ރަސްދޫގައި އައިލެންޑު ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހުކޮށްފި

އއ. ރަސްދޫގައި އައިލެންޑު ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހުކޮށްފިއެވެ. މިޓީމް އިފްތިތާހުކޮށްފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ އާއި އއ.ރަސްދޫ ކައުންސިލް އިދާރާ ގުޅިގެން ރަސްދޫގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެންނެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އއ.ރަސްދޫގައި ނޮވެމްބަރު 26 ވަނަ ދުވަހު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

 މިރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އއ.ރަސްދޫ ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކުރައްވާފައެވެ. މި ޕަންޕް ސިސްޓަމް ރަސްދޫ ކައުންސިލާ ހަވާލުކޮށްދެއްވީ ވެސް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. ރަސްދޫ ކައުންސިލްގެ ފަރާތުން ޕަންޕް ސިސްޓަމާއި ހަވާލުވެލެއްވީ ރަސްދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޖަލީލު މޫސާ އެވެ.

ރަސްދޫގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

2019 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް އެރަށުގައި ހިނގި މި ޕްރޮގްރާމްގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރައްވާފައި ވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.