އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް އީސީއަށް ބަލައިގެންފި

އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާހަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސްކޮމިޝަން (އީސީ) އިން ބަލައިގެންފައިވާ ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެޕްޕޭންސް ތަރުޖަމާނު އަފްޝަލް ލަތީފް ވިދާޅުވީ އެޕާޓީން މިހާރު ގެންދަވަނީ އިންތިޚާބަށް ވަރަށްބޮޑަށް ތައްޔާރުވަމުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި 982 ގޮނޑިއަށް މީހުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރެއިން އެމްޑީޕީން ވަނީ 877 ގޮނޑިއަށް ކުރިމަތި ލައްވައިފައެވެ. މި އިންތިޚާބުގައި އެއްވެސް ޕާޓީއަކާ ކޯލިޝަނެއް ނުހައްދަވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ކޯލިޝަން ނުހެއްދެވިޔަސް މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ

އެމްޑީޕީން ގެންދަވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީން ވަނީ އެ އިންތިޚާބުގައި ޕާޓީގެ ޓިކެޓު ދޭނެ މީހުން ކަނޑައެޅުމަށް ޕްރައިމަރީވެސް ބާއްވައިފައެވެ. އަފްޝަން ވިދާޅުވީ މިވަގުތަށް ބަލާއިރު 442 ކެންޑިޑޭޓުން ވަނީ ކަށަވަރުވެފައި ކަމަށެވެ. އެ ކެންޑިޑޭޓުންނަކީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނެވެ. އަފްޝަން ވިދާޅުވީ އެ ބޭފުޅުންގެ އިތުރުން ވެސް އެހެން ބަޔަކަށް އެމްޑީޕީގެ ޓިކެޓު ލިބިމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެހެންނަމަވެސް ޓިކެޓު ލިބޭނީ ސީދާ އެމްޑީޕީގެ މެމްބަރުންނަށެވެ. އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހު 24 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.