އެއްވެސް މީހަކާ ދޭތެރޭގައި، ޤާނޫނާއި ޝަރީޢަތުން ބޭރުން ފިޔަވަޅެއް ނާޅުއްވާނެ ކަމުގައި ރައީސް ޔާމީނު ވިދާޅުވެއްޖެ

ރައީސް ޔާމީނުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގައި ހަމަގައިމުވެސް އެއްވެސް މީހަކާ ދޭތެރޭގައި، ޤާނޫނާއި ޝަރީޢަތުން ބޭރުން ފިޔަވަޅެއް ނާޅުއްވާނެ ކަމުގައި މ. ނާލާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"އެކަމަކު އެހެން ބުނެވެން އެބައޮތްތޯ އެހެން ސަރުކާރުތަކާ ބެހޭގޮތުން. އަދި ޚާއްޞަކޮށް އަޅުގަނޑުމެންނާ އެންމެފަހުން ވަކިވެގެންދިޔަ އަޅުގަނޑުމެންގެ އިދިކޮޅު ފިކުރުގެ ސަރުކާރާ ދޭތެރޭގައި މިހެން ބުނެވޭކަށް ނެތެއްނޫންތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި ވެފައިއޮންނަ ކަންތައްތަކުން ފިލާވަޅު ނެގުމަކީ އަޅުގަނޑުމެންނަށް ސުންނަތެއްގެ ގޮތުގައި އޮންނަކަމެއްކަމަށާއި ވެފައި ހުންނަ ކަންތައްތަކުން ފިލާވަޅުނަގައި ތަކުރާރުވިޔަނުދިނުމަށް ވެސް އެދިވަޑައިގަތެވެ.

"އަޖުމަ ބެލިފައި ހުންނަ ކަންކަން އަޅުގަނޑުމެންނަށް އަޖުމަ ބެލިފައި އެހެރީ. އިތުރަކަށް އަޖުމަ ބަލާކަށް ނުޖެހޭ. އެއީ ފިކުރަކަށް، ވިސްނުމަކަށް، ދާ މިސްރާބަކަށް، އޭގެ ބަދަލެއް ނާންނާނެތީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޤާނޫނާއި ޤަވަޢިދުން ބޭރުން ރައީސް ޔާމީނާއި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމާއި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ފަދަ ބޭބޭފުޅުން ހައްޔަރުކޮށް ޖަލަށްލާފައިވެއެވެ.

ރައީސް ޔާމީންގެ ޒަޢާމަތަށް ތިން އަހަރު ފުރިގެން ދިޔައިރު ސިޔާސީ ބައެއް ފަރާތްތައް ބަންދުކޮށް ޝަރީޢަތް ހިންގައި ޙުކުމް ކުރެވިފައިވިޔަސް އެ ހުރިހާ ބޭފުޅުންނަށް ޙުކުމް ކުރެވިފައި ވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށެވެ.

ނާލާފުށީގެ ގިރާ ސަރަހައްދުގައި 510 މީޓަރު ދިގުމިނަށް ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ، އެސަރަހައްދުވަނީ ހިމާޔަތްކޮށްފައެވެ. އެ މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން ވަނީ 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

ނާލާފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރައީސް ޔާމީން އިފްތިތާޙްކޮށްދެއްވީ ހޯމަދުވަހު ހަވީރު ނާލާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.