އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ފާއިތުވި 3 މަސްދުވަހު ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 'މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށް އިތުރުވެފައިވާ' ކަމުގައި އދ. އިން ބުނެފިއެވެ. އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިއީ 'އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން' ކަމުގައެވެ.
ރިޕޯޓުގައި ވާގޮތުން، ފާއިތުވި ޖުލައި މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ދެވުނު ހަމަލާތަކުގައި 1174 މީހުން މަރުވެ، 3139 މީހުން ޒަޚަމްވެފައި ވާއިރު، މިއީ ފާއިތުވި އަހަރުގެ މި ތިން މަހާ އަޅާބަލާއިރު %42 ގެ އިތުރުވުމެކެވެ. އޭގައި ފާހަގަކޮށްފައި ވާގޮތުގައި ގިނަ މީހުން މަރުވެފައި ވަނީ ޠާލިބާން ފަދަ، ސަރުކާރާ ދެކޮޅު ޖަމާއަތްތަކުން ދިން ހަމަލާތަކުގައެވެ.
ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 30 ގެ ނިޔަލަށް ފާއިތުވި ތިން މަސްދުވަހަކީ، އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގެ މައުލޫމާތު ޔުނައިޓެޑް ނޭޝަންސް އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާން (ޔުނާމާ) އިން 2009 ވަނަ އަހަރު އެއްކުރަން ފެށީއްސުރެ އެންމެ ލޭ އޮހޮރުން ބޮޑު ތިން މަހެވެ.
މިއަހަރުގެ ފުރަމަތަ 6 މަސްދުވަހު ފާއިތުވި އަހަރުގެ ފުރަތަމަ 6 މަސްދުވަހަށްވުރެ ގިނަ މަދުން މީހުން މަރުވި ނަމަވެސް، ދެން ޖެހިގެން އައި 3 މަސް ވެގެން ދިޔައީ މާ ގިނަ މީހުން މަރުވި 3 މަސްދުވަހަށްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މިހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދެވުނު ހަމަލާތަކުގައި ޖުމްލަ 2563 މީހުން މަރުވެ، 5675 މީހުން ޒަޚަމްވެފައި ވާއިރު، އޭގެ ތެރޭން 1149 މީހުން މަރުވެ، 1199 މީހުން ޒަޚަމްވެފައި ވަނީ ސަރުކާރުގެ ސިފައިން ނުވަތަ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިން ހަމަލާތަކުގައި ކަން ފާހަގަކޮށްލެވެއެވެ. މި މުއްދަތުގައި މަރުވެ ޒަޚަމްވި މީހުންގެ %41 އަކީ އަންހެނުންނާ ކުޑަކުދިންކަންވެސް ފާހަގަކޮށްލެވެއެވެ.
"އަފްޣާނިސްތާނުގެ މައްސަލައަށް އަސްކަރީ ހައްލެއް ނެތްކަން ހުރިހާ ފަރާތަކުން ހެން ގަބޫލުކުރާއިރު، މި އަދަދަށް އާއްމުން މަރުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން." އދ.ގެ ފަރާތުން އަފްޣާނިސްތާނުގައި ހުންނަވާ ޚާއްސާ މަންދޫބު ޓަޑަމިޗީ ޔަމަޓޮމޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އަދަދުތަކުން ދައްކައިދެނީ ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހައަކާ ހަމައަށް ދިމުއަށް މަޝްވަރާކުރުމުގެ މުހިއްމު ކަމެވެ.