މަސްތުގެ ޙާލުގައި ހުރެ، ޢުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި މީހަކު އާންމުންގެ ބަޔަކު ނުކުމެ ފުލުހުންނާ ޙަވާލުކޮށްފި

މަސްތުގެ ޙާލުގައި ހުރެ ޢުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި މީހަކު، އާންމުން ބަޔަކު ނުކުމެ ހޯދައި، ފުލުހުންނާ ޙަވާލުކޮށްފި އެވެ. މިމީހާ އަތުލައިގެންފައިވަނީ ވިލިމާލޭގެ ރައްޔިތުންތަކެއް ކަމަށް ސޯޝަލް މީޑިއާގައި ދަނީ ޚަބަރު ފެތުރެމުންނެވެ. އަދި އާންމުން އެމީހާ އަތުލައިގަތުމަށްފަހު ނަގައިފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

ލ. އަތޮޅަށް ނިސްބަތްވާކަމަށް ބުނާ މިމީހާ، އާންމުން ނުކުމެ ހޯދައި ފުލުހުންނާޙަވާލުކޮށްފައި މިވަނީ އޭނާގެ ފަރިފުޅު އެވާހަކަތައް ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކުއެވެ. އެ އޯޑިއޯގައި އެކުއްޖާ ވަނީ ވަރަށް ތަފްޞީލްކޮށް އެވާހަކަތައް ކިޔައިދީފައެވެ. ނަމަވެސް އަންހެން ކުއްޖާ އެވާހަކަތައް ރޮމުން ކިޔައިދީފައި ވަނީ އަންހެނަކު ސުވާލުކުރަމުންނެވެ. އަންހެންކުއްޖާ ކިޔައިދީފައިވާ ގޮތުގައި އޭނާއަށް ބައްޕަ ޖިންސީ ގޯނާ ކޮށްފައިވަނީ އާއިލާގެ އެންމެ މަރާލާނެކަމަށް ބުނެ ބިރުދައްކައިގެންނެވެ. އަދި ޖިންސީ ގޯނާ ކުރިފަހުން ކުއްޖާއަށް ޞިއްޙީގޮތުން ދިމާވި ބައެއް އުދަނގޫތައް ވެސް ވަނީ ކިޔައިދީފައެވެ.

ކުއްޖާ ކިޔައިދީފައިވާ ގޮތެއްގައި ތަކުރާރުކޮށް ބައްޕަ އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވެއެވެ. ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާގެ ދައްތައެއްގެ ގޭގައި ހުއްޓާކަމަށް ދައްކާ ވާހަކައިން އެނގެއެވެ. އަދި ޖިންސީ ގޯނާކޮށްފައިވަނީ މަސްތުގެ ޙާލުގައި ހުރެގެން ކަންވެސް އެކުއްޖާގެ ވާހަކައިން އެނގެއެވެ. ސުވާލުކުރިމީހާ ކޮންމެ ތަނެއްގައިވެސް އެވާހަކަ ކިޔައިދޭނަންތޯ ކުއްޖާއާ ސުވާލުކުރުމުން ކުއްޖާ ބުނެފައިވަނީ ކިޔައިދޭނެ ކަމަށެވެ. އަދި ބައްޕަ ޖަލަށް ލިޔަސް ރަނގަޅުތޯ އެހުމުން ބުނެފައި ވަނީ ރަނގަޅީވެސް ޖަލަށް ލުމުން ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އާއިލާގެ މީހުން މަރާލާނަމޭ ބުނެފައި ވުމާއި އެކުއްޖާއާ ބެހުމެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި މަސްތުގެ ޙާލުގައި ހުރެ، ޢުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރީ ޢަބްދުﷲ ނަޝީދު ކިޔާ ލ. އަތޮޅު އިސްދޫ މީހެކެވެ. މީމީހާ އަތުލައި ގަތުމުގައި އާންމުންގެ ފަރާތުން ލިބުނު އަނިޔާއާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެވިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ޚަބަރު ފެތުރެމުންނެވެ.

މިމައްސަލައާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.