ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ނިޔާވި ތ. ބުރުންޏަށް އުފަން ޢާޢިޝަތު ޝައުނާ (46) ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރިކަޒުގައި އޮންނާނެއެވެ.
ޝައުނާ ނިޔާވެފައިވަނީ، ކެމިކަލް ގުދަނުގައި ގޮވުމެއް ގޮވާ ރޯވި އަލިފާންގަނޑާއެކު އެންމެ ބޮޑަށް އަލިފާން ރޯވި ހ.ރަނދުވާނިއާގޭގައި ނުނުކުމެވި ތާށިވެފައި ހުންނަން ޖެހުމުންނެވެ. އެގޭގައި ދިރިއުޅޭ ހަ މީހަކު އަލިފާނުގެ ސަބަބުން ނުނުކުމެވި ތާށިވި ކަމަމަށް ވެއެވެ. ނަމަވެސް ޝައުނާ ފިޔަވައި އެންމެ ވަނީ ސަލާމަތް ކޮށްގެން އެ ޢިމާރާތުން ނެރެފައެވެ. ޝައުނާ ހޯދުމަށް އެކި ފަހަރު މަތިން ސިފައިންގެ ރެސްކިއު ޓީމް އެ އިމާރާތަށް އެރި ކަމަށް ވެއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު ޝައުނާ އޮތީ ނިދާފައި ކަމަށްވެ އެވެ. ނަމަވެސް އޭނާއަށް ހޭލެވި އޭނާގެ ބޭބެއަށް ގުޅާ ނުނުކުމެވި ތާށި ވެފައި ހުރި ވާހަކަ ބުނެފައިވާކަމަށް ވެއެވެ. މަރުވެފައިވާ ޝައުނާގެ ހަށިގަނޑު ފެނުނީ އަލިފާންކޮންޓްރޯލް ކުރެވުނުފަހުން އޭނާ ދިރިއުޅުނު އިމާރާތުގެ ތެރެއިންނެވެ. ފެނުނުއިރު އޭނާގެ ހަށިގަނޑު ވަނީ ކާކުކަން ނޭގޭ ވަރަށް އަދައި ފައެވެ. އެހާ ބޮޑަށް އަނދާފައިވާތީ އޭނާގެ ގާތް މީހުންނަށް ފިޔަވައި އިތރު މީހުންނަށް މޫނު ނުދެއްކުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެ އެވެ.
ޝައުނާގެ ދެ ފިރިހެން ދަރިން އެބަތިއްބެވެ.