ރަށްރަށަށް އުދަ އެރުމުގެ މައްސަލައިގައި މެންބަރުންގެ ކަންބޮޑުވުން އިންތިހާއަށް

ރަށްރަށަށް އުދަ އެރުމުގެ މައްސަލައިގައި މެމްބަރުންގެ ކަންބޮޑުވުން އިންތީހާއަށް އޮތްކަން ފާހަގަ ކުރައްވައިފިއެވެ. މެމްބަރުން މިމައްސަލައާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ތިނަދުއަށް އުދައެރުމުގެ މައްސަލައިގައި އެދާއިރާގެ މެންބަރު ޢަބްދުالله ސަނީފް ހުށަހަޅުއްވި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުންނެވެ.

ގިނަ މެމްބަރުން ވިދާޅުވީ އުދަނއެރުމުގެ މައްސަލައަކީ އެދާއިރާތަކުގެގެ ރަށްތަކަށް ވެސް އިންތިހާއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އުދައެރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެ ބޮޑެތި ގެއްލުންތަކެއް ތިމާވެށީގެ ގޮތުންވެސް ކުރިމަތިވެފައިވާކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އުދަނއެރުމުގެ މައްސަލައަކީ ހައްލެއް ނުހޯދި ގިނަ ދުވަސްތަކެއްވެފައިވާ މައްސަލައެއްކަމަށް ވެސް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އުދައެރުމުގެ ސަބަބުން ރަށްރަށުގެ ފެން ތަޣައްޔަރުވެގެން ގޮސްފައިވާކަމަށް ވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. 

މައްސަލަ ޙައްލުކުރުމަށް  ރަށްރަށުގައި ފެންހިންދާ ނިޒާމު ޤާއިމްކުރުމުގެ މުހިންމުކަމައި ބޭރު ތޮށިލުމުގެ މުހިންމުކަން މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. ބައެއް މެމްބަރުން ވަނީ އުދައެރުމާއި ރައްގިރުމުގެ މައްސަލަތަކުގައި ތިމާވެށްޓާބެހޭ ވުޒާރާއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ނުވާކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަބަދުވެސް ސާރވޭތައް ކޮށްކޮށް ތިބެނީ ކަމަށާއި ޢަމަލީ މަސައްކަތެއް ކުރެވޭތަން ނުފެންނަ ކަމަށް ބައެއް މެމްބަރުން ވިދާޅުވިވިއެވެ. ރައްގިރުމާއިި އުދަ އެރުންފަދަ މައްސަލަތަކަށް ޙައްލެއް ނުލިބި ތިމާވެށްޓާބެހޭ މިނިސްޓްރި އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ތާށިވެ ފައިވާކަމަށް ވެސް ބައެއްމެމްބަރުން ވިދާޅުވިއެވެ. ބިންހިއްކުންފަދަ މަސައްކަތްތައް އެކަށީގެންވާ ދިރާސާތައް ނުކޮށް ކޮށްފައި އޮތުމުންވެސް އުދަނއެރުމާއި ގިރުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ތިނަދޫގެ ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފް ވިދާޅުވީ މިފަހަރު އެރި އުދައިގައި ތިނަދޫގެ 800 ފޫޓް އެތެރެއަށް ލޮނުގަނޑު އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެރަށުގެ ހޮސްޕިޓަލާއި އެނޫންވެސްޢިމާރާތްތަކަށް ލޮނުގަނޑު ވަދެ ޚިދުމަތް ދިނުމަށް ވެސް ދަތިވެފައިވާކަމަށެވެ. އޮޑި ދޯނިފަހަރަށް ވެސް ގެއްލުންވެ  ރަށުގައި ހުންނަ ބޮޑެތި ގަސްތައް މަރުވާކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އަހަރަކު ހައެއްކަ ފަހަރަށް ތިނަދުއަށް އުދަ އެރުމުގެ މައްސަލަ ދިމާވާކަމަށް ވެސް މެމްބަރ ސަނީފް ފާހަގަ ކުރެއްވިއެވެ. މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން މިހާރު އަރަމުންދާ ގޮތަށް ތިނަދުއަށް އުދަ ނާރާކަމަށް ވެސް މެމްބަރ ސަނީފު ފާހަގަކުރެއްވިއެވެ. އެންމެ ބޮޑަށް އުދަ އަރާ ރަށްރަށުގައި ބޭރު ތޮށްޓެއްނެތްކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް މެމްބަރ ސަނީފް ވިދާޅުވިއެވެ. އެހެންކަމުން އުދަ އަރާ ރަށްރަށުގައި ބޭރު ތޮށްޓެއް ލައިގެންވިޔަސް އުދައެރުން ހައްލުކުރަންޖެހޭކަމަށްވިދާޅުވިއެވެ. ބޭރު ތޮށްޓެއްލައިގެން ވީހާވެސް އަވަހަށް ތިނަދުއަށް އުދަ އެރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް މެމަބަރ ޝަނީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވެސް ވަނީ ގޮވާލައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.