ގުގުރުމާއެކު ދެކުނަށް ވިއްސާރަ ކުރާނެ، ސަމާލުވޭ: މެޓު

ރާއްޖޭގެ ދެކުނުގެ ރަށްރަށަށް ގުގުރުމާއެކު އަދިވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެއްޖެއެވެ.

 އެއޮފީހުން ވިދާޅުވީ ދެކުނުގެ އިތުރަށް ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ރާއްޖޭގެ މެދުތެރެއަށް ވެސް ވިއްސާރަ ކުރުމާއެކު ގުގުރުރުން އެކަށީގެންވާ ކަމަށެވެ. މި ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

މޫސުމާ ބެހޭ އޮފީހުން މިހާރުވެސް ވަނީ އެންމެ ދެކުނުގެ 4 އަތޮޅަށް ވައިޓު އެލާޓު ނެރެފައެވެ. އެލާޓު ނެރެފައިވަނީ މިއަދު މެންދުރު ފަހު 3:00 އާ ހަމައަށެވެ. ވައިޓު އެލާޓު ނެރުނީ ބޯކޮށް ވާރޭވެހި ގުރާތީއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު   ދެކުނުގެ އަތޮޅުތަކަށްގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. ވައިޖެހޭނީ އިރާއި އިރު ދެކުނުންނެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. "ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ދަންނަވަން" މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.