މުޞްޙަފް - 64

(13 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހިނދުކޮޅަކަށް މެހެމަލަށް ހީވީ ފޮތުން އެރި ހިރަފުސް މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔަ ހެންނެވެ. އޭނާ އުނދަގުލާއެކު އެނބުރި ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ. ކަމެއް ވީހެންވެސް ހީނުވާ ކަހަލަ ގޮތަކަށް ހުމާޔޫން ފޮތުގެ ގަނޑުތައް އުކައުކައި ހުއްޓެވެ.

"އަހަރެން މި ބުނީ ވަކިވާން ބޭނުމޭ. މިއީ އިތުރަށް ކުރިއަށް ގެންދެވޭނޭ ގުޅުމެއް ކަމަކަށް އަހަންނަކަށް ނުފެނޭ. އެހެންވީމާ އަހަރެންގެ ފައިގައި އެޅުވިފައިވާ ކަސްތޮޅު ނެއްޓިޔަދީ. ސަނީ އަކީ ދެމީހުންގެ ދަރިއެއް. މިހާރު އެހެރީ އުމުރުން ހަތް އަހަރު ވެފައި. ހުންނާނީ ކާކުގެ ގާތުގައިތޯ އޭނާ އަމިއްލައަށް ނިންމިޔަ ދޭނީ."

ހިރަފުސް ލޮލަށްވެސް ބުރައިފި ކަހަލައެވެ. ލޯ ރަތް ވެއްޖެއެވެ. ތުންފަތް ތުރުތުރުއަޅާން ފަށައިފިއެވެ.

"ސަނީ ބޭނުން ވަނީ މެހެމަލާއެކު އުޅެން ކަމަށް ވަންޏާ އަހަރެން ހުރަހެއް ނާޅާނަން. އަހަންނާ އެކީގައި އުޅެން އޭނާ ބޭނުން ވެއްޖެއްޔާ މެހެމަލްވެސް ހުރަސް ނާޅާތި. މެހެމަލް ނިންމާ ގޮތެއް އަހަރެން ގާތު ފަހުން ބުނެލާތި. އަހަރެން މިހިރީ މި ބުނި ގޮތަށް ކަނޑައަޅައި ނިންމައިގެން." އޭނާ ހަރުގައި ފޮތް ބޭއްވުމަށް ފަހު މެހެމަލާ ދިމާއަށް ބަލައިވެސް ނުލައި ނުކުމެގެން ހިނގައްޖެއެވެ.

އޭނާއަށް ލިބުނު ކުއްލި ސިހުމެއްގެ ސަބަބުން ގާވެފައި އިނީއެވެ.

ހުމާޔޫން އެ ގޮތަށް އޭނާ ނަގައި އެއްލައިލާނެ ހެއްޔެވެ؟

"އެއްލައިލާނަމަ އެއްލައިލިޔަ ދޭށެވެ. އެހެނެކޭ ކިޔާފައި އަހަރެން މަރެއް ނުވާނެއެވެ." މެހެމަލް ކުއްލިއަކަށް އިސް އުފުލައިލިއެވެ.

ލޮލުން ކަރުނަ ފައިބަނީއެވެ.

ހިތް ހިތާމަ ކުރަނީއެވެ.

އެކަމަކު...

އަހަރެމެން ދުލުން ބޭރުކުރާނީ ﷲ ރުއްސަވާ ކަހަލަ ބަސްބަހެވެ.

އޭނާގެ ވަށައިގެން މި އަޑުތައް މަޑުމަޑުން އެނބުރޭން ފަށައިފިއެވެ.

އޭނާ ނޯޓުފޮތް ހުޅުވައިލިއެވެ. މާ ގިނަ ވާހަކަތަކެއް ނޯޓު ކުރެވިފައެއް ނެތެވެ. ބަނީއިސްރާއީލީންނަށް އަމުރު ކުރެއްވުނީ ސަވާރީގެ މަތީގައި ގުދުވެގެން ތިބެ ކިޔަމަންތެރިކަމާއި އާޖިޒުކަމާއެކު ހައިކަލަށް ވަދެގެން ދާށެވެ. އަދި ވަދެގެން ދާއިރު حِطَّةٌ ކިޔަމުން ދާށެވެ. حِطَّةٌ ގެ މާނައަކީ ވައްޓައިލުން ނުވަތަ ކޮނޑުގައި އޮތް ބުރައެއް ބޭލުން. މާނައަކީ ފާފަތައް ވައްޓައިލުން ނުވަތަ ކޮނޑުމަތީން ބޭލުން. އެއީ މައާފަށް އެދުން. ތައުބާ ވުން. ދެން ބަނީއިސްރާއީލުން ކަންތައް ކުރީ ކިހިނެއް؟ އެ ވާހަކަ ބަޔާން ކުރައްވައިފައި ވަނީ ވިދިގެން އޮތް އާޔަތުގައި. އެމީހުން މޫނު ކުނިކުރަމުން ވަދެގެން ދިޔައީ حِطَّةٌ ގެ ބަދަލުގައި حِنْطَةٌ އޭ ކިޔަމުން. حِنْطَةٌ ގެ މާނައަކީ ކުންޏެވެ."

އެހައިތަނުން ނޯޓު ނިމުނީއެވެ. އެ ސަފުހާވެސް ފުރުނީއެވެ.

މެހެމަލް އެހެން ހުރިހައި ފިކުރަކާއި ވިސްނުމެއް އެއްފަރާތް ކޮށްލުމަށް ފަހު އެ ލަފުޒުތަކާމެދު ވިސްނާން ފަށައިފިއެވެ. ބަނީ އިސްރާއީލީންނަކީ ނުލާހިކު ވިސްނުން ތޫނު އިލްމުވެރި ބައެކެވެ. ވުމާއެކުވެސް އެމީހުން އެފަދައަކުން އަމަލުކުރީ ކީއްވެގެން ބާވައެވެ؟ އެމީހުން ކުންޏޭ ކިޔަމުން ދިޔައީ ކޮން އެއްޗަކަށް ބާވައެވެ؟ ސީދާ ބަހުން މައާފަށް އެދެމުން ވަކި އެއްޗެއް ކިޔަމުން ދާށޭ އެންގެވީމާ "ކުނި... ކުނި..." މިހެން ކިޔަމުން ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ބުއްދީގެ ރަނގަޅުކަން ނިކަން ދެކިބަލާށެވެ. ކިޔަން ވެގެން ޚިޔާރު ކުރީވެސް حِطَّةٌ އާ ގުޅޭ ކަހަލަ ލަފުުޒެކެވެ. އެކަމަކުވެސް އެމީހުން ނުބައި ލަފުޒެއް ކިޔަމުން ދިޔަ ސަބަބެއް ނުވިސްނުނެވެ. ރަނގަޅު ލަފުޒު އެމީހުން ބޭނުން ނުކުރީ ކީއްވެގެން ހެއްޔެވެ؟ حِنْطَةٌ އޭ ކިޔަމުން ދިޔައީ ކީއްވެގެން ހެއްޔެވެ؟

އޭނާއަކަށް ނުވިސްނުނެވެ. އެހެންވީމާ ފޮތް ލައްޕައިލިއެވެ. ހިތް ވަނީ ހުސްވެފައެވެ. ތަފުސީރު ބަލައި ހޯދާނޭ ހިތްވަރެއް މިހާރަކު ނެތެވެ. ކަންފަތުގައި އަދިވެސް ގުގުމަމުން ދަނީ ހުމާޔޫންގެ ވާހަކައެވެ.

އޭނާގެ ލޮލުން ކަރުނަ ތިތްކެއް ނިރާލައި މަޑުމަޑުން އޮހޮރެމުން ތިރިއަށް ފައިބާން ފަށައިފިއެވެ.

"އިބަ ﷲ ލެހެއްޓެވި ކޮންމެ ހާލަކަށް މިއަޅާ ރުހިގެން ވަމެވެ. މިއަޅާ މިހިރީ ﷲ ގެ އިރާދަފުޅަށް ފުރިހަމައަށް ރުހިގެންނެވެ." އޭނާ އަތުގެ ފުށަތުން ކަރުނަ ތިކި ފޮހެލިއެވެ.

* * *

ތައިމޫރް ސާމުޖީން (ސޭންޑްވިޗުން) ކުދި އެތިއެތިކޮޅު ނައްޓައިގެން ކަނީއެވެ. ކާމޭޒު ދޮށުގައި އިނީ ތައިމޫރް އެކަންޏެވެ.

މެހެމަލް ފުރޮޅުލީ ގޮނޑި ދުއްވައިފައި މޭޒާ ދިމާއަށް އަންނަ އަޑު އިވިފައި ތައިމޫރް އިސް އުފުލައި ބަލައިލިއެވެ. އޭނާގެ އަތް ހުއްޓިއްޖެއެވެ. ކެއުންވެސް ހުއްޓާލައިފިއެވެ. ތަށްޓަށް ސާމުޖީ ޖެހުމަށް ފަހު ގޮނޑިން ތެދުވެއްޖެއެވެ.

"ދަރިފުޅާ ތައިމޫރް. މަންމަ ވާހަކައެއް ދައްކައިލާން ބޭނުން."

"އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން." ތައިމޫރް ގޮނޑި ފަހަތަށް ޖައްސައިލިއެވެ.

"އެކަމަކު މަންމަ ބޭނުން މި ވާހަކަ ދައްކަން. މިއީ ދަރިފުޅުގެ ބައްޕަ ބުނި ވާހަކައެއް. މަންމަގެ ވާހަކައެއް ނޫން."

"ކީކޭ؟" އޭނާ ހުރިތާގައި ހުއްޓި ހުރީއެވެ. ހިނގައިގަންނާން އުޅެފައިމެ މަޑުކޮށްލިއެވެ.

"މަންމައަށް ފަހަރެއްގައި މި ގެއިން ދާން ޖެހިދާނެ. ދެމީހުންނަށް އެކީގައި ނޫޅެވިދާނެ. މި ބުނީ މަންމައާއި ބައްޕަގެ ވާހަކަ."

"ހެޔޮ."

"ދަރިފުޅު އުޅެން ބޭނުން ވަނީ ކާކާ އެކީގައި؟ މަންމަޔާ އެކީގައިތަ؟ ނުނީ ބައްޕަޔާ އެކީގައިތަ؟" އޭނާޔާއެކު އުޅެން ބޭނުން ނުވާނެކަން މެހެމަލަށް އެނގެއެވެ. އެކަމަކުވެސް އަހައިލީއެވެ.

"އެކަކާ އެކުވެސް އުޅޭކަށް ބޭނުމެއް ނޫން." ތައިމޫރް ކޮނޑު އަރުވައިލިއެވެ.

"އެކަމަކު ދަރިފުޅާ. ކޮންމެވެސް އެކަކާއެކު އުޅެން ޖެހޭނެއެއްނު؟"

"އަހަރެން މިއީ މީހެއްގެ ނޯކަރެއް ނޫން. އަހަންނާ ނުބެހޭ." ތައިމޫރް ކުއްލިއަކަށް ހަޅޭއް ލަވައިގެންފިއެވެ. އަދި ވަރަށް ބާރަށް ގޮނޑި ކޮއްޕައިލުމަށް ފަހު އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

މެހެމަލް ދެރަވެފައި ބަލަހައްޓައިގެން އިނީއެވެ. އެ ބަދުމިޒާޖާއި ހަރުކަށިކަމާއި ހިތި ވާހަކަތަކަކީ އެ ކުއްޖާއަށް ކާކު ދަސްކޮށްދީގެން އުޅޭ ކަންތައްތަކެއް ހެއްޔެވެ؟

އެ ހުރިހައި ކަމެއްގެ އިލްޒާމު ހުމާޔޫންގެ ބޮލުގައި އެޅުވުމުގެ ކުރިން އޭނާގެ ކުރިމަތީގައި އެހެން މަންޒަރެއް ސިފަވެގެން ހިނގައްޖެއެވެ.

ޖީންސާއި ކުރުތާ ލައިގެން ހުރި އަންހެން ކުއްޖެކެވެ. ބޯ އޮތީ ދެ ފަށަށް ގަތައިފައެވެ. އެ ކުއްޖާ ހަޅޭއް ލަވަނީއެވެ.

"ކަލޭ ބުނާހައި ކަމެއް ކުރަން އަހަރެން މިއީ ކަލޭގެ ބަފާގެ ނޯކަރެއްތަ؟"

އެވާހަކަ އެކި ފަހަރު އަމާޒު ވެގެން ދަނީ އެކި މީހުންނަށެވެ. ބައެއް ފަހަރު މެހެތާބަށެވެ. ބައެއް ފަހަރު މުސްރަތަށެވެ. އަދި ބައެއް ފަހަރު ދެބެއިންގެ ދަރި މީހުންނަށެވެ.

އެ ބަދުމިޒާޖު ބޯހަރު ކުއްޖާގެ މަތީން ހަނދާންވީމާ އޭނާ ހަށިގަނޑަށް ބާވަތެއްގެ ތުރުތުރެއް ވެރިވިއެވެ.

"އާނއެކެވެ. ބޮޑެތި މީހުންނާ މެދު މީހަކު އަމަލު ކުރާ ގޮތަށް ކުޑަކުދިން އެމީހަކާ މެދު އަމަލުތައް ބަހައްޓާނެއެވެ." އޭނާގެ އެތެރެހަށިން އަޑެއް ނުކުތެވެ.

މަގަކީ އެއް މަގެކެވެ. އިންސާނާ އެ މަގުގައި ކުރިއަށް ފިޔަވަޅުތައް އަޅަމުން ގޮސް ރާސްތާ ކަޑައްތުކުރެއެވެ. އެޔަށް ފަހު ހަމަ އެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅަމުން އެނބުރި އާދެއެވެ. ދަތުރުމަތީގައި އޭނާ އިންދި ކަށި ގަސްގަހުގެ ކަށިތައް ގަޔަށް ހެރެން ފަށަނީ އެނބުރި އަންނަ މަގުމަތީގައެވެ. ދަތުރުމަތީގައި މާގަސް އިންދި މީހާ އެނބުރި އަންނަނީ ބަގީޗާއެއްގެ ތެރެއިންލާފައެވެ.

"މެހެމަލް." އޭނާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ މީހަކު ގޮވައިލީ އަޑަށެވެ.

"އަހަންނަށް މި އިވުނީ ތެދު ޚަބަރެއްތަ؟" ފަރިޝްތޭ އޭނާގެ ކުރިމަތީގައި ހުރެގެން ސުވާލު ކޮށްލިއެވެ.

"ކޮން ވާހަކައެއް؟" މެހެމަލް ސަމާލުވެލިއެވެ.

"މެހެމަލާއި ހުމާޔޫނާ... ވަކިވަނީތަ؟" ފަރިޝްތޭ ކަކޫ މައްޗަށް ތިރިވެލުމަށް ފަހު މެހެމަލް އުނގުމަތީގައި އަތް ބާއްވައިލިއެވެ.

"އާނ.. އެހެންކަން ނޭނގެ."

"މެހެމަލް... އެކަހަލަ ފައިސަލާއެއް ކުރީ ކީއްވެގެން؟" އޭނާ މަސައްކަތް ކުރަމުން ދިޔައީ މެހެމަލްގެ ލޮލުން ޖަވާބެއް ހޯދާށެވެ.

"ފައިސަލާ ކުރީ އަހަންނެއް ނޫން. ހުމާޔޫން."

"ތިޔަ ވާހަކަ ދެއްކީ ސީދާ އޭނާތަ؟"

"އާނ."

"ދެން... ދެން މެހެމަލް ރުހުނީތަ؟" ފަރިޝްތޭއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ނުރުހި އަހަރެން ކުރާނޭ ކަމެއް އެބައޮތްތަ؟"

ފަރިޝްތޭ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.

"ދައްތާ. އަހަރެންގެ އިޚްތިޔާރަކު އެއްވެސް ކަމެއް ނެތް. އިހަކަށްވެސް ނެތް. މިހާރަކުވެސް ނެތް. ހުމާޔޫން ދައްކަން ބޭނުންވި ވާހަކަ ދައްކައި ނިންމައިފި. ނިންމަން ބޭނުންވާ ގޮތަށް ނިންމައިފި. އޭނާ އަހަންނާ އެކީގައި އުޅެން ބޭނުން ނުވާއިރުވެސް އަހަރެންވީ އޭނާއަށް އެކަމަށް މަޖުބޫރު ކުރަންތަ؟ ނޫން." އޭނާ ހިތި ގޮތަކަށް ބޯ ހޫރައިލިއެވެ. "އޭނާ ބޭނުންވަނީ ވަކިވާން ކަމުގައި ވަންޏާ އެގޮތް އެންމެ ރަނގަޅު. މަސްލަހަތަށްޓަކައި ކުރެވެން އޮތް އެންމެ ފަހުގެ މަސައްކަތް އަހަރެން ކުރާނަން. އެކަމަކު އަހަރެން އާދޭހެއް ނުކުރާނަން. ސަލާމެއް ނުޖަހާނަން."

"ދެން... ދެން ހަދާނީ ކިހިނެއް؟ މެހެމަލް ދާނީ ކޮން ތަނަކަށް؟"

"ދައްތާ. އަހަރެން މިއީ ހުމާޔޫންގެ އެހީތެރިކަމަށް ބޭނުންވާ މީހެއް ނޫން. ﷲ ގެ ދުނިޔެ ކުޑައެއް ނޫން. އަހަރެން ދަރިފުޅު ގޮވައިގެން އެހެން ތަނަކަށް ހިނގައިދާނަން."

"ހުމާޔޫނާ ނުލައި މެހެމަލަށް އުޅެވޭނެތަ؟"

"އޭނާވެސް އަހަންނާ ނުލައި އެ އުޅެނީއެއްނު؟" މެހެމަލް ހިނިތުންވެލިއެވެ.

"މެހެމަލަށް އުފަލުގައި އުޅެވޭނެތަ؟"

"ﷲ އަހަރެންގެ ދިރުއުޅުމުގައި އުފާވެރިކަން ލައްވައިފައިވާ ވާނަމަ އެ އުފާވެރިކަން އަހަންނަށް ލިބޭނެ. އެކަމަށްޓަކައި ހުމާޔޫނާ އެކި އުޅުމަކީ ލާޒިމު ކަމެއް ނޫން."

ފަރިޝްތޭގެ ލޮލުން ފެންނަނީ ހިތާމައިގެ އަސަރެވެ.

"މެހެމަލް. އަހަރެން އެ ޚިޔާލު ބަދަލު ކުރޭތޯ ހުމާޔޫނާ ވާހަކަ..."

"ނޫން." މެހެމަލް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "މިކަމާ ގުޅިގެން ދައްތަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ."

"އެކަމަކު ކަންތައްތައް ރަނގަޅުވޭތޯ އެއް ފަހަރު މަސައްކަތް..."

"ދައްތާ. ތިޔަހެން ނުހަދާތި. އަހަރެން ސަލާންޖަހާ މީހަކަށް ނުހަދާތި."

ފަރިޝްތޭ އެ ވާހަކަ ހުއްޓައިލިއެވެ.

"އެކަމަކު... އޭނާ އެހެން ހަދަނީ ކީއްވެގެން؟ ސަބަބެއް ނުބުނޭތަ؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.