އިތުބާރު - 1

ގޭގެ ރަނގަބީލު ޖަހައިލީމާ ނުކުތީ ޖާނުން ވަރުގަދަ މީހެކެވެ.

"ޢާރިފީން ޢައްބާސް އެބަ އުޅުއްވާތޯ؟" އޭނާ ޖެހިލުން ވެފައި ހުރެގެން އެމީހާ ކުރެން އަހައިލިއެވެ.

"ތިޔައީ ކޮން ބޭކަނބަލެއްތޯ؟ ޢާރިފީން އާ ބައްދަލު ކުރައްވަން ބޭނުންފުޅު ވަނީ ކީއް ކުރައްވަންތޯ؟" އެ މީހާ އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލަމުން ހަރުކަށި ރާގަކަށް ސުވާލު ކޮށްލިއެވެ.

އިރުކޮޅެއް ވާންދެން އޭނާއަކަށް އަނގަޔަކުން ނުބުނެވުނެވެ. އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އިރުކޮޅަކު އެމީހާޔާ ދިމާއަށް ބަލަން ހުރެފައި، އޭނާ އަތްމަތީ ދަބަހުން ސިޓީއެއް ނަގައިފިއެވެ. އެއީ އޭނާގެ މަންމަ އޭނާޔާ ހަވާލު ކުރި ސިޓީ އެކެވެ.

"މި ސިޓީ ޢާރިފީން އާ ހަވާލު ކުރައްވާ. އޭރުން ފަހަރެއްގައި އޭނާ އަޅުގަނޑާ ބައްދަލު ކުރައްވަން ބޭނުންފުޅު ވެދާނެ."

އޭނާ އެ މީހާޔާ އެ ސިޓީ ހަވާލު ކޮށްފިއެވެ. އެ މީހާ ސިޓީ ހިފައިގެން އިރުކޮޅަކު އޭނާގެ މޫނަށް ބަލަން ހުއްޓެވެ. ދެން ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނީކަން ނޭނގެއެވެ. ދޮރާށި ލައްޕައިލައިފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭނާ ފާރުގައި ލެނގިލައިފިއެވެ. ޢާރިފީން ޢައްބާސް ނަމަކަށް ކިޔާ މީހަކު އޭނާ މީގެ ފަސް ދުވަސް ކުރިއާ ހަމަޔަކަށް ނުދަނެއެވެ. މިހާރުވެސް އެނގެނީ ހަމަ އެކަނި އެ މީހެއްގެ ނަމެވެ.

"ޢާރިފީން ޢައްބާހަކީ ކާކު ހެއްޔެވެ؟ އެ މީހަކާއި، މަންމަޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ މީހާ އަހަންނަށް ވާނީ ކޮން ކަހަލަ އެހީއެއް ހެއްޔެވެ؟" މި ސުވާލު ތަކުގެ ޖަވާބެއް އަދިވެސް އޭނާ އަކަށް ނޭނގެއެވެ. މީގެ ފަސް ދުވަސް ކުރިއާ ހަމައަށް އެ ސުވާލު ތަކުގެ ޖަވާބު ހޯދާކަށެއްވެސް އޭނައެއް ނޫޅެއެވެ. މަންމަ އެ ކުރު ސިޓީ އާއި ކަރުދާސް ކޮޅެއްގައި ލިޔެފައި އޮތް އެޑުރެހެއް އޭނާޔާ ހަވާލު ކުރީ މަންމަގެ ދިރިއުޅުމުގެ އެންމެ ފަހު ރޭގެ ވަގުތެއްގައެވެ. ސިޓީ ލިޔެފައި އޮތީ ފަރަންސޭސި ބަހުންނެވެ.

"މަންމަ މަރު ވެއްޖެއްޔާ ދަރިފުޅު މި މީހާ ގާތަށް ދޭ. މި ގޭގައި އެކަނި ނޫޅޭތި."

އެއީ އެތައް ދުވަހަކަށް ފަހު އޭނާގެ މަންމަގެ ދުލުން ނުކުތް ފުރަތަމަ އަދި އެންމެ ފަހުގެ ޖުމުލައެވެ. އެޔަށް ފަހު މަންމަ ލޯ މަރައިލިއެވެ. މަންމަ މާ ގިނަ ދުވަހަކު ދުނިޔޭގައި ނޯންނާނޭކަން އޭނާއަށް އެނގެއެވެ. އެކަމަކު އެ ރެއަކީ މަންމަގެ އެންމެ ފަހު ރޭ ކަމަކަށް އޭނާގެ ހިތަކަށް ނާރައެވެ. އެންމެ ފަހުގެ ލަމަހާތައް ގުނަމުން ދިޔަ ވަގުތު މަންމަ އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހިތަށް ވެރިވީ ކޮން ކަހަލަ ޚިޔާލެއް ކަމެއް ނޭނގެއެވެ. އޭނާ ފުނަލެއް ހިފައިގެން އައިސް މަންމަގެ މަގަތުން އިށީނދެއްޖެއެވެ.

"މަންމާ. މަންމަގެ ބޯ އޮމާން ކޮށްލައި ދެންތަ؟" އޭނާ ނުތަނަވަސް ހިތަކާއެކު އަހައިލިއެވެ. މަންމަ ލޯ ހުޅުވައިލިއެވެ. ކުޑަ އިރުކޮޅަކު އޭނާޔާ ދިމާއަށް ބަލަން އޮތެވެ. އެއަށް ފަހު މަންމަގެ ބަލިކަށި ހަށިގަނޑަށް ޙަރަކާތެއް އައެވެ. މަޑުމަޑުން ތެދުވެ އިށީނދެއްޖެއެވެ. އެއީ އާނއެކޭ ބުނުމުގެ ގޮތުން ކުރި ކަމެކެވެ. އޭނާ އެނދުގައި، މަންމަގެ ފުރަގަހުގައި އިށީނދެއްޖެއެވެ. އެއަށްފަހު މަންމަގެ ހޭވިފައިވާ އިސްތަށިގަނޑު އެއް ކުރާން ފަށައިފިއެވެ. ކީއްވެގެންކަން ނޭނގުނު ނަމަވެސް އޭނާގެ ހިތަށް މިއަދު އުނދަގޫ އިހުސާސްތަކެއް އެބަ ކުރެވެއެވެ. މަންމަގެ އިސްތަށިގަނޑުން ގޮށް ފިލުވައި ބޯ އޮމާންކޮށް ނިންމުމަށް ފަަހު އޭނާ މަންމަގެ ކުރިމައްޗަށް އައިސް އިށީނދެއްޖެއެވެ.

"ކިރު ފޮދެއް ހޫނު ކުރަންތަ؟" އޭނާ އަނެއްްކާވެސް ސުވާާލެއް ކޮށްލިއެވެ. މިއަދު ހަމަ މަންމަޔާާ ވާހަކަ ދައްކާ ހިތް ވަނީއެވެ. މަންމަގެ ވަށައިގެން ލެވިފައިވާ ހިމޭންކަމުގެ އުސް ފާރުގެ ސަބަބުން އޭނާ ބޭނުން ވަރަކަށް މަންމަޔާ ކައިރި ނުވެވޭ ކަމުގެ އިހުސާސް އޭނާއަށް އަބަދުވެސް ކުރެވެއެވެ. މިއަދު އޭނާ ބޭނުން ވަނީ އެ ފާރު ވައްޓައިލާށެވެ.

"ނޫން. ހޫނު ކުރާނެ ކަމެއް ނެތް." މަންމަ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އަދި މަޑުމަޑުން އޭނާ މޫނުގައި ދެ އަތުން ހިފަހައްޓައިލުމަށް ފަހު ނިތްކުރީގައި ބޮސް ދިނެވެ. އޭނާ ހައިރާން ވިއެވެ. ދުވަހަކުވެސް މަންމަ އޭނާގެ ނިތްކުރީގައި ބޮސް ދިން ހަނދާނެއް ނުވެއެވެ. މިއަދު މިވީ ކިހިނެއް ބާވައެވެ؟ މަންމަގެ ލޮލުގައި މިއަދު އާދަޔާ ޚިލާފު ވިދުވަރެއް އެބަހުއްޓެވެ. މޫނުމަތީން ފެންނަ ރީނދޫ ކުލަވަރަކަށްވެސް މަންމަގެ ލޮލުގެ ވިދުވަރު ފަނޑު ކޮށެއް ނުލެވެއެވެ. އެ ވަގުތުކޮޅު ކުރެވުނު އުފާވެރި އިހުސާސްތަކެއްގެ ސަބަަބުން ވޭތުވެ ދިޔަ އެތައް އަހަރެއްގެ ރުޅިއާއި، ޝަކުވާގެ މަތީން މުޅިން ހަނދާން ނެތިއްޖެއެވެ.

"މަންމަ އޮށޯވޭ." މަންމަގެ ބަލީގެ މަތީން އޭނާއަށް ފިކުރު ހިންގައިލެވުނީ ކުއްލިއަކަށެވެ. މަންމަ ހިމޭން ކަމާއެކު އޮށޯވެއްޖެއެވެ. ރޭގަނޑު ނިދުމުގެ ކުރީން އެތައް އިރެއް ވާންދެން އޭނާ ނިތްކުރި މަތީގައި އަތް ބާއްވައިލައިގެން އޮތެވެ. އަނެއް ދުވަަހު ހެނދުނު ސައިބޯން މަންމަޔަށް ގޮވައި ހޭ ލައްވާން އޭނާ ދިޔައެވެ. މަންމަގެ ފުރާނަ ނެތްކަމުގެ އިހުސާސް އޭނާއަށް ކުރެވުނު ވަގުތަކީ އެއީއެވެ.

* * *

ފުން ނޭވައެއް ލުމަށް ފަަހު އޭނާ ދޮރާށްޓާ ދިމާއަށް ބަލަަހައްޓައިގެން ހުރެއްޖެއެވެ. ދޮރާށީގެ އެތެރެ ފަރާތުން ފިޔަވަޅުތަކެއްގެ އަޑު އިވޭން ފަށައިފިއެވެ. ކޮންމެވެސް މީހަކު ދޮރާށްޓާ ދިމާއަށް އަންނަނީއެވެ. އޭނާ ފާރާ ދުރަށް ޖެހިލިއެވެ. ދޮރާށީގެ މެދުގައި ހުރި ކުޑަ ދޮރުފަތް ހުޅުވުމުގެ ބަދަލުގައި ކޮންމެވެސް މީހަކު މުޅި ދޮރާށި ހުޅުވައިލިއެވެ. ކުރިމަތީގައި ހުއްޓާ ފެނުނީ އުމުރުން ފަންސާސް ނުވަތަ ފަންސަވަންނަ އަހަރަށް ދާ، އިސްކޮޅުން ދިގު މީހެކެވެ. ކޯޓު ފަޓުލޫނުގައި ހުރި ރީތި މީހެކެވެ.

"ސާރާ؟" އެ މީހާގެ ދުލުން އޭނާގެ ނަން ބޭރު ވުމުން އޭނާ ހައިރާން ވިއެވެ. ހާސްކަމާއެކު އޭނާ ބޯ ޖަހައިލިއެވެ.

"އެތެރެއަށް ވަދޭ." އެ މީހާގެ އަޑުގައި ހުރި މަޑުމައިތިރިކަމާއި، ހިތްހެޔޮކަމުގެ އަސަރުގެ ސަބަބުން އޭނާގެ ހައިރާންކަން އިތުރު ވެގެން ދިޔައެވެ. އޭނާ މަޑުމަޑުން އެތެރެއަށް ވަދެއްޖެއެވެ.

"ސާމާނު ކޮބާ؟" އެތެރެއަށް ވަަނުމާއެކު އެ މީހާ އަހައިލިއެވެ.

"ސާމާނު ހުރީ ގޭގައި." އޭނާ ވައި އަޑުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އެ ގެ ބޭރުން ފެންނަނީ އާދައިގެ ގެއެއްގެ ގޮތުގައެވެ. އެކަމަކު އެތެރެއަށް ވަދެވުނީމާ އޭނާ ހުރީ އަޖައިބު ވެފައެވެ. "އަހަރެން މި ގޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟" އޭނާ ހިތާހިތާ ސުވާލު ކުރަމުން ދިޔައެވެ.

"އެންމެ ރަނގަޅު. ހިނގާ ސާމާނު ބަލާ." އޭނާ ބުނަނީ ކީކޭތޯ ބެލުމެއް ނެތި، އެ މީހާ ގޯތި ތެރޭގައި އޮތް ކާރާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާވެސް ޖެހިލުންވެ ހުރެމެ، ފަހަތުން ހިނގައިގެންފިއެވެ.

"މި މީހާ ގޮވައިގެން އަހަރެންގެ ގެއަށް ދިއުމަކީ ރަނގަޅު ކަމަކަށް ވާނެ ބާވައެވެ؟" އޭނާ ވިސްނައިލިއެވެ. ވަކި ގޮތަކަށް ކަނޑައެޅުމުގެ ފުރުސަތު ނުލިބެނީސް އެ މީހާ ގޮސް ކާރަށް އަރައިފިއެވެ. އަދި އަނެއް ފަރާތު ދޮރު ހުޅުވައިލިއެވެ. އޭނާާވެސް މަޑު މަޑުން ގޮސް ކާރަށް އަރައިފިއެވެ.

"ޢާރިފީން ޢައްބާހަކީ ތިޔައީތޯ؟" އޭނާ އިށީނދެ ހަމަޖެހިލުމަށް ފަހު ސުވާލު ކޮށްލިއެވެ.

އެ މީހާ ކުޑަކޮށް ހިނިތުންވެލައިފައި ކާރު އިސްޓާޓު ކޮށްލިއެވެ. "އާނ. ޢާރިފީން ޢައްބާހަކީ އަހަރެން."

ކާރު ފަހަތަށް ދުއްވައިލަމުން ޢާރިފީން އަހައިލިއެވެ. "ޞަބާގެ ހާލު ކިހިނެއް؟" އޭނާ ޚިޔާލެއްގެ ތެރޭގައި ހުރެގެން ކަހަލަ ގޮތަކަށް މަޑުމަޑުން ކިޔައިލިއެވެ. "ޞަބާ..." އޭނާގެ ޚިޔާލީ ދުރުމިއަށް ތަސްވީރެއް އަރައިފިއެވެ.

"މަންމަ." އިޚްތިޔާރަކާ ނުލައި އޭނާއަށް ބުނެލެވުނެވެ.

"އާނ. މަންމަގެ ހާލު ކިހިނެއް؟" ޢާރިފީން ދޮރާށިން ބޭރަށް ކާރު ނެރެފިއެވެ. ދެމީހުން ކުޑަ އިރުކޮޅަކު ހިމޭނުން ތިއްބެވެ. އެއަށް ފަހު ޢާރިފީން އަނެއްކާވެސް ހަމަ އެ ސުވާލު ކޮށްފިއެވެ.

"މަންމަ ނިޔާވެއްޖެ." ކަރުނަ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން އޭނާ ވަރަށް މަޑުމަޑުން ބުނެލިއެވެ. އެޔާއެކު ކުއްލި ލަތްކަކާއެކު ކާރު ހުއްޓިއްޖެއެވެ.

"ޞަބާ ނިޔާވެއްޖެ؟" ޢާރިފީން ޔަގީން ނުވާ ކަހަލަ ރާގަކަށް އަހައިލިއެވެ.

"ލައްބަ." އޭނާ އިސް ޖަހައިލައިގެން އިނދެ ބުންޏެވެ. ޢާރިފީންގެ މޫނަށް ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކާރު ތެރެއަށް އިރުކޮޅެއް ވާންދެން ހިމޭންކަން ވެރިވެފައި އޮތެވެ.

"ކޮން އިރަކު؟" މި ފަހަރު ޢާރިފީންގެ އަޑަކު އަމުރުވެރި ގޮތެއް ނެތެވެ.

"މީގެ ފަސް ދުވަސް ކުރިން."

ޢާރިފީން ޢައްބާާސް ކާރުގެ ހުންގާނުގައި ނިތްކުރި ޖައްސައިލިއެވެ.

އޭނާ އިސް އުފުލައި ޢާރިފީން އާ ދިމާއަށް ބަލައިލިއެވެ. ޢާރިފީން ރޮނީއެއް ނޫނެވެ. ލޯ ހުރީ މެރިފައެވެ. ތުންފަތް ކުޑަކޮށް ތުރުތުރު އަޅައެވެ. އޭނާ ހިމޭން ކަމާއެކު ބަލަހައްޓައިގެން އިނީއެވެ.

"މީގެ ފަސް ދުވަސް ކުރީން."

ޢާރިފީން ޢައްބާސް ކާރުގެ ހުންގާނުގައި ނިތްކުރި ޖައްސައިލިއެވެ.

ސާރާ އިސް އުފުލައި ބަލައިލިއެވެ. ޢާރިފީން ނުއެއް ރޮއެވެ. ލޯ މަރައިލައިގެން ހުރީއެވެ. ސާރާ ހިމޭންކަމާއެކު ބަލަހައްޓައިގެން އިނެވެ. ފަރަންސޭސި ބަހުން އޭނާގެ މަންމަ ލިޔުނު ސިޓީ އޭނާގެ ކުރިމަތީގައި އެނބުރިގަތެވެ.

"ޢާރިފީން،

ސާރާ ޢާރިފީން ގާތު ތިޔަ ގޭގައި ބައިންދާށެވެ. އަހަރެންގެ އާއިލާގެ މީހުން ގާތަށް އޭނާ ނުފޮނުވާށެވެ. މާޒީ ތަކުރާރު ކުރުމުގެ ބޭނުމެއް ނެތެވެ. ސާރާ ބަލަހައްޓައިދޭށެވެ.

ޞަބާ"

"މަންމަގެ މާޒީ އޮތީ ކިހިނެއް ބާވައެވެ؟ މަންމަ އަހަންނަށް ފޮރުވާން އުޅުނީ ކޮން ކަމެއް ބާވައެވެ؟ ތިމާ ރުހޭ މީހަކާ ކާވެނި ކުރުން... އާއިލާގެ މީހުން އެ ކާވެންޏާ ނުރުހުން... މަންމަ ގެއިން ނުކުމެގެން ދިއުން... ބައްޕަ މަރުވުން... މަންމަ އެނބުރި ނިުދިއުމާއި އާއިލާޔާ އެއްވެސް ގުޅުމެއް ނުބޭއްވުން..." އޭނާ އާދައިގެ މަތީން އެކި ކަަހަލަ ސަބަބުތައް ޚިޔާލަށް ގެންނާން މަސައްކަތް ކުރިއެވެ.

"އެކަމަކު އަހަންނަކީ އެއްވެސް އިރަކު މޮޔައެއް ނޫންކަން މަންމައަށް އެނގެން ވާނެއެވެ." އޭނާގެ ހިތަށް އެރިއެވެ. "މަންމަގެ ވާހަކަ ދެއްކުމާއެކީ ހިތާމައިން ފޯވަމުން މިހަރެގެންދާ މީހާއަކީ ކާކު ހެއްޔެވެ؟ މަންމަ ދެކެ ލޯބިވީ މީހަކަށް ވެދާނެއެވެ. މަންމަ މީނާޔާ ނީނީކަން ނޭނގެއެވެ. އަހަރެންގެ ބައްޕަޔާ ހެދި މި މީހާ ދޫކޮށްލީކީ ނޫން ބާވައެވެ؟" ޢާރިފީން ޢައްބާސްގެ ވާހަކަވެސް އޭނާ އަމިއްލަ އަމިއްލައަށް ހަމަޖައްސައިލީއެވެ. "މަންމަ މި މީހާޔާ އިންނަމަ އަހަރެމެން އުޅުނީހީ ހާދަހާވާ އަރާމެއްގައެވެ. އެކަމަކު ލޯތްބޭ މި ކިޔާ އެއްޗަކީ ވަރަށް ހަރާމުޖާދާ އެއްޗެކެވެ. އެއްވެސް އެއްޗެއް ނުވިސްނޭ ގޮހޮޅަކަށް މީހާ ހަދައިލައެވެ." އޭނާ ވިސްނަމުން ދިޔައެވެ.

ޢާރިފީން ޢައްބާސް ހުންގާނުން ނިތްކުރި ނަގައި ސީދާ ވެލިއެވެ. އޭނާ ދެވަނަ ފަހަރަކަށް ޢާރިފީން އަކާ ދިމާއަކަށް ނުބަލައެވެ. އޭނާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. ގޭގެ އެޑްރެސް ޢަރިފީން އަހައިލީމާ އޭނާ ވައްކަޅިން ބަލައިލުމަށް ފަހު އެޑްރެސް ބުނެދީފިއެވެ.

"ތިޔައީ މަންމަގެ ކާކުތޯ؟" މި ފަހަރު ސީދާ ޢާރިފީންގެ މޫނަށް ބަލަހައްޓައިގެން އިނދެ އޭނާ އަހައިލިއެވެ.

"އަހަރެމެން ދެމީހުން ދެބެއިންގެ ދެދަރި." ޢާރިފީންގެ އަޑުގައި ހުރީ މޮޅިވެރިކަމުގެ އަސަރެވެ.

"މަންމަގެ ބައްޕަ ދުނިޔޭގައި އެބަ ހުންނެވިތޯ؟" އޭނާ ދެވަނަ ސުވާލު ކޮށްލިއެވެ.

"މަންމަގެ މަންމަ ނިޔާވެއްޖެ. ބައްޕަ ދިރި އުޅުއްވަނީ އެމެރިކާގައި."

"މަންމަގެ އެއްބަނޑު އެއްބަފާ އެހެން މީހަކު ހުރޭތޯ؟"

"ސާރާގެ ބޮޑުދައިތައަކާއި ބޮޑުބޭބެއަކު ހުރޭ. އެ ދެމީހުންވެސް އުޅެނީ އެމެރިކާގައި." ޢާރިފީން މަގުމައްޗަށް ބަލަހައްޓައިގެން އިނދެ ޖަވާބު ދިނެވެ.

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.