ޖޭއެސްސީއަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުން އަންނަ ހޮނިހިރު ދުވަހު

ފޮޓޯ: ޖޭއެސްސީ

ޖޭއެސްސީއަށް ޤާނޫނީ ވަކީލުންގެ ތެރެއިން މެމްބަރަކު އިންތިޚާބު ކުރުން އަންނަ ހޮނިހިރު ދުވަހު އޮންނާނެވެ. އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު  ދިވެހި ރާއްޖޭގެ ބާރ ކައުންސިލުން މިމަހު 19ވަނަ ދުވަހު ވަނީ ހުޅުވާލައްވައިފައެވެ. ޖޭއެސްސީގެ މެމްބަރުކަމަށް ވަކީލުން ކުރިމަތިލުމުގެ ސުންގަނޑި ހަމަވާނީ މިމަހު 23 ވަނަ ދުވަހުގެ 5 ޖެހުމާ ހަމައަށެވެ.

މި އިންތިޚާބުގައި ބާރ ކައުންސިލަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ޖެއެސްސީ އަށް އާންމުގެ ތެރެއިން އައްޔަން ކުރާ މެމްބަރުކަމަށް ކުރިމަތިލުމަށް ވެސް މިހާރު ވަނީ ފުރުޞަތުހުޅުވާލައްވައިފއެވެ. އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލާ ފަރާތްތަކުގެ ސުންގަނޑި ހަމަވާނީ މިމަހު 24 ގައެވެ. އާންމުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އާންމުންގެ ތެރެއިން ޖޭއެސްސީ ގައި މިހާރު ތަމްސީލު ކުރައްވާ މެމްބަރުގެ ދައުރު އޮގަސްޓް 12 ގައި ހަމަވާނެއެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ  ރައީސާއި ސިވިލްސާރވިސް ކޮމިޝަންގެ ރައީސާއި އުއްތަމަފަނޑިޔާރު ފިޔަވާ ސުޕްރީމްކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކާއި ދަށު ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި އާންމުގެ ތެރެއިން އައްޔަން ކުރާ މެމްބަރަކާއި އަދި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.