ރޯދަވެރިޔާ ރޯދައަށް ހުންނައިރު އޭނާ އެކަމެއް ކުރުމުން ރޯދައަށް އަސަރެއް ނުކުރާ، ދީނުގައި ހުއްދަ ކޮންމެ ކަމެއް ކުރުން އޭނާއަށް ހުއްދައެވެ. މީގެ ތެރެއިން ބައެއް ކަންތަކަށް ބަލައިލާނަމެވެ.
ރޯދައަށް ހުންނައިރު ހޫނުގަދަވުމުގެ ސަބަބުން ވަރުބަލިވާނަމަ، ހަށިގަނޑު ފިނިކުރުމަށްޓަކައި ބޮލަށް ނުވަތަ މުޅި ހަށިގަނޑަށް ފެންއެޅުމަކީ ހުއްދަ ކަމެކެވެ. ކީރިތި ރަސޫލު صلى الله عليه وسلم މިފަދައިން ޢަމަލުކުރެއްވިކަން ޙަދީޘުތަކުން އެނގެއެވެ.
ރޭގަނޑު ޖުނުބުވެރިވެފައި ހުރި މީހާ، ފަތިސްވުމުން ޖުނުބުން ހިނައިގަތަސް އޭނާގެ ރޯދައަކަށް އަސަރެއް ނުކުރާނެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. أن النبي (صلى الله عليه وسلم) كان يصبح جنبًا في رمضان من جماع غير احتلام ثم يصوم (ރަސޫލުﷲ صلى الله عليه وسلم ރަމަޟާންމަހުގައި އެއްދާން ކުރެއްވުމަށް ފަހު ފަތިސްވަންދެން ޖުނުބުވެރި ޙާލުގައި ހުންނަވާފައި ރޯދަހިއްޕަވައެވެ.) މީގެ މުރާދަކީ އެކަލޭގެފާނު ޖުނުބުވެރި ޙާލުގައި ހުންނަވައިގެން ރޯދަހިއްޕެވުމަށް ފަހު، ފަތިސްވުމުން ނާނޭފުޅުފިއްލަވައިގެން ފަތިސްނަމާދުކުރައްވައެވެ. އެހެނީ، އެކަލޭގެފާނު ފަތިސް ނަމާދު ނުކުރައްވައި އިރުއަރަންދެން ހުންނެވުމަކީ މުސްތަޙީލު ކަމެކެވެ.
އަނގައިތެރޭގައި ގިނަވާ ކުޅު ދިރުވުމާއި، މަގުމަތިން އަރާހިރަފުހާއި، ފުށްފަދަތަކެތި ގެންގުޅެ ހެދުމުން އެއިން އަރާ ކުނޑި ފަދަ ތަކެތި އެތެރެހައްޓަށް ދިއުމާއި، މީރުވަސް ދުވާ އެއްޗެތީގެ ވަސް އެތެރެއަށް ދިއުމާއި މިއިން އެއްވެސް ކަމަކުން ރޯދަވެރިޔާގެ ރޯދައަށް އަސަރެއް ނުކުރާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަމީހުން ރޯދައަށް ތިބެ ގިނަގިނައިން ކުޅުޖަހާތަން ފެނެއެވެ. މިއީ ރަމަޟާންމަހުގެ ތެރޭގައި ޢާއްމުކޮށް ފެންނަ ކަމެކެވެ. މިކަން މިކުރަނީ ރޯދަ ގެއްލިދާނެތީ ކުޅު ނުދިރުވަން ކަމަށްވެސް ވެދާނެއެވެ. ހަމަ އެހެން ދުވަސްތަކެކޭ އެއްފަދައިން އާދައިގެ މަތިން ކުޅު ދިރުވުމަކުން ރޯދައަކަށް އަސަރެއް ނުކުރާނެއެވެ.
އެދުންވެރިކަމުގެ މައްޗަށް އަމިއްލަ ނުފުސު ކޮންޓްރޯލުކުރެވޭ މީހަކު ނަމަ ރޯދައަށް ހުރެ ތިމާގެ އަނބިމީހާއަށް ބޮސްދިނުން ފަދަ ކަމެއް ކުރުމަކީ ހުއްދަ ކަމެކެވެ. މިކަމުގެ ސަބަބުން އޭނާގެ ރޯދައަކަށް އަސަރެއް ނުކުރާނެއެވެ. ނަމަވެސް އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވޭ މީހާއަށް މިކަން ހުއްދަ ނުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަބޫދާވޫދާއި އަލްބައިހަޤީ ރިވާކުރައްވާފައި ވެއެވެ. أن رجلاً سأل النبي (صلى الله عليه وسلم) عن المباشرة للصائم فرخص له، وأتاه آخر فسأله فنهاه، فإذا الذي رخَّص له شيخ، والذي نهاه شاب (މީހަކު ރަސޫލުﷲ صلى الله عليه وسلم ގެ އަރިއަހަށް އައިސް ރޯދަވެރިޔާ އަނބިމީހާއާއި ގައިގޯޅިވެ އުޅުމާއި ބެހޭގޮތުން ސުވާލު ދެންނެވި ހިނދު އިތުރު އެކަލޭފާނު އޭނާއަށް ހުއްދަ ދެއްވިއެވެ. އަދި އެހެން މީހަކު އައިސް ދެންނެވުމުން އޭނާއަށް މަނާކުރެއްވިއެވެ. ހުއްދަ ދެއްވި މީހާއަކީ މުސްކުޅިއެކެވެ. އަދި މަނާކުރެއްވި މީހާއަކީ ޒުވާނެކެވެ.)
އެތެރެހައްޓަށް ނުދާ ގޮތަށް ނޭފަތަށް ފެންލުމާއި އަނގައަށް ފެންލުންވެސް ރޯދަވެރިޔާއަށް ހުއްދަކަމުގައި ގިނަ އިލްމުވެރިން ވިދާޅުވެއެވެ.
Article as nugulheykahala foto eh laafa huryma v hithaamakuran..