ޤައުމުގެ މަތީ މަޤާމުތަކަށް އަންހެނުންގެ ބޭނުންތެރިކަން ބޮޑު: ރައީސް

އެމްއެންޔޫގެ ދަސްވެނިވުމުގެ ޖަލްސާގައި ރާއީސް މިރޭ ވާހަކަފުޅު ދައްކަވަނީ: ފޮޓޯތައް ރައީސް އޮފީސް

ރާއްޖޭގެ ސިޔާސީ މަސްރަޙަށާއި މަތީ މަޤާމުތަކަށް، ދިވެހި އަންހެނުންގެ ބޭނުންތެރިކަން ބޮޑު ކަމަށް ރައީސުލްޖުމްހުރީއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"ތަޢުލީމީ މައިދާނުގައި ކުރިއަރައިގެންދާ ހަލުވިމިނުގައި، ޙަޔާތުގެ އެހެން މައިދާނުގައި ވެސް ކުރިއަރައި ދިޔުމަށް، ތިޔަ ޒުވާން އަންހެނުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. މިރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ޤައުމުގެ މަތީ މަޤާމުތަކަށް، ތިޔަ ފަދަ ދިވެހި އަންހެނުންގެ ބޭނުންތެރިކަން ބޮޑު،" އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ދަސްވެނިވާ ދަސްވެނީންގެ 78.2 އިންސައްތައަކީ، އަންހެނުންކަމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ވެސް، ޔުނިވަރސިޓީއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ދަސްވެނީންނާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ ޤައުމު މިއަދުއޮތް ޙާލަތާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަމެއް ކޮށްދެއްވުމަށެވެ.

އިންސާނާގެ ޝަޚްޞިއްޔަތު ބިނާވެގެން އަންނަނީ، ލިބިހުރި ޢިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި ކަމަށާއި، މިރޭ ދަސްވެނިވުނު ކޮންމެ ދަރިވަރަކު ވެސް، މިރެއިން ފެށިގެން ޢަޒުމް ކަނޑައަޅަންވީ، އެދަރިވަރަކު ޙާސިލްކުރި ޢިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.