެ މައްސަލައިގައި އަހްަމދު ފަޒީލަށް ތުހުމަތުކޯށް އެ މަައްސަލަތައް މިއަދު ސޯޝަލްމީޑިއާއަށް ތިލަވުމާ ގުޅިގެން އެމް.އާރް.އެމް އިން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. އަދި ޕާޓީގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށްފައިވާ ކަމަށް އެމް.އާރް.އެމް އިން ހާމަކުރެއެވެ.
އެމް.އާރް.އެމް އިން ބުނި ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތާއި އަނިޔާ ފަދަ މައްސަލަތައް އެޕާޓީން އެއްވެސް ވަރަކަށް ބަލައެއް ނުގަންނާނެއެވެ. އަދި ފަޒީލަށް ކުރެވޭ ތުހުމަތު ތަކާ ގުޅިގެން އެކަމުގަިއ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެ ޕާޓީން ހާމަކުރެއެވެ.
އަހްމަދް ފަޒީލުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަފްސީލެއް އެމްއާރްއެމް އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ސޯޝަލްމީޑިއާގައި އޭނާގެ މައްޗަަށް ތުހުމަތު ކުރެވެނީ ރޭޕާއި އަނިޔާގެ މައްސަލައެވެ.