ދިރިއުޅުމުގެ ރަހަތައް - 21

(13 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފާރިޝާ: "އަހަރެން ހައިކަލާ މެދު ވަރަށް ވިސްނަން. ހިތަށް އަރާ. މިއީ ހާދަ ރަނގަޅު މީހެކޭ. ފަހަރެއްގައިވެސް އަހަރެންގެ މަޤާމުގައި ހުރި މީހަކާ މެދު ވިސްނައިލަފާނެއޭ ހިތަކަށް ނާރާ."

ހައިކަލް: "މީހުންގެ ޖަޒުބާތު ކޮންޓްރޯލުން ނެއްޓޭ ފަހަރު ފަހަރު އާދޭ. ފާރިޝާ ތިއީ ވަރަށް ނައިސް މީހެއް. ފާރިޝާގެ މާޒީ އަހަންނަށް އެނގޭ. އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ހަމްދަރުދީ އެބައޮތް."

ފާރިޝާ: "ހަމްދަރުދީއަކީ ވަރަށް އެހެން ކަހަލަ ލަފުޒެއް. އަހަރެން ނިކަމެތިކޮށްލާ ލަފުޒެއް. ހަމްދަރުދީގެ ސިފައަކީ ވަރަށް އިންސާނީވަންތަ ކަމުގެ ސިފައެއް. ހައިކަލާ މެދު އަހަރެން ކުރާ ފިކުރުތަކުގައި ވަނީ ލޯބި. ހަމައެކަނި ލޯބި. ނުބުނާނެ ކަމެއް ނެތްތާ. ތެދަކީ އެއީ. މިއީ އޮޅުވައިލުމެއް ނޫން. ހައިކަލްގެ ޙަޔާތަށް ގެންނަން ކިތަންމެ އެކަށިގެންނުވާ މީހަކަށް އަހަރެން ވިޔަސް އަހަރެން ހައިކަލާމެދު ދެކޭ ގޮތާއި ތިޔަ ހަމްދަރުދީއާ ގުޅުން ވަރަށް ކުޑަ.

ހައިކަލް ފާރިޝާގެ އަތުގައި ހިފައިލިއެވެ.

ހައިކަލް: "ފާރިޝާގެ ވަކީލަކީ އަހަންނޭ. އަހަރެން ބަލިކޮށްލީތަ. ވިސްނިއްޖެ. ހަމްދަރުދީ އެއީ އެތަނުގައި ބޭނުންކުރަން އެހައި ރަނގަޅު ލަފުޒެއް ނޫން. ސޮރީ."

ފާރިޝާ: "ވަކާލާތުކުރުމުގައި ވެއްޓިދާނެ ދަނޑިވަޅަކީ، އެކަށީގެންނުވާ ދަނޑިވަޅެއްގައި އެހައި އެކަށީގެންނުވާ ލަފުޒެއް، ޢިބާރާތެއް ބޭނުންކުރާ ދަނޑިވަޅު."

ހައިކަލް: "ފާރިޝާ! އައި އޭމް ސޮރީ. އަހަރެންގެ މަޤްޞަދު އޮޅުވައިނުލާ."

ފާރިޝާ: "މަޤްޞަދު އޮޅުވައެއް ނުލަން. އެކަމަކު ފިރިހެނުންގައި މި ހުންނަ ހައިބަތުކޮޅު ބޮޑުކަމުގެ އަސަރު ހައިކަލްގެ ކިބައިގައި ވެސް ހުންނާނެތާ. އެއީ މައްސަލައެއް ނޫން."

ހައިކަލް: "ފާރިޝާ! ސީރިއަސްކޮށް. އެ ހަމްދަރުދީއަކާ ހުރެ ދެމީހުންގެ މިޖާޒު ކުނިކޮށް ނުލާބަލަ. އާދޭސް މިކުރަނީ. އަހަންނަށް ފާރިޝާ ދެކެ ލޯބިވެވިއްޖެ."

ފާރިޝާއަށް ރޮވިއްޖެއެވެ. ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. މި ކުރެވުނީ ކީއްބާވައޭ ހިތަށް އަރައި މޫނު ފުހެލައިގެން ނިކުތްއިރު ހައިކަލެއް ނެތެވެ. ފާރިޝާ ހިތަށްއެރިއެވެ. އަހަންނަށް މި ކުރެވުނު ކަމެއް ބަލައިބަލާށެވެ. ހައިކަލް އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން މަޖުބޫރުކުރެވުނީއެވެ. މި ކުރެވުނު ކަމަކުން ދެން އޭނާއާ ކުރިމަތިލާނީ ކިހިނެއްހެއްޔެވެ. ޙަޤީޤަތުގައި އަހަންނަށް ރޮވުނީ ވީ އުފަލުންނެވެ. އޭނާ އެހެން ބުނާނެ ނަމައޭ ހިތާހުއްޓައެވެ. އެކަމަކު އަހަރެންގެ ޒާތްކޮޅު ވަކި ކުޑައެއް ނުވިތާއެވެ. އެ ހަމްދަރުދީގަނޑެއްގައި އަޅައިގަނެގެން އުޅެވުނީއެވެ. މާފަށް އެދުމުން ވެސް އެ ބަޙުސެއްގައި ދޫނުކޮށް ހިފެހެއްޓުނީއެވެ. އަހަރެން މިއީ ވަރަށް ގޮތްދޫނުކުރާ ބޯހަރުމީހެކޭ އޭނާ ހިތަށްއަރާނެއެވެ. ފާރިޝާ ހައިކަލަށް ފޯނުކޮށްލިއެވެ. ފޯނެއް ނުނަގައެވެ.

މި ފިކުރުގައި އިންދައި ކޮޓަރި ދޮރުގައި ޓަކިޖަހައިލައިފިއެވެ. ކާކުހޭ އަހައިލުމުން ކުމާރީ ކަން އެނގިއްޖެއެވެ. ވަންނާށޭ ބުނުމުން އޭނާ ވަދެ ސިޓީއުރައެއް ދިނެވެ.

ސިޓީއުރަ ކަނޑައި ބަލައިލިއިރު އޮތީ ކޯޓަށް ދާން ކިޔައިފައިވާ ޗިޓެކެވެ. ވަގުތެއް ނެތެވެ. މާދަމާއެވެ.

ވަގުތުން ޚާލިދު ދީދީ ބޭބެއަށް ފޯނުކޮށްލިއެވެ. ހައިކަލްގެ އޮފީހަށް ގުޅައި ފާރިޝާ ވަރަށް އަވަސް ކަމެއްގައި ގުޅަންއުޅޭ ކަމުގެ މސެޖް ހައިކަލަށް ރައްދުކޮށްދިނުމަށް އެދުނެވެ.

ހައިކަލް ގުޅީ އިރުއޮއްސެން ވަރަށް ކައިރިވެފައިވަނިކޮށެވެ.

ހައިކަލް: "ކީއްވީ؟ ފާރިޝާ."

ފާރިޝާ ހިތަށްއެރިއެވެ. ތަންކޮޅެއް ދުރުކަމެއް އަޑުގައި އެބަހުއްޓެވެ. އެކަމަކު އަޅައިނުލާނީއެވެ.

ފާރިޝާ: "މާދަމާ ކޯޓަށް ދާން ޗިޓެއް އަތުވެއްޖެ."

ހައިކަލް: "ކޮންކަހަލަ މައްސަލައެއްގަ."

ފާރިޝާ: "ޢަލީގެ މުދަލުގެ މައްސަލައެއްގަ."

ހައިކަލް: "ބައިގަޑިއެއްހައި އިރުގެ ތެރޭގައި އެއްކަލަ ވަޞިއްޔަތް ލިޔެފައި އޮތް ކަރުދާސް ހިފައިގެން އަހަރެންގެ އޮފީހަށް ޖައްސާލަދޭންވީނޫން."

ފާރިޝާ: "މި ދަނީ. ޝުކުރިއްޔާ!"

ފާރިޝާ ގޮސް ހައިކަލްގެ އޮފީހަށް ވަންއިރު އަލިތައް ހުރީ ފަނޑުކޮށްފައެވެ. ރިސެޕްޝަނުގައި ކުއްޖަކު ނެތެވެ. އިރުކޮޅަކުން ހައިކަލް ނިކުމެ ސަލާންކޮށްލައިފައި ފާރިޝާ ގޮވައިގެން ދިޔައީ ޖަލްސާކުރާ ކޮޓަރިއަށެވެ. އޮފީސް ތެރޭގައި ދެ ފިރިހެނަކު އުޅެއެވެ. އިތުރު މީހަކު ނެތެވެ. އޭގެތެރެއިން އެކަކަށް ހައިކަލް ގޮވައިލިއެވެ.

ޢަލީ ލިޔެ ސޮއިކޮށްފައިވާ ވަޞިއްޔަތު ނަގައި ހައިކަލް ކިޔައިލިއެވެ. އަދި ކޯޓުން ފޮނުވައިފައިވާ ޗިޓަށް ބަލައިލިއެވެ.

ހައިކަލް: "ފައިސަލް. ސޮރީ. ކުއްލި ކަމެއް. މިރޭ ދެކުއްޖަކު ނެރެގެން މަސައްކަތް ކޮށްލަންޖެހޭނެ. އަހަރެން ވެސް އަންނާނަން ތަންކޮޅެއް ފަސްކޮށްލައިފައި. މިއީ ސާފުކޮށް އޮތް މައްސަލައެއް. މުދާ މި ވަނީ އަނބިމީހާއަށް ހިބަކޮށްދީފަ. މި ވަޞިއްޔަތު މި އޮތީ ކޯޓްގައި ރަޖިސްޓްރީ ވެސް ކޮށްފަ. މިކަމާ އުޅޭ މީހުން އެއްވެސް ވަގުތެއް ނަގައިނުލާ އެ މަސައްކަތް ފަށައިގަތީ. މިކޮޅުން ތައްޔާރުވެނުލައި ގޮސްގެން ކަމަކުނުދާނެ. ފައިސަލް ވަކީލަކަށް ދާނީ."

ފައިސަލް: "އަޅުގަނޑު ހިނގައިދާނަން. މިހާރު މަސައްކަތް މި ފަށަނީ."

ހައިކަލް: "މީގެ ދުވަސްކޮޅެއް ކުރިން ހަމަ މިކަހަލަ މައްސަލައެއް ނިމިފައި އޮންނާނެ. އެ މައްސަލައިގެ ޝަރުޢީ ރިޕޯޓްވެސް ކިޔައިލާތި."

ފައިސަލް: "ހަނދާން އެބަހުއްޓޭ. އެއީވެސް ހަމަ ވަޞިއްޔަތެއް. އަޅުގަނޑު ދަޢުވާ ލިބޭ ފަރާތުގެ ވަކީލަކަށް ދިޔައީ. އެ ވަޞިއްޔަތު އޮތީ ކޯޓްގައި ރަޖިސްޓްރީ ވެސް ނުކޮށް."

ހައިކަލް: "އެންމެ ރަނގަޅު. އަހަރެން ވެސް ތަންކޮޅެއް ލަސްކޮށްލައިފައި އަންނާނަން."

ފައިސަލް: "ކިހާއިރަކު؟"

ހައިކަލް: "އެގާރަޖަހަންވާއިރަށް. ލަސްވެގެން އިނގޭ."

ފައިސަލް ބޯޖަހައިލައިފައި ޗިޓް ފާރިޝާއާ ޙަވާލުކޮށްފައި ވަޞިއްޔަތުގެ ލިޔުން ހިފައިގެން ދާން ތެދުވިއެވެ. ކޮޓަރިން ނިކުންނަމުން ފާރިޝާއާ ދިމާއަށް ބުންޏެވެ.

ފައިސަލް: "ފާރިޝާ ގަޑިޖެހުމުގެ ދިހަވަރަކަށް މިނިޓްކުރިން ދުރުވާތި އިނގޭތޯ."

ފާރިޝާ: ލައްބަ! އަޅުގަނޑު ހުންނާނަން."

ފައިސަލް ދިއުމުން ހައިކަލް ބުންޏެވެ.

ހައިކަލް: "ފާރިޝައަށް އެނގޭތަ މާދަމާ އަކީ ކޮން ދުވަހެއްކަން."

ފާރިޝާ ހަނދާންކޮށްލިއެވެ. ވަކި ޚާއްޞަ ކަމެއް ހަނދާނަށް ނައިސްގެން ބުންޏެވެ.

ފާރިޝް: ނޭނގެ. މާދަމާއަކީ ކޮން ދުވަހެއްތަ؟"

ހައިކަލް: "ޢަލީ ނިޔާވިތާ 3 މަސްވާ ދުވަސް."

ފާރިޝާ ޙައިރާންވިއެވެ. އަދި އެކަން ހަނދާން ނުންނަންޖެހޭ މީހާ އެކަން ހަނދާން ނެތުނީމައި ކުޑަކޮށް ލަދުވެތިވިއެވެ.

ފާރިޝާ: "ސޮރީ! ހަނދާން ވެސް ނެތް. ހައިކަލް! މަޢާފަށް އެދެން."

ހައިކަލް: "ކޮން ކަމަކާ؟"

ފާރިޝާ: "މިއަދު މެންދުރު ދެކެވުނު ވާހަކައާ ބެހޭގޮތުން."

ހައިކަލް: "އެ ވާހަކަ ކިހިނެއްވީ؟ އަހަރެންގެ ހިތުގައި އޮތް އެއްޗެއް ފާޅުކޮށްލަން ކެރުނީ ފާރިޝާގެ ހިއްވަރާއެކު. ކޮން ކަމަކާ މަޢާފަށް އެދެންވީ."

ފާރިޝާ: (އިސްދަށަށް ޖަހައިލިއެވެ.) "އަހަރެންގެ ހިތުގައި ހައިކަލްގެ މައްޗަށް އޮތީ ކޮންކަހަލަ ޝުޢޫރެއްކަން. ބުނެނުދީ ހުރުމަކީ، އުނދަގުލަކަށްވީ. އެކަމަކު އަހަރެންނާމެދު ހައިކަލް ދެކޭގޮތް. އަހަރެން ބޭނުންވާ ގޮތަށް ބުނުވުމަށް މާބޮޑަށް ބާރުއެޅުނީ."

ހައިކަލް: "ނުބައިގޮތަކަށް ނުވިސްނާ. ފާރިޝާއާ މެދު އަހަރެން ވިސްނާތާ ވެސް ދުވަސްތަކެއް ވެއްޖެ. ނުބުނަންޏަކާ ނޭނގޭނެދޯ. އަހަރެން ލިޔަން ވެސް އުޅުނިން. އެކަމަކު ފަސްޖެހެވުނީ."

ހައިކަލް މިހެން ބުނެފައި ޖީބުން ކުޑަކުޑަ ދަޅެއް ނަގައި އޭގެ ތެރޭގައި އޮތް. ހުދުރަނުގެ ފަށެއް ނެގިއެވެ. އަދި ހައިކަލްގެ ގާތަށް އައުމަށް ބޮލުން ފާރިޝާއަށް އިޝާރާތްކޮށްލިއެވެ. ފާރިޝާ ދިއުމުން ހައިކަލްގެ އަތުން ފާރިޝާގެ ކަރުގައި ފަށް އަޅުވައިލައިދިނެވެ.

އަނެއް ދުވަހު ވަރަށް ހެނދުނާ ޚާލިދު ދީދީ ފާރިޝާގެ ގެއަށް ވަޑައިގެންފިއެވެ. އެ ގެއިން ސައިފޮދު ހިއްޕަވައިގެން ކޯޓަށް ވަޑައިގަތީ ފާރިޝާއާ އެކުގައެވެ. ފާރިޝާ ކޯޓަށް ދިޔަ މަގުމަތީގައި، ޚާލިދު ދީދީ ވަރަށް ހިއްވަރުދެއްވިއެވެ. ފާރިޝާގެ ޙަޔާތުގައި މި ދުވަސްވަރަކީ، ވަރަށް އުނދަގޫ ދުވަސްވަރެއް ކަމަށާއި ބޭނުންވަނީ ކެތްތެރިކަން ކަމަށް ޚާލިދު ދީދީ ވިދާޅުވިއެވެ. ފާރިޝާގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އޭނާގެ މަންމަގެ ގާތްތިމާގެ ބޭފުޅަކާއެކު، ކޯޓަށް ދެވޭތީ ފާރިޝާ އިނީ ހިތްބިރުގަތުން ކެނޑިފައެވެ.

ޝަރީޢަތަކީ ވަރަށް ކުރު ޝަރީޢަތެކެވެ. ޢަލީގެ ވަޞިއްޔަތް ހުށަހެޅުމުން ފާރިޝާއާ ދެކޮޅަށް ދަޢުވާކުރި މީހުން މުޅީން އެލިއްޖެއެވެ. ހައިކަލް ފޮނުވި ވަކީލަކީ، ތަރިކައިގެ މައްސަލަތަކުގެ ތަޖުރިބާކާރެކެވެ. އޭނާ ތައްޔާރުވެގެން ކޯޓަށް އައީ ކޮންމެ ކަހަލަ ހުރަހަކާ ވެސް ކުރިމަތިލެވޭ ގޮތަށެވެ. އެހެންކަމުން ހައިކަލްގެ ކުންފުނިން އިތުރު މައްސަލައެއް ކާމިޔާބުކުރީއެވެ.

ކޯޓުން ނިކުތުމުގެ ކުރީން ފާރިޝާ ގޮސް ފައިސަލާ ސަލާންކޮށްލިއެވެ. ޝުކުރު އަދާކުރިއެވެ. އެއަށްފަހު ޚާލިދު ދީދީއާއެކު ގެއަށް ދިއުމަށް ހިނގައިގަތެވެ. އޭގެ ކުރިން ޢަލީގެ ބޮޑުބޭބެ ކަމަށް އެ ބުނާ މީހެއްގެ ގާތަށް ގޮސް ސަލާން ކޮށްލައިފައި ހިތްބުރަކުރުމެއް ނުބޭއްވުމަށް އެދުނެވެ.

ޓެކްސީ އަށް ފާރިޝާ އާއި ޚާލިދު ދީދީ އެރިއެވެ.

ޚާލިދު ދީދީ: "ކޮއްކޯ ބުނަންތަ ވާހަކައއް؟"

ފާރިޝާ: "އާދެ!"

ޚާލިދު ދީދީ: "ބޭބެ ހިތްބުނަނީ އިރާދަކުރެއްވިއްޔާ ކޮއްކޮއަށް ހިތްހަމަޖެހުމުގެ ދުވަސްތައް ކުރިމަތިވަނީއޭ. ދެން އޮތް ޝަރީޢަތް ވެސް ހަމަ އެހައި ފަސޭހައިން ނިމޭނެއޭ. ކާމިޔާބުވާނީ އިރާދަކުރެއްވިއްޔާ ކޮއްކައަށޭ."

ފާރިޝާ: "އިރާދަކުރެއްވިއްޔާ!"

ފާރިޝާ ހިތަށް އެރިއެވެ. ބޭބެ އެ ވިދާޅުވީ ތެދުފުޅެކެވެ. އުފައުވެރި ދުވަސްތައް މިހާރު ފެށިއްޖެއެވެ. ހައިކަލް ލޯބިވެޔޭ ބުނި ދުވަހުން ފެށިގެންނެވެ. މީހުންގެ ހިތުގައި ހިނގާ ޝުޢޫރުތައް ފާޅުނުކުރެވި ވަނިކޮށް ވަގުތު ފާއިތުވާ މީހުންގެ ތެރޭގައި އޭނާ ނުހިމެނުނީތީ އުފައުކުރިއެވެ. އަދި ދެލޯ މަރާލައި ކާރުގެ ޝީޓްގައި ހަމަޖެހިލިއެވެ. ހައިކަލްގެ އެކި ކަންކަމާމެދު ވިސްނަން ފެށިއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ފާރިޝާ ހުންނަނީ ވަރަށް އުފަލުންނެވެ. އުފައުވެރި އުންމީދެއްގެ މަތީގައި ހުރުމަކީ، ދިރިއުޅުން އާރޯވުމަށް ތަންދޭ ކަމެކެވެ. ޢަލީ ނިޔައުވުމުން، ހިތަށް ކުރި އަސަރެއް ފަނޑުވަމުން ދިޔަދިޔަހެން، އުފައުވެރި ދިރިއުޅުމެއްގެ އިޙްސާސްތައް ކުރެވެން ފެށުނެވެ. ހައިކަލްގެ މަންމަ އާއި ބައްޕައާ ބައްދަލުވި ވަގުތުން ފެށިގެން އެ އިޙްސާސްތައް ދިޔައީ ވަރުގަދަވަމުންނެވެ.

ފޯނުވެއްޖެއެވެ. ފާރިޝާ ގޮސް ފޯނު ނެގިއެވެ.

ފާރިޝާ: "ހަލޯ."

އަނެއްކޮޅުން: :(އަންހެނަކު) "އައްސަލަމް ޢަލައިކުމް" އޭ ބުނެލިއެވެ.

ފާރިޝާ: "ވައަލައިކުމުއްސަލާމް. ތިޔައީ ކޮން ބޭފުޅެއްތޯ؟"

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.