ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހީންގެ ތެރެއިން އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ.
މީގެ ކުރިން އިތުރު ދިވެއްސަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ރަނގަޅުވި ކަމަށް އެޗުޕީއޭއިން ނިންމަވަނީ ބަލީގެ ހުރިހާ އަލާމާތްތަކެއް ފިލައި ޓެސްޓުގެ ނަތީޖާ ހެދުމަށްފަހު ޑަބަލް ނެގެޓިވް ވުމުންނެވެ. އެހެންނަމަވެސް ޑަބަލް ނެގެޓިވް ވުމަށްފަހު ދޫކޮށްލުމުގެ ކުރިން އިތުރު 14 ދުވަހު ކަރަންޓީނުގައި ބަހައްޓައެވެ.
އެމީހާއަށް ރަނގަޅުވުމުން ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 16 މީހުންނަށް ވަނީ ޝިފާ ލިބިފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވް ވި 20 މީހުންގެ ތެރެއިން ބަލި ރަނގަޅުވެފައިވަނީ 13 ބިދޭސީއަކާއި 3 ދިވެހީންނެވެ. އަދި ވެސް އިތުރު ދެ ދިވެހީން ގެންދަނީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ ރާއްޖެއަށް މިބަލި ފެތުރުނަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެންމެވެސް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ހަވީރު ސަޔަށް އެންމެން އެތަންވުން ފަދަ ކަންކަން މިހާރުން މިހާރަށް ވެސް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގައި ދުރުކުރުމާއި މީހުން އެއްވާ ތަންތަނަށް ދިއުން ފަދަ ކަންކަމުން ދުރުހެލިވެ އައު ވައްޓަފާޅިއަކަށް އުޅެން ދިވެހިން މިފުރުސަތުގައި ދަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.