ދިރިއުޅުމުގެ ރަހަތައް - 4

(26 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މި ސަބަބުތަކާހުރެ ޢަލީ އަކީ، މިހާރު ދައްކަން އެ އުޅޭފަދަ ވާހަކައެއް ގެންގުޅޭ ކުއްޖެއްގެ ގާތު ދައްކަން ޖެހުމުން ނުކެރޭ މީހަކަށް ވެއްޖެއެވެ. ހިތަށްއެރިއެވެ. ފާރިޝާ އަކީ އޭނާ ބަލަހައްޓާ އޭނާގެ ފުރިހަމަ ބާރުގެ ދަށުގައިވާ ކުއްޖެކެވެ. އޭނާއަށް މިހާރު ލިބިފައިވާ ތަޢުލީމާއި އޭނާ މިހާރު ދިރިއުޅޭ ގޮތަށް އުޅުމަކީ ހަމަ ޢަލީގެ ސަބަބުން ފެނިފައިވާ ކަންތައްތަކެވެ. އެހެންވީމާ، ދެކޮޅުހަދާނެ ތަނެއް ނެތެވެ. ޢަލީއަށް ނުކެރެންވީ ސަބަބެއް ވެސް ނެތެވެ. ބުނަންވީއެވެ. ދޭ ޖަވާބެއް އެނގޭނީވެސް އޭރުންތާއެވެ.

"އަހަރެން ބުނާ އެއްޗަކަށް ޖަވާބު ދޭންވާނީ ވަރަށް ބޮޑަށް ވިސްނައިފަ"

އިރުކޮޅެއްކޮށްލާފައި އަނެއްކާވެސް ބުންޏެވެ.

"އަހަރެން ބޭނުމީ ފާރިޝާއާ އިންނަން"

ފާރިޝާ ހިތަށް އެރިއެވެ. މިވަނީ ހަމަ ހީކުރިގޮތަށެވެ. ފިރިހެނުންނަކީ ހަމަ މިކަހަލަ ބައެކެވެ. ބައެއް މީހުން ނުކެރޭތީނަމަވެސް އަޚުލާޤު ރަނގަޅުކަމުން ނަމަވެސް، އަބަދު އުނދަގުލެއް ނުކުރެއެވެ. އެހެންނަމަވެސް މަޤުޞަދަކީ ޝިކާރަ ކުރުމެވެ. އުފެދުމުގައި ފިރިހެނުންގައި ވަނީ ކާނާއަށްޓަކައި ޝިކާރަކުރުމުގެ ގޮތެވެ. އެގޮތް އެމީހުންގެ ދިރިއުޅުމުގެ އެހެން ކަންތައްތަކުން އެބަ ފެނެއެވެ. ޝިކާރަކުރުމެވެ. ހިތާމައަކީ އެމީހުން ދޫކުރާ ދުނިތަކުގެ އަމާޒުފަތްގަނޑުތަކަކަށް ވެގެން ޒަޚަމްލިބޭ ބަޔަކީ އަންހެނުންކަމަށް ވާކަމެވެ. ވަޙުޝީ އެދުންތަކުގެ މަޅީގައި މަޢުސޫމް ކުޑަކުދީން ޖެހޭކަމެވެ. ހިތުން ހިތަށް ބުނެލިއެވެ. ތިޔަ ޖަހަނީ މަޅިއެއްނަމަ،ތިޔަ މަޅީގައި ޖެހޭ މީހަކީ މަ ކަމަކަށް ނުވާނެއެވެ. އަންހެނުން އެއީ ބަލިކަށި ޖިންސުކަމަށް ބެލީ އެއީ ހަމަ އެ މީހުންގެ ނަފުސު ފިރިހެނުން ބޭނުންގޮތެއް ހެދުމަށް ދޫކޮށްލާތީއެވެ. ރަނގަޅު އަޚުލާޤާއި ގޮތާއި ފޮތާއި ދެނެގެން އުޅުމުން ބަލިކަށި ޖިންސެއް ނޯންނާނެއެވެ.

"އެއްޗެއް ނުބުނެ ތިޔައިނީ ކީއްވެފައިތަ؟" ޢަލީ އަހައިލިއެވެ.

"ކަމެއް ނުވޭ"

ޢަލީއަށް އައު ހިއްވަރެއް ލިބުނެވެ. ހިތަށްއެރިއެވެ. މީނާއަކީ ވަރަށް ގޮތް ހުރި ހަރުކަށި، ހަރުދަނާ މީހެއްކަމަށް ހީވެފައި އޮތީ މީނާއާ ދިމާ ނުކުރާތީއެވެ. ދިމާކޮށްފިނަމަ، ވަކި ތަފާތު އަންހެނެއް ނެތޭ އެ ބުނަނީ ހަމަ ރަނގަޅަށްތާއެވެ. ޢަލީ ފާރިޝާއާ ދިމާއަށް ބަލަން އިނދެފައި ބުންޏެވެ.

"އަހަރެންގެ ޢުމުރުގެ ބާކީ އޮތް ދުވަސްތައް އެކަނިމާ އެކަނި ހޭދަކުރަން ހުރެދާނެކަމަށް ފާރިޝާއަށް ހީވޭތަ؟"

"ނޫން ހިޔެއް ނުވޭ. އެކަމަކު ގޭގައި ގެންގުޅޭ ކުއްޖަކާ ކާވެނިކުރުމަކީ ގޮތްހުރި މީހުން ކުރާކަހަލަ ކަމެއް ނޫން."

"އަހަންނަށް ޤަދަރާއި އިޙްތިރާމް ދަސްކޮށްދިނުމުގެ ބޭނުމެއް ނެތް. ތިޔަ ހުރިހާ ކަމެއްގެ އަގު ވަނީ ދަސްވެފައި. އަހަރެން އުޅެނީ އަހަރެންގެ އަމިއްލަ ދިރިއުޅުމެއް. މީހުން ހުންގާނު ހިފައިދީގެން ދައްކައިދޭ ދިރިއުޅުމެއް ނޫން."

ދެމީހުންކުރެ އެކަކަވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ތިއްބެވެ. ފާރިޝާއަށް އުނދަގޫވެގެންކަންނޭނެއެވެ. ބުނެލިއެވެ.

"ތިޔަ ސުވާލަށް ވިސްނައިލައިފައި ޖަވާބުދިނުން ކީއްތަ؟"

"އެންމެ ރަނގަޅު."

ޢަލީ މިހެން ބުނެފައި ޖޯޑުގައި ހުރި ސައިފޮދު ބޮއިލިއެވެ. އެލުވައިފައި ހުރި ބޮޑު އުނދޯއްޔާ ދިމާއަށް ހިނގައިގަތެވެ. ފާރިޝާ ތެދުވެގެން ދަމުން އޭނާ ގެނައި ޖޯޑުވެސް ހިފައިގެން ކޮޓަރިން ނިކުތެވެ. ވަރަށް ފަތިސްވަންދެން ފާރިޝާ އޮތީ ފުރޮޅިލަ ފުރޮޅިލައެވެ. އޭނާ ބޭނުމީ އެހާ އަވަހަށް މީހަކާ އިންނާކަށެއް ނޫނެވެ. ކިޔަވާށެވެ. ތަންދޮރު އޮޅުންފިލާ މީހަކަށް ވާށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ މަންމަގެ ޙަޔާތާމެދު ވިސްނައިފައެވެ. ފިރިހެނުންގެ ބާރާއި ނުފޫޒުގެ ދަށުވެފައި، ހަދާނެ އެހެން ގޮތެއް ނެތް ބަލިކަށި މީހަކަށް ނުވާންވެގެންނެވެ.

އަންހެނެއް ނަމަވެސް ސިޔާސީ ކުށެއްގައި ބެދިއްޖެނަމަ، އެކަމުން ލިބެންޖެހޭ އަދަބު ދެވޭތޯ ބަލާހިތްވާ މީހުން ތިބޭ ރާއްޖެއެއްގައި ކުރިހާ އާދޭހާއި ލީހާ ސިޓީއަކުން ޝަރީފާ ދީދީއަށް ވީކަމެއް ނެތެވެ. އޭނާގެ ކުށަކީ ރައީސްކަމަށް ކުރިމަތިލައިފައިވާ އެއް ކެންޑިޑޭޓަކީ، ޙަރާން އެއްޗެހި ކާންދީގެން ބޮޑުކޮށްފައި ހުރި މީހެކޭ، އޭނާ ވައްކަން ނުކޮށެއް ނުހުންނާނެއޭ ބުނުމެވެ. 10 އަހަރަށް އޭނާ އަރުވާލީއެވެ. ޝަރީފާ ދީދީ ގެ ބޭބެ އާއި ބޭބެގެ ދޮށީ ދަރިފުޅު ޖަލުގައި މަރުވީއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އޭނާގެ ޢާއިލާކަމަށް ދުށް މީހުން ރޭވިރޭވުމުގައި، އޭނާ ހުރީ ރަނގަޅަށް ބަނދެވިފައެވެ. ތެދެކެވެ. ކާމިޔާބުވީނަމަ، ވެރިކަން ކުރާނެއެވެ. ނާކާމިޔާބުވުމުން ބާޣީންނަށް ވީއެވެ. ރައްޔިތުންގެ ޙައްޤުގައި ކުރި ހުރިހާ މަސައްކަތް، މުނާފިޤުވަންތަކަމުގެ ބަލިން ހަލާކުވެގެން ދިޔައީއެވެ.

ޝަރީފާ ދީދީ އަރުވައިލި ރަށުން ވެސް އޭނާއަށް ކުރިމަތިވަމުން ދިޔައީ މީހުންގެ ޖެއްސުމާއި އުނދަގުލާއި ދަތިކުރުމުގެ ކަންތައްތަކާއެވެ. މިކަންތައްތައް ކުރަނީ "އަންގަވައިފައި" އޮވެގެންކަމަށް އޭނާއަށް ހަމްދަރުދީވާ މީހަކު ބުނެދިނެވެ. 2 އަހަރެއްވީތަނާ ހަމްދަރުދީގެ އަގުދައްކަން ޖެހިއްޖެއެވެ. އެހެންކަމުން އިބްރާހީމްފުޅާ އިނީއެވެ. ބަލައިލަން ރީތިނަމަވެސް އުޅުމެއް ނެތް، ގޮތެއް ފޮތެއް ނެތް މީހެއްކަން އެނގުނީ އެކުގައި ދިރިއުޅެން ފެށީމައެވެ. މިޒާޖު ނުގުޅޭކަމާއި ކަންނެތްކަން ހުރިވަރު ފެނިފައި ހުއްދަ ހޯދައިގެން މިހަކާ އިންނަން ކުރި މަސައްކަތުގެ އަގުވެސް ނުޖެހުނޭ ހިތަށް އެރިއެވެ. މިކަމުގެ ފޫހިގަނޑު ފެށުމުގެ ތެރޭގައި ހައްޔަރުގައި އިންކަން އެނގި، އިބްރާހިމްފުޅު ދެކެ ވާންފެށި ފޫހި އަދި މާ ބޮޑުވިއެވެ. ނުވިހަނީސް ވަރިވާން ޖެހިއްޖެއެވެ. ވަރިކުރިތާ ހަފުތާއެއް ނުވަނީސް އިބްރާހީމްފުޅު އެހެން މީހަކާ އިންވާހަކަ ޝަރީފާ ދީދީއަށް އިވުނެވެ. ހިތަށްއެރިއެވެ. އަންހެނުންނަށް ހަމަ ސާބަހެވެ. އިންނަ މީހަކީ ކާކުތޯ ބަލައިލައިފައި އިނިއްޔާ ވާނީ ކީއްހެއްޔެވެ؟ ޚުދު އޭނާގެ ކައިވެނީގެ  މަތީން ހިތަށް އަރައިފައި އެތެރެހައްޓަށް ހިނިއައެވެ.

ޝަރީފާ ދީދީ އަކީ ޅެންވެރިއެކެވެ. އޭނާގެ ޙަޔާތުގެ ވާހަކަތައް ލަވަފޮތެއްގެ ސިފައިގައި ލިޔަމުން ގެންދިޔައެވެ. ފުރަތަމަ ލިޔުނު ލަވަފޮތް ސިޔާސީ ވާހަކަތައް ހުރި ލިޔުމެއްގެ ގޮތުގައި އޮފީހަށް ގެންދިޔައީއެވެ. އޭނާގެ އަތުގައި އެފަދަ އެއްޗެއް އޮތްކަން އެނގުނީ އޭނާގެ ފޮށި ކޮންމެވެސް މީހަކު ބަލާތީކަން އެނގުނެވެ.

އެހެންކަމުން އޭނާގެ ކާވެންޏާއި އޭނާގެ ދިރިއުޅުމާއި އޭނާއަށް އަލަށް ލިބޭ ދަރިފުޅާމެދު ކުރި އުންމީދުތައް އޭނާގެ ގަލަމުން ލިޔަމުން ދިޔައީ ލެއިން ކަފުނުގައި ލިޔާނެ ފަދައިންނެވެ ފުން އަސަރުތަކެއް އެކުލެވިފައިވާ ގޮތެއްގައެވެ. މިނިވަންކަމަށް ކުރާ އުންމީދަކީ ކާކާ ބައްދަލުކުރަން ކުރާ، ކޮންރަށަކަށް ދާން ކުރާ އުންމީދުކަމެއް އޭނާއަކަށް ވެސް ނޭނގޭ ކަމަށް ލިޔުނެވެ. އޭނާގެ އޮތްނަމަ އޮތް ޢާއިލާއަކީ އޭނާގެ ބަނޑުގައިވާ ދަރިފުޅެވެ. އެ ދަރިފުޅު ދުނިޔެއަށް އައިސް، ގަދަވެ ސަލާމަތުން ބޮޑުވެއްޖެނަމަ، މިނިވަންކަމުގެ އުފައު ލިބުނީއެވެ. އޭނާގެ ކުޅަދާނަ ޝާޢިރީ ޚިޔާލުތަކުގައި ލިޔެލައިފައި ވެއެވެ. "ދަރިފުޅުގެ ބައްޕައޭ ކިޔައިފައި ދައްކާނެ މީހަކު ނެތެވެ. ޙަޤީޤީ ބައްޕައަކީ ދަރިޔަކު ބައްޕައޭ ކިޔައިފައި ގޮވައިލަން ލާއިޤު މީހެއް ނޫނެވެ. އަނތްބަކު ފިރިއެއްގެ ގޮތުގައި އެކުއުޅެން އެކަށީގެންނުވާކަހަލަ ސިފަތަކެއް ހުރި މީހެއްކަން އެނގުނުއިރު ދަރިފުޅު ވަނީ މަންމަގެ ބަނޑުގައި އަށަގެންފައެވެ. ޤުދުރަތުގެ ރޭވުންތަކާމެދު ހަމަ އަޖައިބުވެ  އަންތަރީސްވާން ޖެހެއެވެ. އެކަމަކު ދަރިފުޅަކީ ޝަކުވާގެ ކުއްޖަކަށް ނުވާނެއެވެ. ވިސްނާށެވެ. މޮޅުމީހަކަށް ވާށެވެ. ދުނިޔޭގެ ބިމުގައިވާ ކަށިތައް ގިނައެވެ. ޒަޚަމްވާވަރަށް އެއިން ކައްޓެއް ހެރުނަ ނުދޭށެވެ. ފިރިހެނުންނަކީ ދިރިއުޅުމުގައި ބައިވެރިއެއްގެ ގޮތުން ގުޅެންޖެހޭ ބައެކެވެ. އެމީހުން ދެކެ ފޫހިނުވާށެވެ. އެހެންނަމަވެސް ކޮންމެ ކޮންމެ މީހަކު ދެކެ ލޯބިނުވާށެވެ. އިންނަންވާނީ ގޮތް ފޮތް ހުރި މީހަކާއެވެ. މިބުނީ ކޮންމެހެން މާމޮޅު މީހަކު ހޯދާށެކޭ ނޫނެވެ. ކިޔަވައިގެން ހުރި މީހަކަށް ނުވިނަމަވެސް އަޚުލާޤު ރަނގަޅު މާތް މީހުން ތިބެއެވެ. ކިޔަވައިގެން ތިބި، ގޮތެއް ފޮތެއް ނެތް ޖާހިލުން ތިބޭ ބީދައިގެންނެވެ. ރަނގަޅު މަޅިއަކަށް ނޫނީ ފައިނުލާށެވެ.

އޭނާގެ ދަރިފުޅު ބޮޑުވާ ދުވަހަކުން އޭނާއަށް ފެންނާނެ ކަމަށް ޝަރީފާ ދީދީ ލިޔުނު ފޮތް އޮތްތަނެއްގައި އޮތީއެވެ. ވިހޭގެތެރޭގައި އޭނާ މިދުނިޔެ ދޫކުރީއެވެ. މިއީ އިންސާނެއްގެ ޙަޔާތުގެ ހިތާމަވެރި ސިލްސިލާއެއް ލިޔަން ޤަޞްދުކުރާ މީހަކަށް ވަރަށް އަސަރުގަދަ ވާހަކައަކަށް ވާނެއެވެ. ބާރާއި ފައިސާއާއި އަރާމުގެތެރެއިން ވަރަށް ނިކަމެތި ޙާލުގައި ބީރައްޓެހި ޖައްވެއްގައި، ލޯބިނުވާ މީހަކާ އިނދެ، ލިބުނު ދަރިފުޅު ލޮލުން ނުދެކި މިދުނިޔެ ދޫކުރީ އަޅާލާނެ މީހަކު ނެތިއެވެ. ޤުދުރަތުގެ އަޖާއިބެއް ފަދަ ރޭވުންތަކުގައި މިވާ ޙިކުމަތްތެރިކަމަކީ، އަހައި ފޫހިނުވާ، ކިޔައި ވަރުބަލިނުވާ ވާހަކަތަކެކެވެ. ކޮންމެ މީހެއްގެ ޙަޔާތަކީ އަނެކުންނަށް ހުރި ޢިބުރތެކެވެ. އޭގައި ފާހަގަކުރެވެނީ، ފައިސާ އާއި އަރާމާއި މޮޅު ދިރިއުޅުންތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ވޭނާއި ކެކުޅުމާއި ހިތާމަތަކުގެ ވާހަކަތައް ވެސް އެއީ ހަމަ ފިލާވަޅުތަކެކެވެ. އުނގެނެންވީ އެންމެ ދަރުސެކެވެ. އަބަދަށް ދިރިނޫޅެވޭނެކަމާއި ރާވާހައި ގޮތަކަށް ކަންތައްތައް ނުދާކަމެވެ.

ޝަރީފާ ދީދީއަށް ލިބުނު ދަރިފުޅު ބެލުމުގެ މައްސަލަ ވީ ރަށުގެ ވެރިންނަށް ވެސް ބޮޑު މައްސަލައަށެވެ. އެ ތުއްތު ކުއްޖާގެ ބައްޕަ ކައިރި ރަށަކުން ދެއަނތްބަން މީހަކާ އިނދެގެން ގޮސް އުޅެނީ އެ ރަށުގައެވެ. ދޮންމަންމަ އެކުއްޖާ ބަލާކަށް އެއްބަހެއް ނުވިއެވެ. އެ ކުއްޖާގެ ބައްޕަ ފަރާތުގެ ބޮޑުދައިތައިން އެކަކު އަނެކަކަށް ފާކޮށްކޮށް ތިބީއެވެ. އެންމެ ފަހުން އޮފީހުން އަންގަވައިގެން އޭގެތެރެއިން ބޮޑުދައިތައަކު އެ ކުޑަކުއްޖާއާ ޙަވާލުވީއެވެ. އިންސާނުން ދުނިޔެއަށް އައުމާއެކު، ގެރިބަކަރިފަދައިން ތެދުވެ ހިނގާބިގާވެ، އަމިއްލައަށް ކާންބޯން ނޫޅޭގޮތަށް ހަމަޖެހިފައިވަނީ، އިންސާނުންނަކީ ޖަނަވާރުން ނޫންވީމައެވެ. ރަޙުމާއި ކުލުނާއި ސިކުނޑިއާއި ބުއްދިއާއި ފިކުރުކުރުމާއި ޢާއިލީ ލޯބިވުން އެހެން މަޚުލާޤުންނަށްވުރެ ފުރިހަމައަށް އިންސާނުންނަށް ދެއްވައިފައިވާތީއެވެ. އެހެންނަމަވެސް ބައެއް ކުދީން ދުނިޔެއަށް އުފަންވުމާއެކު އެއީ އުނދަގުލެއްކަމުގައި ދެކޭ މައިންބަފައިން އެފަދަ ކަމެއް މެދުވެރިވެދާނެ ޢަމަލުތައް ކުރަނީ ކީކޭ ހިތަށް އަރައިގެންބާވައެވެ. ޝައްކެތް ނެތެވެ. ޖާހިލުކަމުންނެވެ. ޖަނަވާރުންނޭ ނުކީނަމަވެސް ބައެއް ކަންތައްތަކުގެ ފެންވަރު ޖަނަވާރުންނާ އެއްވަރުވީމައެވެ.

ޝަރީފާ ދީދީ ގެ ދަރިފުޅުގެ ނަސީބު ކިތަންމެހައިވެސް ރަނގަޅެވެ. މީހުންގެ ހަމްދަރުދީގެ ސަބަބުން އޭނާއަށް އެކި މީހުން ދޭ ކާއެއްޗިހިން ރަނގަޅު ޞިއްޙަތެއްގައި ބޮޑުވަމުން އައެވެ. ކިޔެވުމަށް ޝައުޤުވެރިވެއެވެ. ފަސްއަހަރުވިއިރު ތާނައަކުރާއި ޢަރަބިއަކުރު ލިޔެއުޅެއެވެ. ކިޔަވައިދޭ ގޭގެއަށް ގޮސް ކުދީންނަށް ކިޔަވައިދޭތަން ބަލަން ހުރެއެވެ. އަޑުދަށުން ކިޔަވައިހަދައެވެ. ޢުމުރުން ހަތްއަހަރަށް އަޅައިގެންއިރު، ތާނައިން ލިޔެފައި ހުންނަ އެއްޗިހި ކޮށަކޮށައިގެން ކިޔައެވެ. އޭނާގެ މިޒާޖަކީ ޙައިރާންވާކަހަލަ ރަނގަޅު މިޒާޖެކެވެ. ވިޔާނުދާ ވާހަކަ ދެއްކުމާއި ނުދޭ އެއްޗެއްގައި އަތްލުމާއި ނުރުހޭ މީހުންގެ ގޭގެއަށް ވަނުމަކީ އޭނާ ކުރާ ކަންތައްތަކެއް ނޫނެވެ. އޭނާގެ އުޅުމުގައި ހުންނަ ރީތި ގޮތާއި ވާހަކަދެއްކުމުގައި ހުންނަ މާތްގޮތާއި ބޮޑެތި  މީހުންނަށް ކިޔަމަންތެރިވުމުގައި ހުންނަ މަޑުމައިތިރި ގޮތް އެއީ އޭނާގެ ޢުމުރަށް ނުފެތޭ، އޭނާގެ މަންމަގެ ލެއިން ވާރުތަވީ ކަންތައްތަކެވެ. އެކަންތައްތަކުގެ ސަބަބުން މީހުންގެ ލޯތްބާއި އަޅާލުމާއި ކުލުނު އޭނާގެ މައްޗަށް އިތުރުވަމުން ދިޔައެވެ.

މި ދުނިޔެ މިއީ ތަމްސީލްކުޅޭ މީހުންގެ އިސްޓޭޖެކޭ ބުނާއަޑު އިވެއެވެ. އެކަމަކު މިފަދަ ކަންތައްތަކަކީ ހަމަ ޤުދުރަތުގެ އަޖާއިބުތަކުގެ ތެރޭގައި އޭގެ ސަބަބު ފޮރުވިފައިވާ ކަންތައްތަކެވެ. ވަށައިގެން ޚާދިމުންނާއި ކުޅޭ އެއްޗިއްސާއި މީރު ކާނާ އާއި މައިންބަފައިންގެ ލޯބި ލިބިގެން ބޮޑުވާ ކުއްޖާގެ އަޚުލާޤެއް ނެތިފައި އެންމެންނަށް އުނދަގުލަކަށްވެ، އަޅައިލުން ނުލިބޭ ކުއްޖާ ރަނގަޅު ކުއްޖަކަށް ވުން އެއީ ފަހެ އަޖައިބެއް ނޫންހެއްޔެވެ؟

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.