ރޯދަމަޖާ: ކުށަކީ ކޮބާ؟

އުފާވެރިކަމުގެ ސިއްރު

މީހަކު ދިރިއުޅުމުގެ މަތިން ފޫހިވެ މާޔޫސް ވީމާ އަމިއްލައަށް މަރުވާން ގަސްތު ކޮށްފި އެވެ. އޭނާ މަރުވާން އުޅުނީ ދިހަ ބުރީގެ އުސް ޢިމާރާތެއްގެ މަތިން ފުންމާލައިގެންނެވެ. ޢިމާރާތުގެ އެންމެ މައްޗަށް އަރައި ފުންމާލަން ގަސްތުކޮށްފައި ތިރިއަށް، ބިންމައްޗަށް ބަލައިލީ އިރު ބިންމަތީގައި މީހަކު ނަށަ ނަށާ އެބަ ހުއްޓެވެ. އެ މީހާގެ ދެއަތުން ކުރެ އަތެއް ނެތެވެ. މި މަންޒަރު ފެނިފައި އޭނާގެ ހިތަށް އެރިއެވެ.

އަހަރެންގެ ހަތަރެސް ފައި ސަލާމަތުން އެބަ ހުއްޓެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނެއްގައި އެއްވެސް ކަހަލަ އައިބެއް ނެތެވެ. އެކަމަކު އަހަރެން މި އުޅެނީ ދިރިއުޅުން ދެކެ ފޫހި ވެގެން އަމިއްލައަށް މަރުވާށެވެ. އެ މީހާގެއަތެއް ނެތެވެ. އެކަމަކު އުފަލުން ނަށަނީއެވެ. އެ މީހާ ގެ އުފާވެރިކަމުގެ ސިއްރަކީ ކޮބައިތޯ ބަލައިލާން ވާނެއެވެ.

މިހެން ހިތަށް އަރައި ފައިބައިގެން އައިސް އެއްކަލަ އަތް ނެތް މީހާޔާ ސުވާލު ކޮށްލިއެވެ. "އަހަރެން މިއައީ މަތީގައި ބަލަން ހުރެފައި- ކަލޭގެ ދެ އަތުން ކުރެ އަތެއް ނެތް- އެކަމަކު ކަލޭ އުފަލުން ނަށަނީ- ކަލޭގެ ތިޔަ އުފާވެރިކަމުގެ ސިއްރަކީ ކޮބައިކަން ބުނެދީފާނަންތަ-؟"

އެ މީހާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ. "އަހަންނެއް ނުނަށަން- އަހަރެން މި އުޅެނީ ބުރަކަށި ކަހައިގަނެގެން-!"

ކުށަކީ ކޮބާ؟

ފަނޑިޔާރު: ކަލޭ މި ތަނަށް ގެނެވުނީ ކީއް ކޮށްގެން-؟

މުލްޒިމް: ކިނބިހި އަޅައިގެން-

ފަނޑިޔާރު: ކީކޭ-? ކިނބިހި އެޅުމަކީ ކުށެއްތަ-؟

މުލްޒިމް: އާދެ- ބައެއް ޙާލަތްތަކުގައި ކިނބިހި އެޅުމަކީ ކުށެއް- އަޅުގަނޑަށް ކިނބިހި އެޅުނީ ތިޖޫރީ ހުޅުވަން ހިފާލިތަނާ- ގޭގެ ވެރިމީހާ އަށް ހޭލެވުނީ އަޅުގަނޑު ކިނބިހި އެޅި އަޑަށް- އަޅުގަނޑު މި ތަނަށް ގެންނަން މެދުވެރިވީ ސަބަބު މި ދެންނެވީ-

ވަގުކަލޭގެއާ ބައްދަލު ކުރުން

އެއް ދުވަހަކު މީހަކު ސިފައިންގެއަށް ގޮސް ބުނެފިއެވެ. "އަޙްމަދޭ ނަމަކަށް ކިޔާ މީހަކު މިތާނގައި ހައްޔަރު ކޮށްފައި އޮންނާނެ- އޭނާ ހައްޔަރު ކުރެވުނީ އަޅުގަނޑުގެ ގެއިން ވައްކަން ކޮށްގެން- އަޅުގަނޑު މި އައީ އޭނާޔާ ބައްދަލު ކޮށްލަން-"

ސިފައިންގެއިން ވާހަކަ ދެއްކި މީހާ ސުވާލު ކޮށްލިއެވެ. "އޭނާޔާ ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކީ ކޮބައިތޯ-؟"

އެ މީހާ ބުނެލިއެވެ. "އޭނާ އަޅުގަނޑުގެ ގެއިން ވައްކަން ކޮށްގެން ނުކުމެގެން ދިޔަ އިރުވެސް އަޅުގަނޑުގެ އަންހެނުންނަކަށް ހެއެއް ނުލެވޭ- އަޅުގަނޑު ބޭނުންވަނީ އަންހެނުން ހޭލިޔަ ނުދީ އޭނާ ސަލާމަތް ވެގެން ނުކުތް ގޮތެއް އޮޅުން ފިލުވަން- އަޅުގަނޑުގެ ހިލަމެއް ހަމަ ވުމާއެކު އަންހެނުން ހޭލާނެ-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.