ނޮވެމްބަރުމަހު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އިހްމާލުވުމާއި ޖިސްމާނީ އަދި ޖިންސީ ހާނިކައިގެ މައްސަލަތައްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ނޮވެމްބަރ މަހު ޖެންޑަރ މިނިސްޓްރީ އަށް ރިޕޯރޓްކޮށް އެޓެންޑްކޮށްފައި ވަނީ 174 މައްސަލައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރެވޭ ތަފާތު ބާވަތްތަކުގެ އަނިޔާގެ 75 މައްސަލަ ހިމެނެއެވެ. ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާގެ މައްސަލަ ތަކުގެ ތެރޭގައި އިހްމާލުވުމުގެ 23 މައްސަލައެއް ހުށަހެޅިފައިވެއެވެ. ޖިސްމާނީ ހާނިކައިގެ 21 މައްސަލައަކާއި ޖިންސީ ހާނިކައިގެ 20 މައްސަލައެއް ވެސް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން ހުށަހެޅިފައިވަނީ ނަފަސާނީ ހާނިކައިގެ ގޮތުގައި ފަސް މައްސަލައަކާއި އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ދެ މައްސައާއި ގެވެށިއަނިޔާތައް ކުދިންނަށް ދެއްކުމުގެ 2 މައްސަލައެވެ. އަދި ނަހަމަގޮތުގައި ކުޖަކު ބޭނުންކުރި މައްސަލައަކާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ކުއްޖަކު ބައިވެރި ކުރުމުގެ މައްސަލައެއް ވެސް ހިމެނެއެވެ. މިދިޔަ މަހު ހުށަހެޅުނު ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ މައްސަލަ ތަކުގެ ތެރޭގައި އެންމެ ގިނައީ އަންހެންކުދިންގެ ކުރެވުނު އަނިޔާގެ މައްސަލަތަކެވެ. އޭގެތެރޭގައި އަންހެންކުދިންގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު ފިރިހެންކުދިންގެ 31 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމުގެ 9 މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވެއެވެ. އޭގެތެރޭގައި ތަޢްލީމަށް ހުރަސް އެޅުމުގެ 4 މައްސަލައާއި ވެކްސިން ނުދިނުމުގެ ދެމައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައަކާއި އުފަންވުން ރަޖިސްޓްރީ ނުކުރުމުގެ މައްސަލައަކާއި އައިޑީކާރޑް ޕާސްޕޯރޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ނުހެއްދުމުގެ މައްސަލައެއްވެސް ހުށަހެޅިފައިވެއެވެ. ޙައްޤުތަކުން މަޙްރޫމްކޮށްފައިވަނީ ގިނައިން ފިރިހެން ކުދިންނެވެ. އޭގެތެރޭގައި ހިމެނެނީ ހަތް ފިރިހެން ކުދިންނާއި 2 އަންހެންކުދިންނެވެ.
ޢާއިލީ 30 މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވާއިރު އޭގެތޭރަގައި ހިމެނެނީ ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުވުމުގެ 16 މައްސަލައާއި ކުދިން ބެލުމުގައި ޖެހުނު 10 މައްސަލައަކާއި ޚަރަދު ދިނުމުގެ ހަތަރު މައްސަލައެކެވެ.
ކުޑަކުދިންގެ ކުށްކުރުމުގެ ދެ މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވާއިރު އަޚްލާޤީ 10 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަޙްލާޤީ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ހަތަރު މައްސަލައަކާއި އެހެން ކުދިންނަށް ގަނާ ކުރުމުގެ ދެ މައްސަލައާއި ސްކޫލަށް ދާން އިންކާރުކުރުމުގެ މައްސަލައެއްވެސް ހިމެނެއެވެ.