ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ޝަރީޢަތާ ބީރައްޓެހި ނޫން ބަޔަކު އިޚުތިޔާރު ކުރެއްވުމަށް ރާއްގޭ މަޝްހޫރީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚު އިލްޔާސް ޙުސައިން ޖުޑިޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގޮވާލައްވައިފިއެވެ.
އިލްޔާސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖުޑިޝަރީގައި ހުރި މައްސަލަތައް ޙައްލު ކުރެއްވުމަށް ދައްކާ ވާހަކައިގެ މަފްހޫމް ނުއޮޅޭގޮތަށް ވާހަކަ ދެއްކެވުމަށެވެ.
"ދައްކާ ވާހަކައިގެ މަފުހޫމު އޮޅުވާ ނުލައްވައި ޖުޑިޝަރީގެ ހުރި މައްސަލަތައް ހައްލުކުރަން ޖެހޭ،" އިލްޔާސް ވިދާޅުވެފައިވެއެވެ. އޭނާގެ ޓުވީޓުގައި ވަނީ ޖޭއެސްސީއަށް ސުވާލެއް ވެސް ކުރިމަތި ކުރުވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރެއްވުމުގެ ނަމުގައި ޝަރީޢަތާ ބީރައްޓެހި ބަޔަކު ގެނައުމަކީ އިސްލާހެއްތޯއެވެ؟ "އިސްލާމީ ޝަރީޢަތާ ބީރައްޓެހި ބަޔަކު (ޖުޑިޝަރީއަށް) ގެނައުމަކީ އިސްލާޙުކުރުންތޯ؟ ޝަރީޢަތާ ބީރައްޓެހި ނޫންބަޔަކު އިޚްތިޔާރުކުރައްވާ ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން މަސައްކަތްކުރައްވާ،" އިލްޔާސް ވިދާޅުވެފައިވެއެވެ.
މިއަދު އޭނާވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ މަގާމުން ވަކިކޮށްފާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޝައިޚް އިލްޔާސް ވިދާޅުވެފައިވައިވަނީ ޑރ. ޑީޑީ އަކީ ޝަރުޢީ ދާއިރާއިން މަތީތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެފަދަ ބޭފުޅަކު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ފަޚުރެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެފަދަ ބޭފުޅަކު އެމަޤާމުގައި ހުންނަވަނިކޮށް މަޤާމުން ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައިނުވާ މީހުން އެމަގާމަށް ގެނައުމަކީ ކޮންކަހަލަ ކަމެއްތޯ، އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
ޝައިޚް އިލްޔާސް މިގޮތަށް ޓުވީޓު ކުރެއްވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ތުހުމަތު ކުރެވި އެކަންކަން ބެލުމަށް ޖޭއެސްސީން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.
"ކަމުގެ ޢިލްމު ލިބިފައިވާ ޤާބިލް، (ޤުރުއާން ހިތުދަސް) ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު މިޤައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް. އެފަދަ ބޭފުޅަކު މަގާމުން ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައިނުވާ ބަޔަކު އެމަޤާމަށް ގެނައުމަކީ ކޮންކަހަލަ އިންސާފެއްތޯ؟ ރައްޔިތުން މިކަމަށް ވިސްނަވާ،" ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.