ލަންޑަނުގެ އެންމެ ބޮޑު މިސްކިތުގެ މުދިމަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ސެންޓްރަލް މޮސްކްގައި ހަމަލާދިން މީހާ ހިފަހައްޓާފައި

ލަންޑަނުގެ ރީޖެންޓް ޕާކް ސަރަހައްދުގައި ހުންނަ 'ސެންޓްރަލް މޮސްކް' މިސްކިތުގައި މީހަކަށް ވަޅިން ހަމަލާ ދީފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިއަދު އަސުރު ވަގުތު، 3:10 ގައި (ރާއްޖޭ ގަޑިން މިރޭ 8:10) ގައި އެ މިސްކިތަށް ވަން މީހަކު ވަޅިން ހަމަލާ ދީފައި ވަނީ އެ މިސްކިތުގެ މުދިމަށެވެ. އަދި ވަޅި ހަރާފައި ވަނީ ކަރަށް ކަމަށް ވެއެވެ. ހަމަލާގައި ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެންދެވިފައިވާ އިރު އޭނާގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

"މިއަދު އަސްރު ވަގުތު ރީޖެންޓްސް ޕާކް މިސްކިތަށް ވަދެގަތް މީހަކު ވަނީ މިސްކިތުގެ މުއައްޒިނު (ބަންގިގޮވާ މީހާ) ގެ ކަަރަށް ވަޅި ހަރާފައި." "މުސްލިމުންގެ އެއްވެސް މީހަކަށް އެމީހުން އަޅުކަންކުރާ ތަނުގައި ރައްކާތެރިކަމެެއް ނެތް." މަންޒަރު ދުށް މީހަކު ޓުވީޓުކޮށްފައި ވެއެވެ.

ލަންޑަން މެޓްރޮޕޮލިޓަސް ޕޮލިސް ބުނި ގޮތުގައި ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކުރެވިފައެވެ.

"20 ފެބްރުއަރީ، ބުރާސްފަތި ދުވަހުގެ 15:10 ގައި ޕާކް ރޯޑް އެންޑަބްލިޔު8 ގައި ހުރި މިސްކިތުުގައި ވަޅިހަރައިގެން އުޅޭ ކަމުގެ ޚަބަރު ލިބިގެން، ފުލުހުން އެތަނަށް ގެންދެވުނު." މެޓްރޮޕޮލިޓަން ޕޮލިސްގެ ބަޔާނުގައި ވެއެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ބައެއް ވީޑިޔޯތަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާއަށް ފަހު ހައްޔަރުކޮށްފައިވަނީ، ރަތް ޖެކެޓެއްލައިގެން ހުރި ދޮން މީހެކެވެ. އޭނާ ހިފެހެއްޓީ މިސްކިތަށް ނަމާދަށް ގޮސް ތިބި މީހުންނެވެ.

ލަންޑަނުގައި ދެވުނު މިހަމަލާ އައިސްފައި މިވަނީ ރޭގެ ވަގުތެއްގައި ޖަރުމަނުގެ ދެ ބާއަކަށް ދެވުނު ހަމަލާގައި 9 މީހަކު މަރާލާފައި ވަނިކޮށެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން 5 މީހުންނަކީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. އަދި ބިދޭސީން ނައްތާލަން ޖެހޭކަމަށް ބުނާ ލިޔުމެއް ހަމަލާ ދިން މީހާގެ ތަކެތީގެ ތެރެއިން ވަނީ ފެނިފައެވެ.

ރީޖެންޓް ޕާކުގައި ހުންނަ ސެންޓްރަލް މޮސްކްއަކީ ލަންޑަނުގެ އެންމެ ބޮޑު މިސްކިތެެވެ. 1977 ވަނަ އަހަރު ބިނާކުރެވުނު އެ މިސްކިތުުގައި އެއްފަހަރާ 5 ހާސް މީހުންނަށް ނަމާދުކުރެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.