އެއް އަަތަަކަށް ޖެހިފައިވާ ރަށްވެހިކަމުގެ ބިލް ލޯކް ސަބާއިން ފާސްކޮށްފި

ލޯކް ސަބާގައި ކުރިއަށް ދިޔަ ރަށްވެހިކަމުގެ ބިލުގެ ބަހުސުގައި އިންޑިޔާގެ ހޯމް މިނިސްޓަރު އަމިތު ޝާހު

ގާތް ގަނޑަކަށް އަށް ގަޑިއިރަށް ދެމިގެން ދިޔަ ހޫނު ބަހުސަކަށް ފަހު، 1955 ގެ ރަށްވެހަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީ ގެ، ލޯކް ސަބާއިން ފާސްކޮށްފިއެވެ. ރޭ ދަންވަރު 12:30 އާ ހަަމައަށް ދިގު ދެމިގެން ދިޔަ ބަހުސަށް ފަހު މި ބިލް ފާސްކޮށްފައި ވަނީ 311-80 ވޯޓުގެ ބޮޑު އަޣުލަބިއްޔަތުންނެވެ.

އިދިކޮޅު ޕާޓީތަކާއި، މުސްލިމް ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި  މިއީ މުސްލިމުންނާ ދެކޮޅަށް ތަފާތުކުރުން ހިމެނޭ، އެއް އަތަކަށް ޖެހިފައިވާ ބިލެކެވެ.

ބޮޑުވަޒީރު މޯދީގެ ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އަމިތު ޝާހު ހުށަހެޅުއްވި މި ބިލުގެ އަމާޒަކީ 31 ޑިސެންބަރު 2104 ގެ ކުރިން ޕާކިސްތާނާއި، ބަންގްލަދޭޝްއާއި އަފްޣާނިސްތާނުން އިންޑިޔާއަށް އެތެރެވެފައިވާ ހިންދޫންނާއި، ބުޑިސްޓުންނާއި، ސިިކުންނާއި، ނަސާރާއިންނާއި، ޕާރްސީން (މަޖޫސީން) ނާއި، ޖައިނުންނަށް އިންޑިޔާގެ ރަށްވެހިކަން ދިނުމެވެ. މި ތިން ގައުމުން އެތެރެފައިވާ މުސްލިމުން ވަނީ މިކަމުން އިސްތިސްނާކޮށްފައެވެ. މުސްލިމުންނަށް އިންޑީޔާގެ ރަށްވެހިންނަށް ނުވެވޭނެއެވެ.

މި ބިލާމެދު ކުރެވިގެން ދިޔަ ހޫނު ގަދަ ބަހުސްގެ ތެރޭގައި އޯލް އިންޑިޔާ މަޖްލިސެ އިއްތިހާދުލް މުސްލިމީން (އޭއައިއެމްއައިއެމް) ގެ ލީޑަރު އަދި ހައިދަރު އާބާދު ދާއިރާ ތަމްސީލުކުރައްވާ އަސައްދުއްދީން ޢުވައިސީ ވަނީ ބިލް އިރާލައްވައި މި ބިލަކީ އިންޑިޔާގެ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށާ، ބިލުގެ މަގުސަދަކީ މުސްލިމުންގެ އެތައް ބަޔަކު 'ގަމެއް ނެތް ބަޔަކަށް' ހެދުން ކަމަށް ވިދާޅުވެފެއެވެ.

ކޮންގްރެސް ޕާޓީގެ އިސް މެންބަރެއް ކަމުގައިވާ ޝަޝީ ތަރޫރު ވިދާޅުވީ މިބިލަކީ ގާނޫނު އަސާސީގެ ރޫހާ ޚިލާފު ބިލެއް ކަމަށާއި، ގާނޫނު އަސާސީގެ 14 ވަނަ މާއްދާއިން ދީފައިވާ ހަމަހަމަކަން މިބިލުން ގެއްލިގެންދާ ކަމަށެވެ.

ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް ގާނޫނަކަށް ވުމާއެކު ޕާކިސްތާނާއި، ބަންގްލަދޭޝްއާއި އަފްޣާނިސްތާނުން ގަވާއިދާ ޚިލާފަށް އިންޑިޔާއަށް އެތެރެވެ، އެ ގައުމުގައި ދިރިއުޅެމުން އައިސްފައިވާ މުސްލިމުން ނޫން މީހުން އިންޑިޔާގެ ރައްޔިތުންނަށް ވާނެއެވެ. މުސްލިމުން ޖެހޭނީ ރައްޔިތުންނަށް ވާން ހުށަހަޅާށެވެ. އަދި އިންޑިޔާގެ ރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިއުން ހުށަނޭޅިއްޖެނަމަ އޭނާ އިންޑިޔާގެ ރައްޔިތަކަށް ވުމުގެ ހައްގުން މަހުރޫމުވާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.