ޑރ. އަފްރާޝީމްގެ މަރުގެ ތުހުމަތު ޑރ. ޝަހީމަށް ކުރުމަކީ ބޭއިންސާފު: ޝައިޚް ލަތީފް

އައްޝައިޚް މުޙައްމަދު ލަތިފް: ފޮޓޯ އަވަސް

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ތުހުމަތު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބޮލުގައި އެޅުވުމަކީ ބޭއިންސާފު ކަމަށް ޢިލްމުވެރިޔާ ޢައްޝައިޚް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ މީހުން ހާމަކޮށްފައިވަނިކޮށް އަލުން ރިޔާސީ ކޮމިޝަނެއް ހަދައި އެކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި އެ މަރުގެ ތުހުމަތު ކުރެވޭ އެންމެ އިސްފަރާތަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ނަން ހިމަނާފައިވާ ކަމަށެވެ.

"އެއިން ދޭހަކޮށްދެނީ ދީނީ ޢިލްމުވެރީންނާމެދު، ވަކީން ޚާއްސަކޮށް ޑރ. ޝަހީމާމެދު އެމީހުންގެ ބޮޑުންގެ ހިތްތަކުގައި އޮތް ޢަދާވާތްތެރިކަމާއި އެމީހުންގެ ކިބައިގައިވާ ބޭއިންސާފު،" ޝައިޚް ލަތީފު ވިދާޅުވެފައިވެއެވެ.

އިތުރު ޓުވީޓެއްގައި ޝައިޚް ވިދާޅުވެފައިވަނީ މާތް ﷲ އާއި އެކަލާނގެ މާތް ނަބިއްޔާއާއި ކީރިތި ޤުރްއާނާއި މުއުމިންތަކުންގެ ޢަދުއްވުންކަމުގައިވާ ސެކިއުލާ ލާދީނީމީހުންގެ ފަރާތުން އިސްލާމް ދީނާއި މުސްލިމުންނަށް ފައިދާއެއްކޮށްފާނެކަމަށް ބެލުމަކީ ކުށްހީއެއް ކަމަށެވެ.

"އެމީހުންގެ ޢުދުވާނީ މަސައްކަތްތަކަށް ބާރުލިބޭ ގޮތަށް ބަސްބުނެ، ޢަމަލުކުރުމީ ފަހުން އެކަމާ ހިތާމަކުރަންޖެހޭނެ ކަމެއް! ނަމަވެސް އޭރަކުން އެކަމުން ކުރާނެ މަންފާއެއްނޯންނާނެ،" ޝައިޚް ލަތީފް ވިދާޅުވެފައިވެއެވެ.

ޝައިޚްވަނީ ކެހިވެރި މަކަރުވެރިންގެ ނުބައި ޢަމަލުތަކުން ﷲ ސަލާމަތްކޮށްދެއްވާނެކަން ޝަހީމަށް ހަނދާންކޮށްދައިވައި ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށް ﷲގެ ވާގިފުޅާއެކު ކުރިއަށް ވަޑައިގެންނެވުމަށް ހިތްވަރު ދެއްވައިފައެވެ.

މަރުކޮމިޝަންގެ ތަހުގީ ރިޕޯޓުގައި ޑރ. ޝަހީމަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާވަނީ އިންކާރުކޮށްފައެވެ. އެފަދަ އަނިޔާވެރި އަމަލުތަކުގައި އޭނާ ބައިވެރިނުވާކަން ﷲ ހެކިވެ ވޮޑިގަންނަވާނެ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.