މުޞްޙަފް - 13

(12 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އާޣާ ކަރީމް ފޮތް ބަލާން ފަށައިފިއެވެ.

"ރޭގަނޑު ގޭ އެންމެންނަށް ސިއްރުން މިތަނަށް އަންނަނީ ކީއް ކުރަން ބާވައޭ އަޅުގަނޑުގެ ހިތަށް އަބަދުވެސް އަރާ. ހިތާވެގެން ތެޅިބާލަނީ ކާކާ ބާވައޭ ހިތަށް އަރާ. މިހާރަކަށް އައިސް ދޫވެސް ވަރަށް ހަލުއި ވެއްޖެ. އާޣާ. މިރޭ ދޫނުކުރައްވާތި. މި މަންޖެ މި ކުޅިއެއް ކުޅެނީ ކާކާ އެކުކަން މިރޭ ހޯއްދަވަން ވާނެ. އެ މަންޖޯޅި ޖެހިގެން އުޅޭ ފިރިހެނަކު ގެނެސްގެން އިނީމާ ނިމުނީ. އަޅުގަނޑުމެންނަށް ކުޅިވަރު ދައްކާނެ ކަމެއް ނެތް. މުޅި އާއިލާ ބަދުނާމު ކުރަން އުޅޭނެ ކަމެއް ނެތް."

ބަލިވެ އިނދަޖެހިއްޖެ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް މެހެމަލަށް ކުރެވުނެވެ. އާޣާ ކަރީމް ފޮތުގެ ގަނޑުތައް އުކަނީއެވެ. ކޮންމެ ގަނޑެއް އެއްލުމާއެކު އޭނާގެ ހިތަށް ތަދުވެ ގެނބުން ދަނީއޭ ހީވެއެވެ. މިއަދު މިއީ އޭނާގެ އެންމެ ފަހު ދުވަސްކަން ޔަގީނެވެ. ސިހުރުހާހޫރައިގެ ތެރެއަށް ވަންނަ މީހަކަށް މައާފެއް ނުކުރާނެއެވެ. ފުރާނަ ދުއްވައިލާނެކަން ކަށަވަރެވެ.

"ގޮތްކުޑަ އަންހެނާ. ކަލޭ ފަހެ ލަދެއް ނުގަނޭތަ؟" އާޣާ ކަރީމްގެ ބަރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. އޭނާ ހުރީ ލޯ މަރައިލައިގެންނެވެ. ފުރާނަ އުފުރިދާން އުޅޭ ކަހަލައެވެ. އަރި އަޅައިލައިގެން ވެއްޓޭންވެސް އުޅުނެވެ.

"އަޅުގަނޑު... އަޅުގަނޑު ކުރީ ކީއްތޯ؟" އޭނާއަށް އިވުނީ މެހެތާބްގެ އަޑެވެ.

ހުވަފެނަކުން ހޭލެވުނީ ކަހަލަ ގޮތަކަށް މެހެމަލް ލޯ ހުޅުވައިލުމަށް ފަހު އިސް އުފުލައި ބަލައިލިއެވެ. އާޣާ ކަރީމް ފޮތް ހުޅުވައިގެން ހުރެ ހަޅޭއް ލަވައިގަތީ މެހެތާބާ ދިމާއަށެވެ.

"މި ޔަތީމް ކުއްޖާގެ ބޮލުގައި ވިޔާނުދާ ދޮގު ތުހުމަތު އަޅުވައިފައި ގޭ އެންމެން މިތަނަށް ޖަމާ ކުރާކަށް ކަލޭ ލަދެއް ނުގަނޭތަ؟ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް. އެ މަންޖެ މިތަނަށް އައިސް ކިޔަވަން ހުރިއްޔާ އެއީ ކަލެޔާ ބެހޭ ކަމެއްތަ؟ މިތަނަށް އައުމަކީ އޭނާއަށް މަނާ ކަމަކީތަ؟"

މެހެމަލް ވަރަށް ބާރަށް އެސްފިޔަ ތަޅުވައިލިއެވެ. މިއީ ހުވަފެނެއް ބާވައެވެ؟

"އެކަމަކު އާޣާ... އޭނާ އެ ފޮތުގެ ތެރޭގައި..."

"ލާދީނީ އަންހެނާ. ޖެހިޖެހީނުން މިތަނަށް ދަންމައިލަފާނަމޭ ހިތަށް އަރާ. ބަލަގަ... އެ މަންޖެ މިތަނަށް އައިސް އިނދެގެން އެ ކިޔަވަނީ ޤުރްއާނޭ! އެހެން ކަމެއް ނުވިއްޔާ ކީރިތި ޤުރްއާނަށް ހުރުމަތްތެރިކޮށް ހިތާން ދަސް ކުރަން ވެއްޖެނު؟" އާޣާ ކަރީމް އެ ފޮތް ލައްޕައިލުމަށް ފަހު ފޮތުގައި ބޮސް ދީފައި މެހެމަލަށް ދިއްކޮށްލިއެވެ.

"ދަރިފުޅާ. ތިރީގައި އިނދެގެން ކިޔެވިނަމަ މި މީހުން މި ހައިޖާނެއް ނުއުފެއްދީހެއްނު؟" އޭނާ މެހެމަލްގެ އަތަށް ފޮތް ދިނުމަށް ފަހު ރުޅިވެރިކަމާއެކު އެތާގައި ތިބި އެހެން މީހުންނާ ދިމާއަށް ބަލައިލުމަށް ފަހު ފައިބައިގެން ހިނގައްޖެއެވެ.

"ވަގަކު ވައްކަން ކުރަން އުޅޭހެން ފިލަފިލައިގެން މިތަނަށް އައިސް ކިޔަވަން އިނީމާ ޝައްކު ވާނެއެއްނު؟ އަހަރެން ދެއްކި ވާހަކައެއް ދެއްކީއަކީ މޮޔަ ވެގެންނެއް ނޫން." މެހެތާބް ލަދުން ބުނާނޭ އެއްޗެއް ނޭނގިގެން އަމުނަމުން ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.

އާޣާ ކަރީމް އޭނާގެ އަނބިމީހާޔާ ދިމާއަށް ދޭތެރެދޭތެރެއިން މި ގޮތަށް ހަޅޭއް ލަވާތަން ފެނެއެވެ. އެކަމަކު ގިނަ ފަހަރަށް ރުޅި އަންނަނީ މެހެތާބް އޭނާގެ ގާތް ތިމާގެ މީހުންނަށް މާ ގިނައިން ޚަރަދު ކުރާތީއެވެ.

މެހެމަލް ހަމަ އެ ހުރި ގޮތަށް ޖެހި ބުދެއްހެން ހުރީއެވެ. ޓެރަސް ހުސް ވެއްޖެއެވެ. އެންމެން ފައިބައިގެން ހިނގައްޖެއެވެ. މުސްރަތުވެސް ހިނިތުން ވެލައިފައި ފައިބައިގެން ހިނގައްޖެއެވެ.

"މި ފޮތުގެ ކޮންމެ ސަފުހާއަކުން މެހެމަލަށް މާދަމާގެ ތަސްވީރު ފެންނާނެ."

"މެހެމަލްގެ މުށުތެރެއަށް ހުރިހައި އެންމެން އަންނާނެ. މެހެމަލް މުޅި ދުނިޔޭގެ ވެރިކަން ކުރާނެ."

އެ ކަޅު އަންހެން ކުއްޖާ ދެއްކި ކޮންމެ ވާހަކައެއް ކަންކަށި މައްޗަށް އަރާ ވަރުގަދަ ތަފާލަކަށް ބަދަލު ވެގެން ހިނގައްޖެއެވެ.

މަކަރު... މަލާމާތް... އޮޅުވައިލުން... ސިހުރު... ޤުރްއާނުގެ ހުރުމަތް ކަނޑައިލުން... އެ އަންހެން ކުއްޖާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެފަދަ ބޮޑު މަލާމާތެއް ކުރަން ހެޔޮ ވާނެ ހެއްޔެވެ؟ ކަންބޮޑުވެގެން، ދުނިޔެ މަތީން ފޫހިވެފައި ހުރި އަންހެން ކުއްޖަކަށް ކުލަ ހުވަފެން ދެއްކުމަށް ފަހު އިލާހީ ފޮތެއް ބޮލުގައި އެޅުވުމަކީ ކޮންފަދަ ވިޔާނުދާ ކަމެއް ހެއްޔެވެ؟ އޭނާއަށް ކުރިމަތިލާން މި ޖެހުނީ ކޮން ކަހަލަ ހާލަތަކާ ހެއްޔެވެ؟

އޭނާގެ އަތް މިހާރުވެސް ތުރުތުރު އަޅައެވެ. މިހައިތަނަށް ހިނގައިދިޔަ ކަންތައްތަކަކީ އޭނާއަށް ގަބޫލު ކުރަން ދަތި ކަންތައްތަކެކެވެ. އޭނާ އަތުގައި އޮތް ފޮތާ ދިމާއަށް ބަލައިލިއެވެ.

އޭގެ ކަޅު ބޭރުގަނޑު މުޅިން ހުހެވެ. އެންމެ އަކުރެއްވެސް ލިޔެފައެއް ނެތެވެ.

އޭނާ ފޮތް މެދަކާ ހަމައިން ހުޅުވައިލިއެވެ.

މަތީގައި އަރަބި އަކުރުން އިބާރާތެއް ނުވަތަ ލަފުޒެއް އޮތެވެ. ތިރީގައި އޮތީ އެ އިބާރާތުގެ ނުވަތަ ލަފުޒުގެ ތަރުޖަމާއެވެ.

އަލްކަހްފު... ހޮހަޅަ

އޭނާ އަނެއްކާވެސް އެތައް ސަފުހާއެއް އުކައިލިއެވެ.

އަލްޢަންކަބޫތް... ފައިދިގު މަކުނު

އޭނާ ފަހަތަށް ގަނޑުތަކެއް އުކައިލިއެވެ.

އަލްމާއިދާ... ސުފުރާ

މެހެމަލް ފޮތް ލައްޕައިލިއެވެ.

އާޣާޖާން އެ ބުނީ ތެދަށެވެ. އެއީ ކީރިތި ޤުރްއާނެވެ. އަހަރެމެންގެ މުގައްދަސް ދީނީ ފޮތެވެ. އެކަމަކު އެ ނުބައި އަންހެން ކުއްޖާ ދެއްކި ވިޔާނުދާ ވާހަކަތައް ނިކަން ބަލައިބަލާށެވެ.

"ނުލަފާ ކުއްޖެއް." ހިނގައިދިޔަ ކަންތައްތަކުގެ އަސަރު މަޑުމަޑުން ފިލީމާ އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. އެ ކުއްޖާ ގޭގައި އިނދެގެން މެހެމަލްގެ މޮޔަކަމުގެ މައްޗަށް މަލާމާތް ކޮށްފައި ހޭނެކަން ޔަގީނެވެ. އޭނާއަށް މަލާމާތް ކުރާނެކަން ކަށަވަރެވެ. އޭނާގެ މޮޔަކަން ކުޑައެއްވެސް ނޫންތާއެވެ. އެހެރީ ރަނގަޅަށް މޮޔަ ހެދިފައެވެ.

އޭނާ ބާރަށް ހިނގައިފައި ގޮސް ސިޑިން ފައިބާން ފަށައިފިއެވެ.

"ބޮލަކު އެއްޗެއް ނާޅާ. ވުޟޫއެއް ނުކުރޭ. ނަމާދެއް ނުކުރޭ. މި އުޅެނީ ޤުރްއާން ކިޔަވާށޯ. މީހަކު ހައިރާނެއް ފަހެ ނުވާނެތަ؟" އޭނާ ސިޑިން ފައިބާތަން ފެނުނީމާ ސޯފާގައި އިށީނދެގެން އިން މެހެތާބް އަޑުގައި ނެތް ތަނަށް އަމުނަމުން ގެންދިޔައެވެ. އާޣާ ކަރީމް އެންމެންގެ ކުރިމަތީގައި އޭނާޔާ ދިމާއަށް މިއަދު އެއްޗެކޭ އެ ބުނީ ނުބުނާތާ ދުވަސްކޮޅެއް ކޮށްފައެވެ. މިއަދު އޭނާގެ އަގު ވައްޓައިލީއެވެ. އެއީވެސް މެހެމަލާ ހެދިއެވެ.

މެހެމަލް އެއްވެސް ޖަވާބެއް ނުދީ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

* * *

އެރޭ ވެސް ފަތިހު ތެދުވެގެން އޭނާ ގެއިން ނުކުމެއްޖެއެވެ.

އެ ދުވަހު ކަޅު އަންހެން ކުއްޖާ މާ ކުރިން އައިސް ދިގުގޮނޑީގައި އިށީނދެގެން އެބައިނެވެ. ފެނުމާއެކު މެހެމަލްގެ ހިނގުން އަވަސް ކޮށްލައިފިއެވެ.

ފިޔަވަޅުގެ އަޑު އިވުނީމާ އެ ކުއްޖާ އިސް އުފުލައި ބަލައިލިއެވެ. މެހެމަލް ފެނުމާއެކު އޭނާގެ ލޮލުން އުއްމީދީ ވިދުވަރެއް ފައުޅުވިއެވެ.

މަގު އޮތީ ފަޅަށެވެ. އިރު އަރަން ގާތް ވަނީއެވެ. މެހެމަލް އައިސް އޭނާޔާ ވަރަށް ކައިރިއަށް ހުއްޓިއްޖެއެވެ.

"އަހަންނަށް އެހައި ބޮޑު ޖެއްސުމެއް ކުރާކަށް ލަދެއް ނުގަނޭތަ؟"

އެ ކުއްޖާގެ ނަޒަރު ހުއްޓުނީ މެހެމަލްގެ އަތުގައި އޮތް ފޮތަށެވެ. އެޔާއެކު އޭނާގެ ލޮލުގައި ހުރި ވިދުވަރު ފަނޑު ވެގެން ހިނގައްޖެއެވެ.

"ތިޔަ އައީ މުޞްޙަފް އަނބުރައި ދޭންތަ؟"

"މުޞްޙަފޭ؟" މެހެމަލް ދެލޯ ބޮޑު ކޮށްލިއެވެ.

"އަރަބި ދުނިޔޭގައި ޤުރްއާނަށް ކިޔައި އުޅެނީ މުޞްޙަފް."

"އަހަރެންގެ އަތަށް ޤުރްއާން ދިނީ ފޮނި ވާހަކަތަކެއް ދައްކާފައެއްނު؟ މިއީ ޖެއްސުންކޮށް މަލާމާތް ކުރާ ކަހަލަ ފޮތެއް ނޫނެއްނު؟ މިއީ ކީރިތި ޤުރްއާން."

"އާނ. ތިޔައީ ޤުރްއާން." އުދާހާއެކު ނަމަވެސް އެ ކުއްޖާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"އެކަން އެނގިއްޖެ. އަހަރެން މި އަހަނީ އަހަންނަށް މިކަހަލަ ބޮޑު ޖެއްސުމެއް ކުރާކަށް ލަދެއް ނުގަނޭހޭ. އަހަރެން ވިސްނައިގެން ހުރީއަކީ މި ކަހަލަ ކަމެއް ކުރާނޭ ކަމަކަށް ނޫން. އަހަރެންގެ އަތަށް ތިޔަ ދިނީ މުޤައްދަސް ފޮތެއް."

"މެހެމަލް އުއްމީދު ކޮށްގެން ހުރީ ތިޔަ ފޮތަކީ މުޤައްދަސް ނޫން ފޮތަކަށް ވާނެ ކަމަށްތަ؟"

"އާނ..." އޭނާ އެ ކުއްޖާގެ އުނގުމަތީގައި އެ ފޮތް ބޭއްވިއެވެ. "މިއީ އަހަރެން ބޭނުން އެއްޗެއް ނޫން. އަހަރެންގެ އަތުގައި، ގޭގައި މިހާރުވެސް ޤުރްއާން އެބައޮތް."

"ވާހަކަ ދައްކައިލާން އިށީންނަންވީނު؟"

"ކޮޅަށް ހުންނާކަށް އަހަންނަކަށް އުނދަގުލެއް ނޫން." އޭނާ ހަށަން ބަނދެގެން ކޮޅަށް ހުއްޓެވެ.

"އެހެންތަ؟" އޭނާ އެ ފޮތުގެ ބޭރުގަނޑުގައި ފިރުމައިލިއެވެ. "މެހެމަލް ތިޔަ ބުނަނީ ޤުރްއާން ކިޔަވައިފީމޭތަ؟"

"އާނ. ކުޑައިރު އަހަރެން ޤުރްއާން އެކީގައި ކިޔެވިން. އަހަންނަކީ އުފަން މުސްލިމަކީން." މެހެމަލް ބުނެލިއެވެ. "ޤުރްއާނާ ބެހޭ ގޮތުން ލިބިފައި ތިޔަހަރީއަކީ ރަނގަޅު މައުލޫމާތެއް ނޫން. ޤުރްއާނަކީ ފާލު ފޮތެއް ނޫން. ސިހުރު ފޮތެއް ނޫން. އަހަރެމެން ދެމީހުންގެ ވާހަކައެއް އެ ފޮތަކު ނުހުންނާނެ. އެހެން ބުނަން ބިރު ގަންނަންވެސް ވާނެ."

"އެހެންތަ؟" އޭނާ އަނެއްކާވެސް ހިނިތުންވެލިއެވެ. "އިށީނދޭ. ޤުރްއާނުގައި ހުރީ ކޮން ވާހަކައެއްކަން ނިކަން އަހަންނަށް ކިޔައިދީބަލަ."

"ޤުރްއާނުގައި ހުންނަނީ ޙުކުމްތައް. ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުގެ ވާހަކަ." އޭނާ އިށީނދެއްޖެއެވެ. "އަދި ގަދީމީ ގައުމުތަކުގެ ވާހަކަވެސް އެބަހުރި. ޢާދުބާގައިގެ މީހުންގެ ވާހަކައާއި ސަމޫދުބާގައިގެ މީހުންގެ ވާހަކައާއި ބަނީ އިސްރާއީލުންގެ..."

"ބަނީ އިސްރާއީލުގެ މާނައަކީ ކޮބާ؟"

"ކީކޭ؟" އޭނާ ކުޑަކޮށް އަޅައިގަންނަ ގޮތް ވިއެވެ. "ބަނީ އިސްރާއީލުގެ މާނައަކީ އިސްރާއީލުގެ ދަރިންނެކޭ ނޫންތަ؟"

"އިސްރާއީލުގެ މާނައަކީ ޢަބްދުﷲ. އީލްގެ މާނައަކީ ﷲ. އިސްރާއީލަކީ ޔަޢުޤޫބުގެފާނުގެ ނަންފުޅު."

"ހާނ... އާނ... ޔަޢުޤޫބުގެފާނުގެ ވާހަކަ ޔޫސުފުގެފާނުގެ ވާހަކަ... މި ހުރިހައި ވާހަކައެއް އަހަރެން ވަނީ ކިޔައިފައި. ހުރިހައި ވާހަކައެއް އަހަންނަށް އެނގޭ. އަހަރެމެންނަށް ހުރީ އެ ވާހަކަތައް ކިޔަވައި ދީފައި. ޔޫސުފުގެފާނާއި ޒުލައިޚާގެ ވާހަކަވެސް..."

"ޔޫސުފުގެފާނާއި ކާކުގެ ވާހަކައޭ؟" އެ ކުއްޖާގެ ލޮލުން ހައިރާންކަން ފައުޅުވިއެވެ.

"ޔޫސުފުގެފާނާއި ޒުލައިޚާގެ ވާހަކަ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.