އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލަކީ ތަފާތުކުރުގެ މައްޗަށް ބިނާވެފައިވާ ބިލެއް: އދ.

ނިއުދިއްލީގައި ރަށްވެހިކަމުގެ ބިލާ ދެކޮޅަށް އިހުތިޖާޖުކުރާ ކިޔަވާކުދިން ފުލުހުންނާ ކުރިމަތިލަނީ

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީ ގެ، ލޯކް ސަބާއާއި، މަތީ ގެ، ރާޖިޔާ ސަބާއިން ފާސްކުރުމަށްފަހު ތަސްދީގުކުރަން ތައްޔާރުވެފައިވާ ރަށްވެހިކަމުގެ ބިލާ ދެކޮޅަށް އދ. އިންވެސް ބަސްބުނެފިއެވެ.

އދ. ގެ އޮފީސް އޮފް ދި ޔުނައިޓެޑް ނޭޝަންސް ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (ޔޫއެން ހިއުމަން ރައިޓްސް އޮފީސް) އިން މިއަދު ބުނެފައި ވަނީ، ރަށްވެހިކަމުގެ ބިލަކީ އޭގެ އަސާސަށް ބަލާއިރުވެސް ތަފާތުކުރުމުގެ މައްޗަށް ބިނާވެފައި އޮތް ބިލެއް ކަމުގައެވެ.

"ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އާ ބިލަކީ އޭގެ އަސާސުގައި ވެސް ތަފާތުކުރުމުގެ ސިފަތައް ހުރި ބިލަކަށް ވާތީ އަހަރުމެން ކަންބޮޑުވޭ. ހައްގުތަކުން މަހުރޫމުކުރެވިފައިވާ ޖަމާއަތްތަކަށް އެހީވުމުގެ މަގްސަދަކީ މަރުހަބާ ކިޔަންޖެހޭ މަގުސަދެއް. އެހެންނަމަވެސް އާ ގާނޫނުން މުސްލިމުންނަށް ހިމާޔަތެއް ދީފައި ނުވޭ." ހިއުމަން ރައިޓްސް އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވެއެވެ.

ޔޫއެން ހިއުމަން ރައިޓްސް އޮފީހުން މިފަދައިން ޓުވީޓުކޮށްފައި ވާއިރު، އެ އޮފީހުން ވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައެވެ.

"ގާނޫނަށް ގެނެވިފައިވާ އިސްލާހު ވެގެންދާނީ އިންޑިޔާގެ ގާނޫނު އަސާސީގައި ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަށް ކަނޑައަޅާފައި އޮތް އޮތުމާއި، އިންޓަނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އާއި، ކޮންވެންޝަން ފޯ ދި އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަންގެ ދަށުން އިންޑިޔާގެ މައްޗަށް ލާޒިމުވާ ކަންކަމާ ފުށުއަރާ އިސްލާހަކަށެވެ. މި ދެ މުއާހަދާއަކީވެސް އިންޑީޔާ އޭގައި ބައިވެރިވެފައިވާ، ނަސްލީ އަދި ދީނީ ތަފާތުކުރުން އޭގެ ދަށުން މަނާކުރާ ދެ މުއާހަދާއެވެ." އެ އޮފީހުގެ ބަޔާނުގައި ވެއެވެ.

މި ބިލާ ދެކޮޅަށް އިންޑީޔާގައި ކުރެވޭ އިހުތިޖާޖުތައް އާއްމުވަމުން ދާއިރު، މިއަދު އެތައްހާސް ކިޔަވާކުދިންނެއް ވަނީ މި ބިލާ ދެކޮޅަށް ވެރިރަށް ނިއުދީއްލީގައި އިހުތިޖާޖުކޮށްފައެވެ.

ކިޔަވާކުދިން ވަނީ މަރުކަޒީ ސަރުކާރުން ނިއުދިއްލީގައި ހިންގާ ޔުނިވަސިޓީއެއް ކަމަށްވާ ޖާމިއާ މިއްލިއްޔާ އިސްލާމިއްޔާއަށް މިއަދު އެއްވެ ގާތް ގަނޑަކަށް 12 ކިލޯމީޓަރު ދުރުގައި ހުންނަ ޕާލަމެންޓު ހައުސްއަށް އިހުތިޖާޖުގެ ހިނގާލުމެއް ބާއްވަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ނުކުމެ ޔުނިވަސިޓީއަށް ދާ މައިމަގުގައި ބެރިކޭޑް ޖަހައި މަގު ބަންދުކުރުމާ ގުޅިގެން މިހިނގާލުން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

ފުލުހުން ވަނީ އިހުތިޖާޖު ހުއްޓުވަން ކިޔަވާކުދިން ގައިގާ ލަޓިބުރިން ތަޅައި، ކަރުނަ ގޭސް ބޭނުންކޮށް، ގިނަ އަދަދެއްގެ ކިޔަވާކުދިން ހައްޔަރު ކޮށްފައެވެ.

އަނެއްކޮޅުން، މި ބިލުގެ އަސަރު ބޮޑަށް ކުރާނެ މީހުން އެންމެ ގިނައިން ދިރިއުޅޭ އާސާމް ސްޓޭޓުގައި އިހުތިޖާޖު ވަރުގަދަވުމުގެ ސަބަބުން، އިހުތިޖާޖުތައް މައިތިރިކުރުމަށް ސަރުކާރުން ވަނީ ސިފައިން މަގުމައްޗަށް ނެރެފައެވެ. އެތައް ހާސް ބަޔަކު ނުކުމެ މަގުމެދުގައި އަލިފާންގަނޑުތައް ރޯކޮށް، މަގުތައް ބަންދުކޮށްފައި ވާއިރު 8000 އަށް ވެރު ގިނަ ސިފައިން ދަނީ މަގުތައް މަތީ ފޯރިމަރަމުންނެވެ. އަދި ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.