މިއަދަށް ފަހު އަބްދުﷲ ދީދީގެ ނަމުގެ ކުރިޔަށް ފަނޑިޔާރު ނުކިޔޭނެ: މުޙަންމަދު އަބްދުﷲ ޝަފީގު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ނަންފުޅުގެ ކުރިޔަށް މިއަދަށް ފަހު "ފަނޑިޔާރު" މި ނަން ބޭނުން ނުކުރެވޭނެ ކަމަށާއި ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް މިއަދު 1:30 ގައި ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި ބޮޑު އަޣްލަބިއްޔަތުން އެމަނިކުފާނު ވަކިކުރައްވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙަންމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުއްވި މައްސަލައިގައި މިއަދު މެންދުރު ފަހު ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު އެ މައްސަލައިގެ ބަހުސްގައި މެމްބަރު މުޙަންމަދު އަބްދުﷲ ޝަފީގު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީސް އުންމީދީ ގޮތަކަށް ބަދަލުތަކެއް އައިނަމަވެސް އެކަށީގެންވާ މަސައްކަތް މަޖިލީހުން ނުކުރެވޭ ކަމުގެ ޝަކުވާ ރައްޔިތުންގެ މެދުގައި އެބަހުރި ކަމަށާއި ނަމަވެސް މިއަދަކީ އެ ޝަކުވާތަކަށް "ފަރުވާ" ލިބުން އައުން ފެށިގެން ކުރިޔަށްދާ ދުވަސް ކަމަށެވެ.

"ކޮރަޕްޓް ޖަޖެއް ވަކިކުރުމުގެ މައްސަލަ މި މަޖިލީހުގެ ތަޅުމަށް އައިސް އެކަމަށް ގޮތެއް ނިމިގެންދާ މި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހެއް. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ތަކެއް ކުރެވި، 9 ކަމެއްގެ އެބައޮތް ފާހަގަކޮށްފައި ޖޭއެސްސީން" މުޙަންމަދު ވިދާޅުވިއެވެ.

އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ބަޔެއް ކަންކަމުގެ ތަސީލު ދެއްވަމުން މުޙަންމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައިވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އެ އަމަލުފުޅަކީ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑުން ބޭރުވެވަޑައިގެންފައިވާކަން ސާބިތު ކުރެވެން އޮތް ވަރަށް ސާފު ހެއްކެތް ކަމަށެވެ.

"އިތުރު ތަހުގީގުތަކެއްވެސް ހަގީގަތުގައި ކުރާކަށް ނުޖެހޭ، އެހެންނަމަވެސް އިޖުރާތްތައް ފުރިހަމަ ކުރައްވާ، އެކަށީގެންވާ ވަގުތު ދެއްވާ، ޖަވާބުދާރީ ކުރުވާ އަދި ޖަވާބުދާރީ ވެވަޑައިގަތުމަށް އާންމުކޮށް ހުޅުވާލެވިފައިވާ ތަނެއްގައި ބޭނުންފުޅު ވާތީވެ، ދަރުބާރުގޭގައި އެކަން ކުރައްވާ ޖޭއެސްސީން އެ ގެންގުޅުއްވި އުސޫލުތަކާއި ހަމަޖެއްސި އިންތިޒާމު ތަކަށްޓަކައި އަޅުގަނޑު މިއަދު ޖޭއެސްސީގެ އިސްބޭފުޅުންނަށް ޝުކުރު ދަންނަވަން" މުޙަންމަދު ވިދާޅުވިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރަން ނިންމާފައިވާއިރު އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކުރަނީ އެ މައްސަލައިން ދިފާއުވެވަޑައިގަތުމުގެ ފުރުޞަތު އެކަށީގެންވާ ވަރަށް ނުދެއްވައި ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. މޯޑް އަދިވެސް ލިޔާ ލިޔުން ތަކުގައި ހުންނާނީ ފަނޑިޔާރު ދީދީ އޭ މޯޑް ވެސް ކޮސް ގޮވަނީ ކަލޭ މެންބަރު ކަމުން ވަކިވިއަސް ނުކިޔާނެ އިއްޒަތްތެރި މެންބަރެކޭ...ކަލޭގެ ކަރަޕްޓުކަންވެސް ޖެހޭނީ ބަލާ ތަހުގީގު ކުރަން ކަލޭ ފޮޓޯ ނަގާ އުޅުނީ ކާކުދިން ކެމަރާ އަކުންތަ؟ ކަލެ ބޮޑު ލާރިއެއްވެސް ޚަރަދު ނުކޮށް ހޯދި ކެމެރާއެއް އެއީ ދިންމީހާ ވެސް އަހަރެންނަށް އިނގޭ މިއީ ވަރަށް ވާހަކަ ......

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.