ޒާކިރު ނައިކުގެ މައްސަަލައިގައި މެލޭޝިޔާއިން އިންޑިޔާއަށް ރަސްމީ ސިޓީއެއް ފޮނުވަނީ

އިސްލާމްދީނަށް ގޮވައިލުމުގެ މަސައްކަތުގައި މަޝްހޫރުކަން ހޯއްދަވާފައި އިންޑިޔާގެ ވާހަކަދެއްކުންތެރިޔާ ޑރ. ޒާކިރު ނައިކު އޭނާގެ އުފަން ގައުމަށް އަނބުރައި ފޮނުވާލެވެން ނެތް ސަބަބު ބަޔާންކޮށް ރަސްމީ ސިޓީއެއް އިންޑިޔާއަށް ފޮނުވަން މެލޭޝިޔާގެ ފޮރިން މިނިސްޓްރީން ނިންމައިިފިއެވެ.

ފޮރިން މިނިސްޓަރު ދާތުކް ސައިފުއްދީން ޢަބްދުﷲ އިއްޔެ ވިދާޅުވީ އެ ސިޓީގެ ހިމަނާނެ ބައިތަކުގެ ތަފްސީލާ ބެހޭ ގޮތުން އެޓާނީ ޖެނެރަލްއާ މަޝްވަރާކުރައްވާނެ ކަމުގައެވެ.

"އިންޑިޔާއިން ތަކުރާރުކޮށް އެދިފައިވޭ. ބޮޑު ވަޒީރު (ތުން ޑޮކްޓަރ މަހާތީރު މުޙައްމަދު) ވަނީ އަހަރުމެންނަށް އޭނާ (ޒާކިރު ނައިކް) ފޮނުވެން ނެތް ސަބަބު ބަޔާންކޮށްދެއްވާފައި." ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

"އާސިޔާންގެ އެންމަ މަތީ ވެރިންގެ 35 ވަނަ ބައްދަލުވުމުގެ ތެރޭން ފާއިތުވި ހަފުތާގައި ބެންކޮކުގައި އިންޑިޔާ ޚާރިޖީ ވަޒީރު އެސް. ޖޭޝަންކަރާއި އަހަރެން ބައްދަލުކުރި އިރު އޭނާ ވަނީ ވަރަށް ރީތިގޮތުގައި މިމައްސަލަގެ ވާހަކަ ދައްކަވާފައި. އޭނާ އަަހަރުމެންގެ ކިބައިން އެދިވަޑައިގަތް ރަސްމީ ޖަވާބެއްގެ ގޮތުގައި ސިޓީއެއެް ފޮނުވުމަށް." މިނިސްޓަރު ސައިފުއްދީން ވިދާޅުވިއެވެ.

އިންޑިޔާއިން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ނިންމުމުން ޑރ. ޒާކިރު ނައިކު އެންމެ ފުރަތަމަ ފިއްލަވައިގެން ވަޑައިގަތީ ސައޫދީ އަރަބިއްޔާއަށެވެ. އަދި 2016 ވަނަ އަހަރު މެލޭޝިޔާއަށް ވަޑައިގަތުމުން ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ސަރުކާރުން އޭނާއަށް ދާއިމީ ވަޒަންވެރިއެއްގެ ވިސާދެއްވިއެވެ.

ޑރ. މަހާތީރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިންޑިޔާގެ އެދުމުގެ މަތިން 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ އިންޑިޔާއަށް ފޮނުވާލަން އާ ސަރުކާރުން ނިންމިއެވެ. އެހެންނަމަވެސް، އޭނާ އިންޑިޔާއަށް ފޮނުވާލައިފިނަަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ ޑރ. މަހާތީރު ވަނީ އޭނާ ނުފޮނުއްވަން ނިންމަވާފައެވެ.

ފާއިތުވި އޮގަސްޓު މަހުގެ ތެރޭގައިި މެލޭޝިޔާގައި ތިބި ޗައިނާ ދަރިކޮޅުގެ މީހުންނަކީ ވެސް ބޭރުން އައިސް ތިބި ބައެއްކަން ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމާ ގުޅިގެން މެލޭޝިޔާއިން ޒާކިރު ނައިކު ފޮނުވާލާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް އެ ފަހަރުވެސް ބޮޑުވަޒީރު މަހާތީރު ވިދާޅުވީ އިންޑިޔާ ނޫން ކޮންމެ ގައުމަކަށްވެސް އޭނާ ފޮނުވާލަން މެލޭޝިޔާ ތައްޔާރުކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.