ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއް އެއްވެސް މީހަކަށް ލިބިގެން ނުވޭ: ރައީސް

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: މިޖަލްސާގައި އެމަނިކުފާނުވަނީ އެކިދާއިރާތަކުން މަތީވަނަތައް ހޯއްދެވި ބޭފުޅުންނަށް އިނާމް ދެއްވާފައި، ފޮޓޯ ރައީސް އޮފީސް

ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ވެސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ އަނެއް ދެބާރުގެ ވެރިންނަށް ވެސް ގާނޫނު އަސާސީއަށްވުރެ މަތީގައި ނުތިއްބެވޭނެ ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގާނޫނު އަސާސީ ނަގަހައްޓައި އެއާ އެއްގޮތަށް ވެރިކަން ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ ފަސްވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑުކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގާ ވިޔަސް، ޤާނޫނުއަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް ބޯލަނބަން ނުޖެހޭ އެކަކުވެސް އަދި އެއްވެސް ބާރެއް ދިވެހިދައުލަތުގައި ނޯންނާނެ ކަމަށެވެ. ގާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގާ ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ، މިދެންނެވި ހަޤީޤަތް ޤަބޫލުކޮށްގެން ހުރެ، ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކިގެން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިސްފައިވާގޮތް އެންމެން ވެސް ހަނދާން ހުންނާނެ ކަމަށެވެ. މިސަރުކާރު ވެރިކަމަށް ގެނައުމަށް ވޯޓުނުދޭ މީހުން ތިބުކަން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ދެމިއޮންނާނީ އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށެވެ. ޚިދުމަތް ފޯރުކޮށްދެއްވުމުގައި ސަރުކާރު ގެންނަން ވޯޓުދިން މީހުންނާއި ނުދޭ މީހުން ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މި ސަރުކާރުން މަޝްރޫއުތައް ހިންގުމާއި ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީއެއް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންގެ ވެސް މަސްއޫލިއްޔަތަކަށްވާންޖެހޭނީ އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި އިންސާފު ހޯއްދަވައި ދެއްވުން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.