ތަރައްގީގެ ވިސްނުން އުފެއްދޭނީ ދަރީންނަށް ޒަމާނީ ތަޢުލީމު އުނގަންނައިދީގެން: ރައީސް

އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާއި ތަރައްޤީއާ އެއް ހަމައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބެހެއްޓޭނީ، ޢާއްމު ރައްޔިތުންގެ ކިބައިގައި ތަރައްޤީގެ ވިސްނުން އުފެދިގެން ކަމަށާއ އެކަން ޙާޞިލުކުރެވޭނީ، ދަރިންނަށް ޒަމާނީ ތަޢުލީމް އުނގަންނައިދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދ. ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުމުގެ އިހުތިފާލުގައި ބައިވެރިވެވަޑައިގެން މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދުނިޔެ އަންނަނީ ހުރިހާ ދާއިރާތަކަކުންވެސް، ވަރަށް ބޮޑަށް ކުރިއަރައި ބަދަލުވަމުން ކަމަށެވެ. " އެހެންވީމާ، މިއަދު އަޅުގަނޑުމެން ދަރިންނަށް ދޭންޖެހެނީ މިޒަމާނުގެ ތަޢުލީމް. މިޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަންވެސް ކުރިއަރަމުން އަންނަނީ، ތަޢުލީމީ ފަލްސަފާގެ ތެރެއިން. މިޒަމާނުގައި ޢިލްމާ ނުލައި ކުރާ އެއް ކަމެއްވެސް ނެތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވަޑާމާއި، އޮޑިދޯނިފަހަރު ބަނުމާއި، ޢިމާރާތް ކުރުންފަދަ މަސައްކަތްތަކަކީ މިހާރުގެ ޢިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްޤީކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. މިޒަމާނަކީ ވަކި ވަރަކަށް ކިޔެވުމަށްފަހު މަސައްކަތަށް ފޮނުވާ ޒަމާން ނޫންކަމަށް ވެސް ވިދާޅުވިއެވެ. މިޒަމާނަކީ އެއްވެސް މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.

"މިޒަމާނުގެ ތަޢުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއް. ސްކޫލް މަރުޙަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން. ވަށައިޖެހޭ ތަޢުލީމެއްގެ މައިގަނޑު އަސާސަކީވެސް އެއީ،" ރައީސް ވިދާޅުވިއެވެ. ދަރިވަރުންގެ ހުނަރު އެންމެބޮޑަށް ދެނެގަނެވޭނީ މައިންބަފައިންނަށް ކަމަށާއި ކިޔަވައިދިނުމުގައި އެކަންކަމަށް މައިންބަފައިން ސަމާލުވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރިނބުދޫ ސްކޫލް ދަރިވަރުންވެސް ސްކޫލް މަރުޙަލާ ނިންމުމަށްފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ޙާޞިލުކޮށް، ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވާނެ ޒުވާނަކަށް ކޮންމެ ދަރިވަރަކުވުމަށް އަޒުމް ކަނޑައެޅުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިނބުދުއަކީ މުޅި ރާއްޖެއަށް ވެސް ތިލޭރުކަމުގައި ނަންމަޝްހޫރު ރަށެއް ކަމަށެވެ. އެއިން ދައްކުވައިދެނީ އެރަށަކީ މިހާރުވެސް ވަރަށް ހުނަރުވެރި އަދި ވަރަށް ފަންނުވެރި މަސައްކަތްތެރި ބަޔަކަށް ނިސްބަތްވާ ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ.  "މިއަދު މިރަށުގައި ހުޅުވިގެންދިޔަ ޘަޤާފީ މަގުގައި ހުރި ކުރެހުންތަކުންވެސް އަޅުގަނޑުމެންނަށް އެކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ. މިރަށު ކައުންސިލާއި މޯލްޑިވިއަން އަރޓިސްޓް ކޮމިއުނިޓީ ގުޅިގެން ކުރި އެ މަސައްކަތުން އަންގައިދެނީ ފަންނާއި ހުނަރުވެރިކަމުގެ އީޖާދީ ވިސްނުން މިރަށުގެ ރައްޔިތުންގެ ކިބައިގައި ވަރަށްބޮޑަށް އެބަހުރިކަން. ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދީ، އެ މަސައްކަތް ދިރުވައި އާލާކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސުނާމީއާ ގުޅިގެން އެ ރަށުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން، ކ. ތުލުސްދުއަށް ބަދަލުވި ކަމަށެވެ. އެކަމާ ގުޅިގެން ސްކޫލްގެ އެތައް ކުދިންނެއް ސްކޫލުން ވަކިވެގެންދިޔަކަމަށާއި، ތަމްރީނުވެގެން ތިއްބެވި މުދައްރިސުންގެ ތެރެއިން އެންމެ މުދައްރިސެއް ފިޔަވައި، ދެން ތިއްބެވި ހުރިހާ މުދައްރިސުން އެއްފަހަރާ ސްކޫލުން ވަކިވި ކަމަށް ވިދާޅުވިއެވެ. އެއީ ސްކޫލެއް، އުވިގެން ހިނގައިދާނެފަދަ ޙާލަތެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެރަށުގެ  ރައްޔިތުންނާއި ރަށުގެ ވެރިން ގުޅިގެން، އެ ސްކޫލް ހުއްޓުނަނުދީ، އަދާހަމައަށް ގެންނެވީ ސާބަހާއި އައްސަރިބަސް ދަންނަވަންޖެހޭފަދަ ގަދަ ހިތްވަރެއް ނެރެގެން ކަމަށް ވެސް ވިދާޅުވިއެވެ.

"ރިނބުދޫ ސްކޫލްގެ ރަސްމީ ޢުމުރަކީ 50 އަހަރު ކަމަށް ބެއްޔަސް، މިރަށުގައި ރަސްމީ ސިފައެއްގައި ކިޔަވައިދެމުން އަންނަތާ ކިތަންމެ އަހަރެއް ވެއްޖެ. ބައެއް ބޭފުޅުން އެ ތާރީޚު ގުޅުވަނީ، ފުރަތަމަ ޖުމްހޫރިއްޔާގެ ދުވަސްވަރު، އޭރުގެ ރައީސް މުޙައްމަދު އަމީންދީދީ، ރާއްޖޭގައި ތަޢުލީމް ފެތުރުއްވުމަށް ކުރެއްވި މަސައްކަތާ،" ރައީސް ވިދާޅުވިއެވެ.

ރިނބުދޫ ސްކޫލް މިއަދު ސަރުކާރުން ހިންގެވިޔަސް ފާއިތުވި 50 އަހަރުގެ ތެރެއިން، އެތައް އަހަރެއް ވަންދެން، ސްކޫލްގެ ހުރިހާ ކަމެއް ރާވައި ހިންގީ، އެ ރަށުގެ ވެރިންނާއި ރައްޔިތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ނަމަވެސް މިއަދު މިއޮތީ ޙާލަތު ބަދަލުވެފައި. ސިޔާސަތުތައްވެސް މިވަނީ ބަދަލުވެފައި. ދަރިންނަށް ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހި، ދައުލަތުގެ ބަޖެޓުގެ އެންމެ މަތީ އިންސައްތައެއް، މިހާރު ޚާއްޞަ ކުރެވިފައި މިވަނީވެސް ދަރިންނަށް ކިޔަވައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ބޭފުޅާއަށް ޒަމާނީ ތައުލީމު ލިބިފަނެތީ މައިންބަފައިންނަށް ތިޔަކަން ނުވިސްނުނީމައެވެ. މިއަދު ބޭފުޅާ ތިޔަވާހަކަ ވިދާޅުވުމަކުން އެމީހުނަށް އެއިން ވާނެ ފައިދާއެއްނެތެވެ. އެކަމަކުވެސް ބޭފުޅާއަކީ ނަސީބުގަދަބޭފުޅެކެވެ. ތިޔަވިދާޅުވި ތައުލީމެއް ނެތިވެސް މިގައުމުގެ އެންމެމަތީ މަގާމު އަމާބުނީތީ ފަރައްދިޔަގޮތަށް ތިޔަގެންދަވަނީ ފުރުއްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.