މާލޭގައި ހިނގި އަލިފާނުގެ ބޮޑު ޙާދިސާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ބަސްހުސް ކުރައްވައިފިއެވެ. ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލިމައްސަލަ ބަލައިގަތީ ޖަލްސާއަށް ވަޑައިގެން ތިއްބެވި 50 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އަލިފާން ކޮންޓްރޯލް ކުރުމަށް ސިފައިން ޙަރަކާތްތެރިވި ގޮތާއި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ގޮތާމެދު ސުވާލު އުފައްދަވައިފައެވެ. އަދި އަލިފާން ނިވަން ބޭނުންކުރި ވަސީލަތްތަކާ މެދުވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. ރާއްޖެއަކީ ހަނގުރާމައެއް ހިނގާ ތަނެއް ނޫންކަމަށް ފާހަގަ ކުރައްވާ ދިމާވާ މިފަދަ ހާދިސާތަކުން ރައްޔިތުން ރައްކާތެރި ކޮށްދިނުމަށް ސިފައިން ތިބެންޖެހޭނީ ތައްޔާރީ ޙާލަތުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. މަތިންދާ ބޯޓުގައި އަލިފާން ނިވާލެވޭނެ ފެންވަރު ރާއްޖޭގެ ނެތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަލިފާނުގެ ޙާދިސާ ހިނގާ ދިޔަގޮތާމެދު ޑިފެންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލައިގައި ވާހަކަ ދެއްކެވި ބައެއް އެހެން މެމްބަރުން ވެސް ވިދާޅުވީ އަލިފާން އަވަހަށް ނިއްވޭނެ ނިޒާމުތަކެއް މާލޭގައި ގާއިމުކުރަން ޖެހޭ ކަމަށެވެ. އަލިފާން ނިއްވުމުގައި ބޭނުން ކުރާނެ ވަސީލަތްތައް ނެތްކަން ފާހަކޮށް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ހުކުރު ދުވަހުގެރޭ މާލޭގައި ހިންގި ނުރައްކާ ތެރި އަލިފާނުގެ ޙާދިސާގައި އެކަކު މަރުވެ އެތައް އާޢިލާއެއް ވަނީ ހާލުގައި ޖެހިފައެވެ. އެހާދިސާގައި ހަތް އިމާރާތެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.