އަހަރު ނިމޭއިރު ފެނަކައިން ވަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީފައި: އެމްޑީ ސަޢީދު

އަހަރު ނިމިގެންދާއިރު ފެނަކައިން ރައްޔިތުންގެ އަސާސީ ހައްގުތައް ޔަގީން ކަމާއެލު ކަށަވަރު ކޮށްދީފައި ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދު ވިދާޅުވީ އަހަރު ނިމިގެންދާއިރު ފެނަކައަށް ހޯދިފައިވަނީ ވަރަށް މުހިންމު ކާމިޔާބީތަކެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުތައް ޔަގީންކަމާއެކު ކަށަވަރު ކޮށްދިނުމުގެ އިތުރުން އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކުންފުނީން އިހުމާލުވެފައިވާ މުވައްޒަފުންގެ ހައްގުތައް ހޯދައިދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ކޮރަޕްޝަނަށް ހުޅުވާލެވިފައިވާ ދޮރުތައް ބަންދުކޮށް ދެފުށްފެނަން ޕްރިކިޔުމެންޓް ޕޮލިސީތައް ތަންފީޒު ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކުންފުނުން މިއަހަރު ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގޮތުން މުޅިން އަލަށް 30 ރަށެއްގައި އިންޖީނުގެތައް އެޅުމުގެ މަސައްކަތް ފަށައިފައެވެ. އެއީ ވެސް އެކުންފުނިން ކަނޑައެޅި ޚާއްސަ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑިއެކެވެ.

"އަހަރު ނިމިގެންދާއިރު އަޅުގަނޑުމެންނަށް ލިބިފައިވާ ކާމިޔާބީއަކީ ރައްޔިތު މީހާގެ އަސާސީ ހައްގުތައް ޔަގީންކަމާއެކު ކަށަވަރު ކޮށްދިނުމާއެކު އިހުމާލުވެފައިވާ މުވައްޒަފުންގެ ހައްގު ހޯދައިދިނުން، ކޮރަޕްޝަނަށް ހުޅުވާފައިވާ ދޮރުތައް ބަންދުކޮށް، ދެފުށްފެންނަ ޕްރޮކިޔުމެންޓް ޕޮލިސީތައް އިންޕްލިމެންޓް ކުރުން،" ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުންޏާ ޙަވާލުވެ ވަޑައިގެން އެންމެބޮޑަށް މަސައްކަތް ކުރެއްވީ ކޮރަޕްޝަން ހުއްޓުވަން ކަމަށެވެ. މުސްތަގުބަލުގައިވެސް މަސައްކަތް ކުރައްވާނީ ކޮރަޕްޝަނުން ސާފު ތަނެއްގެ ގޮތުގައި ކުންފުނި ހިންގައި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ރަނުންރަނަށް އަކުރުން އަކުރަށް އަދާކުރެއްވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.