ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އދ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯއެލާޓު ނެރެފިއެވެ. މޫސުމާ ބެހޭ އޮފީހުން އެ ސަރަހައްދަށް ޔެލޯއެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:45 އިން 8:45 އަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހެމުންދާ ދުވަސްވަރެކެވެ. އަދި ބައެއް ރަށްރަށުގައިދަނީ ފެން ވެސް ބޮޑުވަމުންނެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވަނީ ލާފކުރައްވައިފައެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެންމެހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެތަނުން އެދިވަޑައިގެންނެވިއެވެ.